މި މަހުގެ 15ގެ ނިޔަލަށް ދައުލަތަށް ލިބުނު ޓެކްސް އާމްދަނީ، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައި ބަލާއިރު ހަތް ޕަސަންޓު އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
އެ ރިޕޯޓުގައިވާ ގޮތުގައި މި ކުރިއެރުމުގެ މައިގަނޑު ސަބަބަކީ އާންމު މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް ނުވަތަ ޖީޖީއެސްޓީ އާއި ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސްގެ އިތުރުން މުހިންމު އެހެން ދާއިރާތަކުން ލިބުނު އާމްދަނީ މަތިވުމެވެ.
މި އަހަރުގެ މިހާތަނަށް ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ ލިބިފައިވާ އިރު، މިދިޔަ އެ މުއްދަތުގައި ލިބިފައިވަނީ 23.03 ބިލިއަން ރުފިޔާއެވެ. ހަމައެއާއެކު، ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 2.6 ޕަސަންޓު އިތުރުވެ، 31.89 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
ޖީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 8.2 ޕަސަންޓު އިތުރުވެ، 4.43 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޖީޖީއެސްޓީގެ ގޮތުގައި ލިބުނީ 4.09 ބިލިއަން ރުފިޔާއެވެ. ހަފުތާއެއްގެ ތެރޭގައި ދައުލަތުގެ އާމްދަނީއަށް އެންމެ ބޮޑު ކުރިއެރުމެއް ގެނެސްދިނީ ވެސް މި ޓެކުހުންނެވެ.
ރާއްޖޭގައި ވަޒަންވެރިނުވާ ފަރާތްތަކުގެ އަތުން ނަގާ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 10.4 ޕަސަންޓު އިތުރުވެ، 1.09 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
އާމްދަނީގެ އެހެނިހެން ދާއިރާތަކަށް ބަލާއިރު، އިމްޕޯޓް ޑިއުޓީގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ 15.2 ޕަސަންޓު އިތުރުވެ 2.79 ބިލިއަން ރުފިޔާއަށް އަރައިފައެވެ. ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.2 ޕަސަންޓު އިތުރުވެ 3.01 ބިލިއަން ރުފިޔާއަށް އެރި އިރު، ވިޔަފާރި އާއި މުދަލުން ނަގާ އެހެނިހެން ޓެކްސްތަކުން ލިބުނު އާމްދަނީ ވަނީ 87.8 ޕަސަންޓު އިތުރުވެ 1.39 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
އެއާޕޯޓް ސާވިސް ޗާޖާއި ޑިޕާޗާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 8.8 ޕަސަންޓު އިތުރުވެ 1.55 ބިލިއަން ރުފިޔާއަށް އެރި އިރު، މުދަލުން ލިބުނު އާމްދަނީ ވަނީ 12.1 ޕަސަންޓު އިތުރުވެ 1.97 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މީގެ އިތުރުން ދައުލަތަށް ލިބުނު ހިލޭ އެހީގެ މިންވަރު 68.1 ޕަސަންޓު އިތުރުވެ 0.52 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
ދައުލަތުގެ ހަރަދުތަކަށް ބަލާއިރު، އިދާރީ ހިދުމަތްތަކަށް ކުރި ހަރަދު 6.0 ޕަސަންޓު އިތުރުވެ 2.04 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. ހިނގަމުންދާ ހަރަދު ނުވަތަ ރިކަރަންޓް ހަރަދުގެ ޖުމްލަ 31.35 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، މިއީ މިދިޔަ އަހަރާ އަޅައި ބަލާއިރު 17.2 ޕަސަންޓުގެ އިތުރުވުމެކެވެ.
ބިމާއި އިމާރާތްތަކަށް ކުރި ކެޕިޓަލް ހަރަދު 38.9 ޕަސަންޓު އިތުރުވެ 1.57 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. މިއާއެކު ޖުމްލަ ކެޕިޓަލް ހަރަދު 15.2 ޕަސަންޓު އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
އެހެނިހެން ހަރަދުތަކުގެ ތެރޭގައި ހިމެނޭ ހިލޭ އެހީ އާއި ސަބްސިޑީއަށް ކުރި ހަރަދު 39.1 ޕަސަންޓު އިތުރުވެ 10.45 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. މީގެ ތެރެއިން ސަބްސިޑީއަށް ކުރި ހަރަދު 73.3 ޕަސަންޓު އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، އާސަންދައަށް ކުރި ހަރަދު ވަނީ 16.9 ޕަސަންޓު އިތުރުވެ 1.92 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ހަރަދު 14.1 ޕަސަންޓު އިތުރުވެ 5.56 ބިލިއަން ރުފިޔާއަށް ވަނީ އަރައިފައެވެ. ނަމަވެސް އިންޓަރެސްޓަށް ކުރި ހަރަދު ވަނީ 6.6 ޕަސަންޓު ދަށަށް ގޮސްފައެވެ.
އުމްރާނީ ވަސީލަތްތަކަށް ކުރި ހަރަދު 27.6 ޕަސަންޓު އިތުރުވެ 0.96 ބިލިއަން ރުފިޔާއަށް އަރާފައިވާ އިރު، ބަނދަރުތައް ތަރައްގީ ކުރުމަށް ކުރި ހަރަދު ވަނީ 25.5 ޕަސަންޓަށް އިތުރުވެފައެވެ. އަދި ކެޕިޓަލް އިކުއިޕްމަންޓް ހޯދުމަށް ކުރި ހަރަދު ވަނީ 22.0 ޕަސަންޓު އިތުރުވެފައެވެ.
މި އަހަރުގެ 15 އޮކްޓޫބަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 16.9 ޕަސަންޓު އިތުރުވެ، 36.39 ބިލިއަން ރުފިޔާއަށް އަރައިފައެވެ. މިއާއެކު ދައުލަތުގެ ބަޖެޓުގެ ޖުމްލަ ޑެފިސިޓް ވަނީ 4.50 ބިލިއަން ރުފިޔާއަށް އަރައިފައެވެ.
އަލީ ޔާމިން
އާމްދަނީ
އާމްދަނީ
އާމްދަނީ
ކޮމެންޓް