އަންނަ 2027 ވަނަ އަހަރަށް ލަފާކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް ރޭވިފައިވާ ހަރުދަނާ ބަޖެޓެއް ކަމަށް، ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ޕީއެންސީ މެންބަރު އާދަމް ޝަފީގު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ، 2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ، ދައުލަތުގެ ދަރަނީގެ ބުރަ ލުއިކޮށް، ފަތުރުވެރިކަމާއި އުމްރާނީ ތަރައްގީ އާއި ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއްދީފައިވާ ބަޖެޓެއް ކަމަށެވެ. އޭގެ އިތުރުން ޒުވާނުނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދީ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ރާއްޖޭގެ އިގުތިސާދީ ބިންގާ ވަރުގަދަކުރުމަށް ބަޖެޓުގައި ހާއްސަ ސަމާލުކަމެއް ދީފައިވާ ކަމަށްވެސް ވިދާޅުވިއެެވެ.

މެންބަރު ވިދާޅުވީ، އެކަންކަމުގެ ފައިދާ ސީދާ ރައްޔިތުންނަށް ލިބި، ކޮންމެ ރައްޔިތެއްގެ ދިރިއުޅުުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ.

މެންބަރު ވިދާޅުވީ، ސިއްހީ ދާއިރާ އާއި ތައުލީމަށް މި ބަޖެޓުގައި ބޮޑު އަހައްމިއްޔަތުކަމެއް ދީފައިވާ ކަމަށެވެ. އެގޮތުން ބަޖެޓުން އެންމެ ފާހަގަކޮށްލެވޭ ކަމަކީ، މި ދެ ދާއިރާއަށް ބަޖެޓުގައި ޖުމްލަ 12.3 ބިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށާއި، އެއީ ބަޖެޓްގެ 21 އިންސައްތަ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގެ ކުރިއަރާވާފައިވާ ގައުމުތަކާ އެއްވަރަށް ރާއްޖޭގެ ތައުލީމީ ދާއިރާ ގެންދަން މި ސަރުކާރުން އިސްކަންދޭ މިންވަރު މިކަމުން ދޭހަވާ ކަމަށްވެސް ވިދާޅުވިއެވެ.

ބޮޑެތި އިގުތިސާދީ މަސައްކަތްތައް މި ބަޖެޓުން ކުރިއަށްދާނެކަން ފާހަގަކުރައްވައި މެންބަރު ވިދާޅުވީ، ތިލަފުށި ބަނދަރާއި ގްރޭޓާ މާލޭ ސަރަހައްދުގައި ހިންގާ ބޮޑެތި މަޝްރޫއުތަކަށް ބަޖެޓުން ފަހިކޮށްދީފައވާ ކަމަށެވެ.

ބަޖެޓްގެ ރިކަރަންޓް ހަރަދު 62 ޕަސެންޓްގައި ހުރި ނަމަވެސް، މުވައްޒަފުންގެ މުސާރައާއި އެލަވަންސް ބޮޑުވާނެގޮތަށް އެ ހަރަދު ހިމެނިފައިވާތީ، އެއީ އީޖާބީ އަދި ޕޮޒިޓިވް ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.