ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން، އަދި އާ އީޖާދުތައް ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ ކަމުގައިވާ "މޯލްޑިވްސް އެކްސްޕޯ 2026" ގެ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފިއެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމު ކުރާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހު 25 އިން އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި އެކްސްޕޯގެ ތެރޭއިން އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ "ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފަންނުވެރިންގެ ކުޅަދާނަ އަތްތެރި މަސައްކަތްތަކާއި ތަފާތު އުފެއްދުންތައް ފެނިގެންދާނެއެވެ.

ދިރާގުން މިއަދު ބުނީ މި އެކްސްޕޯގައި އެކުންފުނީގެ ފަރާތުން ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ގޮތުން، ދިރާގު އެކްސްޕީރިއެންސް ސްޓޯލުން އެ ކުންފުނީގެ އެންމެ ފަހުގެ ހިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މި ސްޓޯލަށް ޒިޔާރަތްކޮށް ދިރާގުގެ ހިދުމަތްތައް ނަގާ ފަރާތްތަކަށް ހާއްސަ އޮފާތަކާއި އިތުރު ފައިދާތައް ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

މީގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ވަރަށް ހާއްސަ ގޭމް ކުޅުމުގެ ހަރަކާތްތަކެއް މި އެކްސްޕޯގައި ކުރިއަށްގެންދާނެއެވެ.

އޭގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެފްސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓާ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ވަނީ ހިމަނައިފައެވެ. އަދި ޖީޓީ 7 ރޭސިން ސިމިއުލޭޓަރާއި ބީޓް ސޭބާ ފަދަ ވާޗުއަލް ރިއަލިޓީ (ވީއާރް) ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް މުޅިން ލިބިގެންދާނެއެވެ.

ހަމައެއާއެކު، ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ހުރިހާ ހަރަކާތްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވުމުގެ އިތުރުން އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ދަނީ މުޖުތަމައުއަށް ފައިދާކުރަނިވި، ރާއްޖޭގެ ވިޔަފާރިތަކަށާއި އިގުތިސޯދީ ދާއިރާތަކަށް ދިރުން ގެނެސްދޭ މި ފަދަ މުހިންމު ހަރަކާތްތަކަށް އެއްބާރުލުންދީ، ޒަމާނީ އާ އީޖާދުތަކަށް މަގުފަހިވެ، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެދޭ އިވެންޓްތަކާއި އިނީޝިއޭޓިވްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވަމުން ކަމަށް ވެސް އެކުންފުނިން ބުންޏެވެ.