ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ގެނެސްދޭ ރިޔާސީ ކެންޑިޑޭޓުންގެ ބަހުސް އަންނަ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަށް ފަރާތަކުން ވާދަކުރެއެވެ. އެއީ ސިޔާސީ ޕާޓީތަކުގެ ފަރާތުން ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރައްވާ ތިން ކެންޑިޑޭޓުންނެވެ.
- އެމްޑީޕީ - ރައީސް އިބްރާހީމް މުހައްމަދު ސޯލިހު
- ޕީއެމް/ޕީއެންސީ - މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު
- ޖުމްހޫރީ ޕާޓީ - ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމް
- އެމްއެންޕީ - ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް
- ދަ ޑިމޮކްރެޓްސް - ރައްޔިތުން މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު
- ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު
- ރައްޔިތުން މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫން
- ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަސަން ޒަމީލް
ރިޔާސީ ކޮންމެ އަހަރެއްގައި ކެންޑިޑޭޓުންގެ މެދުގައި ރިޔާސީ ބަހުސެއް ޕީއެސްއެމުން ބާއްވައެވެ. ރިޔާސީ ބަހުސަކީ އާންމުންގެ މަގުބޫލުކަން ލިބިފައިވާ ބަހުސެކެވެ. ރިޔާސީ ބަހުސްގައި ކެންޑިޑޭޓުންގެ ސިޔާސަތާއި ތަސައްވަރު އަދި ކުރިއަށް އޮތް ފަސް އަހަރާ މެދު އުންމީދު ކުރާ ގޮތް ހާމަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ޕީއެސްއެމުން ބުނީ ރިޔާސީ ބަހުސްގެ ދައުވަތު ހުރިހާ ކެންޑިޑޭޓުން ގަބޫލުކުރައްވާފައިވާ ކަމަށެވެ.
ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރުމަހުގެ ނުވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު