ދިވެހި ކުންފުނިތަކާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީ ކުރާ 1000 ހައުސިން ޔުނިޓުގެ މަސައްކަތް މި ހަފުތާގެ ތެރޭގައި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް ރޭ ވިދާޅުވި ގޮތުގައި، މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ 100 ޕަސަންޓު ދިވެހި ކުންފުނިތަކަކާ ހަވާލުކޮށްގެންނެވެ. މި މަޝްރޫއުގެ ދަށުން ފަސް ކުންފުންޏަކަށް މަސައްކަތް ބަހާލައި، ކޮންމެ ކުންފުންޏަކުން 200 ހައުސިން ޔުނިޓު ތަރައްގީ ކުރުމަށް ހަވާލު ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ކޮންމެ ކުންފުންޏަކާ ހަވާލުކުރާ 200 ޔުނިޓުގެ ތެރޭގައި 60 ޔުނިޓަކީ ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަކަށްވާ އިރު، 140 ޔުނިޓަކީ ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ޔުނިޓުތަކަކީ މީގެ ކުރިން ރާއްޖޭގައި ސޯޝަލް ހައުސިންއަށް ތަރައްގީކޮށްފައިވާ ޔުނިޓުތަކަށްވުރެ ޖާގަ ތަނަވަސް، ފެންވަރު ރަނގަޅު ތަންތަން ކަން ނާޒިމް ފާހަގަކުރެއްވިއެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓުތައް 700 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށާއި ތިން ކޮޓަރީގެ އެޕާޓްމަންޓުތައް 950 އަކަފޫޓަށްވުރެ ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މީގެ އިތުރުން، މި އިމާރާތްތަކުގެ ފިނިޝިންގެ މަސައްކަތާއި އިމާރާތުގެ ވަށައިގެންވާ ޖާގަ ބޭނުންކުރުމުގައި ކުރީގެ މަޝްރޫއުތަކާ އަޅައި ބަލާއިރު ތަފާތުތަކެއް ހުންނާނެ" ނާޒިމް ވިދާޅުވިއެވެ.
ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން އަންނަނީ ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަމުންނެވެ. މި މަޝްރޫއުތައް މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުގައި ވެސް އެކި މަރުހަލާތަކުގައި ކުރިއަށް އެބަދެއެވެ. މާލެ ސަރަހައްދުގެ ތެރޭގައި ހިމެނޭ ހުޅުމާލެ ފޭސް އެކަކުން ބިމަކާއި ތިނަކުން ބިމަކާއި ވިލިމާލެއިން ބިމެއް މިހާރުވެސް ވަނީ ހައުސިން ޔުނިޓުތައް ހަދަން ދިވެހި ކުންފުނިތަކާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ހުޅުމާލެ ފޭސް ދޭއްގައި ޗައިނާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުތަކުގެ ޑިޒައިން ކުރުމުގެ މަސައްކަތް ނިމި، ހުއްދަތައް ލިބުމާއެކު އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓްރީން ބުނެފައިވެއެވެ.
އަލީ ޔާމިން
ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީ
ހައުސިން މިނިސްޓްރީ
ކޮމެންޓް