މި އަހަރުގެ ފިތުރު އީދު، ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝުކުރު އަދާކުރައްވައިފިއެވެ.

ރައީސް އެ ފަރާތްތަކުގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރައްވައި ޝުކުރުއަދާކުރެއްވީ މިއަދު އެ މަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ.

ފިތުރު އީދުގެ މުނާސަބަތުގައި އީދު ބޮކި ދިއްލުމާއި އީދު ހަވީރު ބޭއްވުމާއި ހަވާ އެރުވުމާއި ދިވެހި ސަގާފަތް ދައްކުވައިދޭ އެތައް ކުލަގަދަ ހަރަކާތްތަކެއް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާއިރު މާލޭގައި ވަނީ އީދު ހަވީރުގެ ނަމުގައި ބޮޑު ހަވީރެއް ބާއްވައިފައެވެ.

އެ ހަވީރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވަނީ، އެމްއެންޑީއެފް، ފުލުހުން، ލޯކަލް ގަވަރުމަންޓް މިނިސްޓްރީ، އިސްލާމިކް މިނިސްޓްރީ، ސްޕޯޓްސް މިނިސްޓްރީ އިތުރުން ދައުލަތުގެ ކުންފުނިތައް ކަމަށްވާ އެމްޓީސީސީ، އެސްޓީއޯ، ސްޓެލްކޯ، ފެނަކަ ކޯޕަރޭޝަން، އެމްއޭސީއެލް، އެމްޑަބްލިޔުއެސްސީ، ޕީއެސްއެމް، އެޗްޑީސީ، އާރުޑީސީ އަދި އެމްޕީއެލް ބައިވެރިވެގެންނެވެ.

އީދު ހަވީރުގައި ރައީސް އާއި އެ މަނިކުފާނުގެ އާއިލާއިން ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.