ކުރީގެ ރައީސް އަބުދުﷲ ޔާމިން އަބުދުލްގައްޔޫމްގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކަކީ ހަރާން ދައުވާއެކޭ މިހާރު ގޮވި ނަމަވެސް، އެ މަނިކުފާނު ޖަލަށް ލާފައިވަނީ ކަމެއް ނުކޮށް ހުންނަވަނިކޮށް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނ. މަގޫދޫއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި ގާސިމު ވިދާޅުވީ، ކަމެއް ނުކުރާ ކަމަށް ރައީސް ޔާމީން ވިދާޅުވާ އިރު، އެ މަނިކުފާނަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ފޮނުއްވި ފައިސާއަކީ ހަލާލު ފައިސާއެއް ނޫން ކަމަށް ޓީވީ ކުރިމަތީގައި ޔާމީން އިއުތިރާފު ވެފައިވާ ކަމަށެވެ.
"އެހެންވީމަ ކަމެއް ނުކުރައްވާތޯ އެ ހުންނެވީ،" ގާސިމު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ޔާމީންގެ ޝަރީއަތް ކުރިއަށްދާއިރު، ޔާމީންގެ އެކައުންޓުތަކަށް ޗެކުތަކުން މިލިއަނުން ފައިސާ ޖަމާވެފައިވާކަން ހާމަވަމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ހުރި ޔާމީންގެ ބޭންކު އެކައުންޓުތަކުގައި 400 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުރިކަމުގެ ވާހަކަ ދައްކާއިރު، ބޭރުގެ އެކައުންޓްތަކުގައި ހަމަ އެގޮތަށް ފައިސާ ހުރިކަމުގެ ވާހަކަ އަޑުއައްސަވާ ކަމަށް ވިދާޅުވިއެވެ.
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ ތެރެއިން ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދާފައިވާ ކަމަށް ދައުލަތުން ތުހުމަތުކުރި މައްސަލައިގައި، ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުރި ހުކުމް، ސުޕްރީމް ކޯޓުން ބާތިލު ކޮށްފައިވާތީ ގާސިމް ވިދާޅުވީ، ޗެކު ނަންބަރެއް ތަފާތުވެގެން ހުކުމް ސާބިތު ނުވުމަކީ ޖޯކެއް ކަމަށެވެ.
އެ މައްސަލާގައި ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅިއެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އަގުލަބިއްޔަތު ރައުޔަކާއެކު ހުކުމް ދެމެހެއްޓިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އެ ހުކުމް ބާތިލް ކުރިއެވެ.
އެއީ މި މައްސަލާގައި ހުށަހަޅާފައިވާ ވޮޑަމުލާގެ ފައިސާގެ ޗެކް ނަންބަރު އެސްއޯއެފްގެ ބޭންކް ސްޓޭޓްމެންޓާއި ޑިޕޮޒިޓް ސްލިޕްގައި ދެ ގޮތަކަށް އޮތުމުން ޔާމީންގެ އެކައުންޓަށް ވަދެފައިވަނީ ވޮޑުމުލާ ޗެކު ކަމާމެދު ސުވާލު އުފެދޭތީއެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ހުކުުމުގައި ވަނީ، ޔާމީންގެ އެކައުންޓަށް ވަން އެއް މިލިއަން ޑޮލަރުގެ ހަގީގަތް ނޭނގޭ ކަމަށާއި އެއީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމާމެދު ބޮޑު ސުވާލެއް އެބަ އޮތް ކަމަށެވެ. އެކަމާ ގުޅިގެން ހުކުމްގައި ބުނެފައި ވަނީ ޗެކްގެ ނަންބަރުގައި އޮތް ފުށުއެރުމަކީ ދަށު ކޯޓާއި ހައިކޯޓުގައިވެސް ފާހަގަވާންޖެހޭ ކަމެއް ކަމަށެވެ.