ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް، ގއ. ވިލިނގިލި ކައިރީގައި އޮންނަ ފަޅުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދައިދޭނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ވިލިނގިއްޔަށް ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ކޫއްޑޫ އެއާޕޯޓް ބޭނުން ކުރާނީ ޓްރޭނިން އެއާޕޯޓެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ތަރައްގީގެ ޕްލޭންގައި އެކަން އޮތް ގޮތަކީ މިހާރު ކޫއްޑޫގެ އޮތް އެއާޕޯޓަކީ ޓްރެއިނިން އެއާޕޯޓަކަށް ބަދަލުކޮށް، ވިލިނގިލީގައި އަޅުގަނޑުމެންގެ ވިސްނުމުގައި މި އޮތީ މިތާ ކައިރީގައި މި އޮތް އެކަފަރު ހިމެނޭ ގޮތަށް ވިލިނގިލީގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް އަޅަން" މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާގެ ވެރިކަމެއްގައި ގދ. ކާޑެއްދޫ އެއާޕޯޓް ތަރައްގީކޮށް އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލު ކުރާނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

އޭނާގެ ވެރިކަމެއްގައި ގއ. އަތޮޅަށް 10،000 ޓޫރިސްޓު އެނދު ގެނައުމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ވިލިނގިލީގައި ހަދާ އެއާޕޯޓް އާއެކު ޓޫރިޒަމްވެސް ތަރައްގީ ކުރާނެ ކަމަށެވެ. އަދި އެ މަސައްކަތް ކާމިޔާބުވުމަށް ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް އޮތުން މުހިންމު ކަމަށް ވިދާޅުވިއެވެ

މުއިއްޒު ވިދާޅުވީ ވިލިނގިލި ކައިރީގައިވާ ފަޅު ހިއްކަން ފަށާނީ ވިލިނގިލިއާ ގުޅުވައިގެން ކަމަށެވެ. އޭރުން ރަށުގެ ޒުވާނުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.