އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ހާޒިރުކޮށްގެން މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުން ސިއްރު ކޮށްފިއެވެ.

މި ކޮމިޓީ ބައްދަލުވުން ފައްޓަވަމުން އެ ކޮމިޓީ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ކޮމިޓީގެ ނާއިބު މުގައްރިރު، އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ، މި ބައްދަލުވުމަކީ ކޮމިޝަނަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭގޮތުން ވާހަކަ ދައްކަން ހަމަޖެހިފައިވާ ބައްދަލުވުމެއް ކަމަށެވެ.

ދެން ވިދާޅުވީ، އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ސީރިއަސް މައްސަަލަތަކަކާ ބެހޭގޮތުން ވާހަކަދައްކާތީ ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން އެ ކޮމިޝަނުން އެދޭ ކަމަށެވެ.

އެހެންކަމުން މި ބައްދަލުވުމުގައި ހައްސާސް ވާހަކަތަކެއް ދައްކަން ހުރި ކަމަށް ވިދާޅުވެ، ކޮމިޓީ ސިއްރުކުރަން ހުށަހެޅުއްވީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހެވެ. މަމްދޫހު ހުށަހެޅުއްވި ގޮތަށް ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ތާއީދު ކުރެއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ.

ކޮމިޓީން އެ ހުށަހެޅުން ފާސްކުރިއެވެ.