"ޗައިނާ ސޯލާ ލައިޓްސް މޯލްޑިވްސް" މަޝްރޫއުގެ ދަށުން އެ ގައުމުގެ ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް 880 ސޯލާ މަގުބައްތި މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮން ޝިއާންހުއާއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި ސާފު ހަކަތަ ކުރިއެރުވުމާއި ރަށްރަށުގެ ދެމެހެއްޓެނިވި ތަރައްގީ ކަށަވަރުކުރުން ކަމަށެވެ. މި އެހީގެ ސަބަބުން ރަށްރަށުގެ މަގުތައް އަލިކުރުމަށް އިއާދަކުރަނިވި ހަކަތަ ބޭނުންކުރަން މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މީގެ ކުރިން ވެސް ޗައިނާގެ އެހީގައި ރާއްޖޭގެ ތިން ރަށެއްގައި ސޯލާ މަގުބައްތި ވަނީ ބަހައްޓައިފައެވެ.

ދިވެހި ސަރުކާރުން އަމާޒު ހިފާފައިވަނީ 2028 ވަނަ އަހަރު ނިމޭއިރު ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސަންޓަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށެވެ.