ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރުކުރަން ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައި ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލަ އެ ކޯޓަށް ބަލައިގަނެ ރަޖިސްޓްރީކޮށްފިއެވެ.

ޝާހިދުގެ ފަރާތުން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

ހައިކޯޓުގެ ވެބްސައިޓުން މިއަދު ދައްކަނީ އެ މައްސަލަ ރަޖިސްޓްރީ ވެފައިވާ ކަމަށެވެެ.

ހުޅުމާލޭގައި ޝާހިދު ދިރިއުޅުއްވާ އެޕާޓްމަންޓުން މިދިޔަ ހޯމަ ދުވަހުގެ ރޭ އޭނާ ހައްޔަކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުންނެވެ. އަދި ޝާހިދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް އަންގާރަ ދުވަހު ކޯޓަށް ހާޒިރުކުރުމުން އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.

ބުރާސްފަތު ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުން ވަނީ މާލޭގައި ޝާހިދު ދިރިއުޅުއްވާ ހ. ރަބީއީމަންޒިލްއަށް ވަދެ ބަލައި ފާސްކޮށްފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާކަން އިއުލާންކުރައްވާފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް ޝާހިދު ވަނީ ހައްޔަރުކުރުމުގެ ކުރިން އެކްސްގައި ޕޯސްޓެއް ވެސް ކުރައްވައިފައެވެ. އެ ޕޯސްޓެއްގައި ޝާހިދު ވިދާޅުވެފައިވަނީ، އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ކަމަށާއި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.