ކެންސަރު ބައްޔަށް ފަރުވާ ކުރެވޭނެ ގޮތް މާލޭ ސިޓީ، އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީގައި ހަދައިދޭނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީން މިރޭ ގެނެސްދިން "ޑރ. މުއިއްޒު ރައްޔިތުންގެ ގާތަށް" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ކަންސަރު ބައްޔަކީ ދިރިއުޅުމުގެ އާދަތަކަށާއި ކެއިން ބުއިމަށް ބަދަލުތަކެއް ގެނެސްގެން ރައްކާތެރިވެވިދާނެ ބައްޔެއް ކަމަށެވެ. ކެންސަރު ފަދަ ނަން ކޮމިއުނިބަލް ނުވަތަ ގައިން ގަޔަށް ނާރާ ބަލިތައް ރައްޔިތުންގެ މެދުގައި އެބަހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭނާގެ ސަރުކާރެއްގައި ބަޖެޓުގައި ވަރަށް ބޮޑަށް ޕްރިވެންޓިވް ހެލްތު ކެއާއަށް ހާއްސަ ސަމާލުކަމެއް ދީ، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމުތައް ކުރިއަށްގެންދާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އެއިރުން ކެންސަރު ބަލި މަދުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ. އަދި ބަލިވީމާ ދެން ދޭން ޖެހޭ ފަރުވާ މިހާރަށް ވުރެ ރަނގަޅު ކުރާނެ ކަމަށާއި އައިޖީއެމްއެޗު މިހާރު ވަނީ ވަރަށް ދަށް ފެންވަރަކަށް ގޮސްފައި ކަމަށް މުއިއްޒު ވިދާޅުވިއެވެ. އޭނާގެ ސަރުކާރެއްގައި އައިޖީއެމްޗުގެ ހިދުމަތްތައް ބޮޑުތަނުން ރަނގަޅުކޮށް، ދަރުމަވަންތަ ހޮސްޕިޓަލް އެތަނުގެ އެންމެ ފުން މިނުގައި ތަރައްގީކުރާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
"އަދި އޭގެ އިތުރަށް ދަރުމަވަންތަ ހޮސްޕިޓަލް ގްރޫޕުގެ ގޮތުގައި ފުޅާކޮށް އިރާދަކުރެއްވިއްޔާ މާލޭގެ މި ހޮސްޕިޓަލުގެ ތެރޭގެ މި ހޮސްޕިޓަލް ފުޅާކުރެވިގެން ދާއިރު ކެންސާއަށް ދުނިޔޭގެ ފެންވަރުގައި އެންމެ ރަނގަޅު ހިދުމަތް ދެވޭނެ އިންތިޒާމު ގާއިމުކުރާނަން. އަދި އޭގެ އިތުރަށް އެހެންވެސް ގިނަ ހިދުމަތްތަކެއް ދެވޭ ގޮތަށް އިރާދަކުރެއްވިޔާމުން އަޅުގަނޑުމެން އިންޓަނޭޝަނަލް އެންމެ ރަނގަޅު ފެންވަރުގެ ހޮސްޕިޓަލްތަކުން، ކްލިނިކްތައް ގެނެސް އެމާޖް ކުރެވިފައިވާ ހޮސްޕިޓަލަކަށް ދަރުމަވަންތަ ގްރޫޕު ހަދާނަން،" މުއިއްޒު ވިދާޅުވިއެވެ.
"މާލޭ ސަރަހައްދުން ބޭރުން އެންމެ އުތުރުން، އެންމެ އުތުރުގައި ކުޅުދުއްފުށީ ހޮސްޕިޓަލް އެއީ އެންމެ އުތުރު ޑިވެލޮޕްމެންޓް ޒޯންގެ މައި ހަބުގެ ގޮތުގައި އަޅުގަނޑުމެންގެ ޕްލޭންގައި އޮންނާނެ. އަދި ދެކުނުން ހިތަދޫ ހޮސްޕިޓަލްގައި ވެސް މި ތިންތަނަކީ ވެސް ދެންނެވި ކަހަލަ މުހިންމު ބަލިތަކަށް ޓްރީޓުމެންޓު ދެވޭ، ހިދުމަތްދެވޭ ތިން ހޮސްޕިޓަލަށް ވާނެ"
އެ ތިން ހޮސްޕިޓަލަށް ވަކިން ސަމާލުކަމެއް ދީގެން ތަރައްގީކުރިޔަސް އެހެން ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް އިހުމާލުނުވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު