ރައްޔިތުން ބޭނުންވާ ވަރަށް ސަރުކާރަށް ކަންތައްތައް ނުކޮށްދެވެނީ، ވާރުތަވެފައިވާ ބޮޑު ދަރަނި ދައްކަންޖެހޭތީ ކަމަށް ހުޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު މުހައްމަދު ޝާހިދު (ޝާޑް) ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަޖެޓް ބަހުސްގައި ވާހަކަދައްކަވަމުން ޝާޑް ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައިވެސް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ހުށަހެޅި ކަމަށާއި، ކުރެވުނީ ކޮން ކަންތައްތަކެއްތޯ ރައްޔިތުން ސުވާލުކުރާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓެއް ހުށަހަޅަނީ، ކޮން ކަންތަތަކަކަށްތޯ އާއި އެ ބަޖެޓް ހަރަދުކުރަނީ ކޮން ކަންތަކަކަަށްކަން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ޝާޑް ވިދާޅުވީ، ސަރުކާރު ވެރިކަމަށް އަންނަނީ ރައްޔިތުން ކައިރިއަށް ގޮސް، އެ މީހުންގެ ބޭނުންތައް އޮޅުންފިލުވައި ކަންކަން ކޮށްދިނުމަށް ވައުދުތަކެއް ވެގެން ކަމަށެވެ.
ނަމަވެސް ޝާޑް ވިދާޅުވީ، ބަޖެޓުން ހަމައެކަނި ހަރަދު ކުރަންޖެހެނީ، އެ ވައުދުތަކުގައި ހިމެނޭ، ބަލި މީހުންގެ ބޭހާއި، ކިޔަވާކުދިންގެ ލޯނާއި ބޯހިޔާވަހިކަމަށް އެކަނި ނޫން ކަަމަށެވެ.
ބަޖެޓުން ހަރަދުކުރުމުގައި އެންމެ ހިތްދަތިވަނީ، ވައުދުވެފައިވާ ގޮތަށް ރައްޔިތުންނަށް އެންމެ ފުރިހަމައަށްް ކަންތައްތައް ނުކޮށްދެވޭތީ ކަމަށާއި، އެކަން އެގޮތަށް ނުކޮށްދެވެނީ ވާރުތަވެފައި އޮތް ބޮޑު ދަރަނި ބަޖެޓުން ދައްކަން ޖެހޭތީ ކަމަށްވެސް ވިދާޅުވިއެވެ.
އެކަމުގެ މިސާލެއްގެ ގޮތުން ޝާޑް ވިދާާޅުވީ، ދަރުމަންތަ ހޮސްޕިޓަލް އިމާރާތަކީ ވެސް ރަހުނުކޮށް، ފައިސާ ނަގާފައިވާ ތަނެއްކަމުން، ފައިސާ ނުދައްކައި އެތަނަށް ވަދެފިނަމަ ބަޔަކު ބޭރުން އައިސް ތަޅުލަފާނެ ކަމަށާއި، އޭރުން އެތަނުން ރައްޔިތުންނަށް ހިދުމަތްވެސް ނުދެވޭނެ ކަމަށެވެ.
އަނެއް ކަމަކީ ބަޖެޓުގައި ލަފާކުރާ މިންވަރަށް އާމްދަނީ ނުލިބުން ކަމަށްވެސް ޝާޑް ވިދާޅުވިއެވެ.
ނަމަވެސް އޭނާ ވިދާޅުވީ، އުފާކުރާ ކަމަކީ ޒިންމާދާރުކާމާއެކު، ދަރަނި ދައްކަމުންވެސް މި ސަރުކާރުން ރައްޔިތުންގެ އުފާފާގަތިކަމަށްޓަަކައި ކަންކަން ހައްލުކުރަމުން ދިއުން ކަމަށެވެ. އަދި އެ ހުރިހާ ކަމަކާއެކުވެސް ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރަން ބަޖެޓުގައި ކަނޑައަޅާފައި ނުވުމަކީ ވެސްއުފަލެއް ކަމަށް ވިދާޅުވިއެވެ.
އިބްރާހިމް ޒަކީ
ކޮމެންޓް