ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ އިންޑިއާއެކު ރާއްޖޭން ހާސިލް ކުރެވުނު ކާމިޔާބީގެ މިސާލެއް ކަމަށް ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.
އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން، އައިއޯއާރްއޭގެ 25 ވަނަ ވަޒީރުންގެ ފެންވަރު ބައްދަލުވުމުގެ ތެރެއިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއެކު ބޭއްވި ބައްދަލުކުރެއްވުމަށްފަހު މިނިސްޓަރު އިރުތިޝާމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ނަންފުޅުގައި، ދެ ގައުމުގެ ދެމެދުގައިވާ އިހުތިރާމާއި އިތުބާރާއި ދޭދޭ ވިސްނުންތަކުގެ މައްޗަށް ބިނާވެފައިވާ އަވައްޓެރި ގާތް ގުޅުން ދެމެހެއްޓުމުގައި ރާއްޖެއަކީ އިހުލާސްތެރި ރަހުމަތްތެރިއެއް އަދި ޒިންމާދާރު ބައިވެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށެވެ.
އިންޑިއާއިން ރާއްޖެއާ އެކު ދަމަހައްޓަމުން އަންނަ ޒަމާންވީ އެކުވެރިކަމާއި މަދަދުވެރިކަމާއި ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރައްވަން އަމިއްލަފުޅު ހައިސިއްޔަތުން މޯދީ ކުރައްވާ މަަސައްކަތްޕުޅަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް މިނިސްޓަރު އިރުތިޝާމް ވިދާޅުވި އެވެ.
"އެއް ގައުމުން އަނެއް ގައުމަށް އިހުތިރާމްކުރާ އަދި ސިޔާދަތީ ގޮތުން ހަމަަހަމަ ދެ ގައުމުގެ ގޮތުގައި އަޅުގަނޑުމެންނާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ އަގު އަޅުގަނޑުމެން ވަޒަންކުރަން. ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ އަޅުގަނޑުމެންނަށް އެކުގައި ހާސިލު ކުރެވިދާނެ ކަންތައްތަކުގެ މިސާލެއް،" އިރުތިޝާމް ވިދާޅުވިއެވެ."
އަދި އެއީ ރައްޔިތުންނަށް ހަގީގީ ފައިދާ ލިބިދޭން މަސައްކަތްޕުޅު ކުރައްވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަޒުމް ކަނޑައަޅުއްވައިގެން ހުންނެވިކަން ދައްކައިދޭ ކަމެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާވެސް ވަނީ ބައްދަލުކުރައްވައިފައެވެ.
ކޮމެންޓް