ކާނަލް (ރިޓަޔާޑް) އާދަމް އިބްރާހީމް މަނިކު (ބިލާލް އާދަމް މަނިކު) އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގައި 41 އަހަރަށް ވުރެ ދިގު މުއްދަތެއްގައި ހިދުމަތް ކުރައްވާފައިވާ މަރުހޫމް އާދަމް އިބްރާހިމް މަނިކު އަވަހާރަވި ހަބަރު އެއްސެވީ ފުން ހިތާމައެކު ކަމަށެވެ.

ރައީސް ވިދާޅުވީ، އާދަމް އިބްރާހިމް މަނިކަކީ ނޮވެންބަރު 3 ގެ އުދުވާނީ ހަމަލާއިން ދިވެހިރާއްޖެ ދިފާއުކުރެއްވުމަށް ސިފައިންގެ މައި މަރުކަޒުގައި ހުންނަވައި ހިތްވަރާއެކު އެންމެ ކުރީ ސަފުގައި ޖިހާދުކުރެއްވި ބޭފުޅެއް ކަމަށާއި އެއީ އެ ދުވަހު ދުޝްމަނުން ސިފައިންގެއަށް ހަމަލާ ދެމުން ދަނިކޮށް ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވައި ދުޝްމަނުންގެ ހަރަކާތްތައް ބެއްލެވުމުގެ އަޒުމުގައި ބަހެއްގައި ބޭރަށް ނުކުމެވަޑައިގަތުމަށް އިސްނަންގަވައި ބަހަށް އަރާވަޑައިގެންނެވި ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ.

ރައީސް ވިދާޅުވީ ބިލާލް އާދަމް މަނިކަކީ ސިފައިންގެ ހިދުމަތުގައި ދިވެހި ސިފައިން ތަމްރީނު ކުރެއްވުމުގައާއި އަސްކަރީ ހެވިކަން ކުރިއެރުއްވުމުގައި އަގުހުރި މަސައްކަތްތަކެއް ކުރެއްވި ސިފައިންގެ އިސް އޮފިސަރެއް ކަމަށާއި އަދި ސިފައިންގެ ތަފާތު ޔުނިޓްތައް ހިންގެވި ސިފަވަންތަ ކޮމާންޑަރެއް ކަމަށެވެ.

ރައީސް ވިދާޅުވީ ބިލާލް އާދަމް މަނިކަކީ ސިފައިންގެ ހިދުމަތުގެ މުއްދަތުގައި ސިފައިން ހިންގާފައިވާ ތަފާތު ގިނަ ހާއްސަ އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެެރިވެ ވަޑައިގެންނެވި އިހުލާސްތެރިއެއް ކަމަށެވެ.

ރައީސް ވަނީ ބިލާލް އާދަމް މަނިކުގެ އާއިލާއަށާއި ދިވެހި ސިފައިންނަށް ތައުޒިޔާ ވިދާޅުވެފައެވެ.