ފަލަސްތީނަށް ހައްގު ހޯދައިދޭން ހަމައެކަނި ބަސްތަކަށްވުރެ ކުރިއަށްދާންޖެހޭ ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލައްވައިފިއެވެ.
ފަލަސްތީނު ރައްޔިތުންނާ އެކީ އެއްބައިވަންތަކަން ފާޅުކުރާ ބައިނަލްއަގުވާމީ ދުވަހާ ގުޅިގެން، ރައީސް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސުލްހައާއި މިނިވަންކަމާއި ކަރާމާތަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ތާއީދުގައި ދެމިއޮންނާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ ހަމަނުޖެހުންތައް ހުއްޓުވައި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރި ހުރަސްތައް ނައްތައިލައި، ބައިނަލްއަގުވާމީ ގާނޫނުތައް ނެގެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަން ކަމަށެވެ.
ފަލަސްތީނުގެ ހައްގުތަކަށް ވަކާލާތުކުރުމުގައި ރާއްޖެ ހަރަކާތްތެރިވަމުންދާ ގޮތަށް އެ މަނިކުފާނު އަލިއަޅުއްވައިލެއްވިއެވެ. އެގޮތުން، އދ. އާއި ތަފާތު ބައިނަލްއަގުވާމީ ފޯރަމްތަކުގައި ރާއްޖެ މަސައްކަތްކުރަމުންގެންދާ ކަމަށާއި، ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ގައި ހުށަހެޅި މައްސަލައިގައި ރާއްޖެ ބައިވެރިވެފައިވާ ކަމަށާއި، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްތީން ރެފިއުޖީސް އިން ދަ ނިއާ އީސްޓް (އަންރުވާ) އަށް ތާއީދުކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ހިތްދަތިކަމަށް ނިމުމެއް ގެނައުމަށް ވަގުތުން ފިޔަވަޅު އެޅުމަށް ގޮވައިލައްވަމުން އެ މަނިކުފާނު ވިދާޅުވީ 1967 ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިގެން، މިނިވަން ދައުލަތެއްގެ ގޮތުގައި ފަލަސްތީނު ބަލައިގަތުމަށް ރާއްޖެ ތާއީދުކުރާ ކަމަށެވެ. ހަމައެހެންމެ، އދ. ގެ ހުރިހާ ގުނަވަންތަކުގައި ފަލަސްތީނަށް ފުރިހަމަ މެންބަރެއްގެ ގޮތުގައި ހަމަހަމަ ހައްގުތައް ލިބެންޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެއްބައިވަންތަކަން ހަމައެކަނި ބަސްތަކަށްވުރެ ކުރިއަށް ދާންޖެހޭނެ. ފަލަސްތީނުގެ ރައްޔިތުންނަށް ރައްކާތެރިކަމާއި، އިންސާފާއި، އެމީހުންގެ އަމިއްލަ ބިމުގައި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގު ހައްގުވެގެންވޭ،" ރައީސް ވިދާޅުވިއެވެ.
ފަލަސްތީނު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ރާއްޖެ ކުރަމުންދާ މަސައްކަތް ކުރިއަށް އޮތް ތަނުގައި ވެސް ދެމެހެއްޓުމަށް ދިވެހި ސަރުކާރުން ވަނީ އަޒުމް ކަނޑައަޅައިފައެވެ.
ކޮމެންޓް