ޚަބަރު

ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާކުރަން އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފި

ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖައާ ކުރުމަށް އެމްޑީޕީގެ މެނިފެސްޓޯގައި ހިމަނައިފިއެވެ.

އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުން އއ. އުކުޅަހުގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އެމްޑީޕީގެ މެނިފެސްޓޯގައި ހިމެނޭ "އަމާން މުޖުތަމައު" ސިޔާސަތު ވަނީ އިފުތިތާހުކޮށްފައެވެ. މިއީ މެނިފެސްޓޯގައި ހިމެނޭ ފަސް ސިޔާސަތުގެ ތެރެއިން އިފުތިތާހު ކުރި ތިންވަނަ ސިޔާސަތެވެ.

އަމާން މުޖުތަމައުގެ ބައިގައި ހިމެނެނީ މައިގަނޑު ތިން ކަމެކެވެ. އެއީ ކުށުގެ ވެށިން ދުރުކުރުމާއި ކުށުގެ ވެއްޓަށް ފާރަވެރިވުމާއި ކުށަށް ޒިންމާނެގުމާ އެކު ފަރުވާއެވެ.

ކުށަށް ޒިންމާ ނެގުމުގެ ބައިގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮތީ ޕެރޯލް، ކްލެމެންސީ އަދި ހުކުމްކުރުމުގެ އުސޫލުތައް މުރާޖާކުރުމާއި އެ ކުށެއްގެ ޒިންމާ ނެގުމުން ބަންދު ނޫން އެހެނިހެން ބާވަތުގެ އަދަބުތައް ދިނުމުގެ އުސޫލު ހަރުދަނާ ކުރުމެވެ. އެކަމުގެ ސަބަބުން ޖަލުތަކުގެ އާބާދީ ކުޑަވާނެ ކަމަށްވެސް ބުނެފައިވެއެެވެ.

އެހެނިހެން ކަންކަން

  • ކުޑަކުދިން ކުށް ތަކުރާރުކުރުމާ ދުރުހެލިކުރުމަށްޓަކައި ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ ދަށުން ހިންގޭ ޕްރޮގްރާމްތަކަކީ ކުޑަކުދިންނަށް ކުރެވޭ ކުށަށް ފަރުދީ ޒިންމާނެގުމާއެކު، އެ ކުށުން ދުރުވުމަށް އާއިލާއާއި މުޖުތަމައުގެ ބައިވެރިވުން ލިބޭނެހެން ފަރުމާކުރެވި ތަންފީޒުކުރެވޭ ޕްރޮގްރާމަކަށް ހެދުން
  • ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކްރިޓިކަލް އިންފްރާސްޓްރަކްޗަަާ އެސެސްމަންޓެއް ހެދި، ހުރިހާ ދާއިރާއެއްގައިވެސް ކްރިޓިކަލް އިންފްރާސްޓްރަކްޗާ ގާއިމުކުރުން
  • އެކި ކުށްތަކުގައި ބަންދުކުރެވޭ މީހުންގެ އިންސާނީ ކަރާމާތަށް އިސްކަންދިނުމަށް ބޭނުންވާ ވަސީލަތްތައް ރިހެބިލިޓޭޝަން ސެންޓަރުތަކުގައާއި ޖަލުތަކުގައި ފުރިހަމަކުރުން
  • ޕްރިޒަން ރިހެބިލިޓޭޝަން ޕްރޮގްރާމް އިތުރަށް ފުޅާކޮށް، އެކި ބާވަތްތަކުގެ ކުށަށް އަރައިގަނެވޭ ފަރާތްތަކަށް އަމާޒުކޮށް ޕަޕެޓްރޭޓަާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި މި ޕްރޮގްރާމްގެ ތެރޭގައި މީޑިއޭޝަން ސެޝަންތަކާއި ވިކްޓިމް-އޮފެންޑާ ޑަޔަލޮގްތަކާއި ކޮމިއުނިޓީ ސަރވިސް އަދި ދިރިއުޅުމަށް ތައްޔާރުކުރުމާއި ކިޔެވުމާއި ތަމްރީނުގެ ބައިތައް ހިމެނުން
  • ރިހެބިލިޓޭޝަން ޕްރޮގްރާމް ފުރިހަމަކުރާއިރު އެމީހަކާއި އާއިލާއަށް ބޭނުންވާނެ ސައިކޮސޯޝަލް ސަޕޯޓާއި އެމީހަކަށް ބޭނުންވާނެ ޕިއަރ-ސަޕޯޓް އަދި ރިކަވަރީ-ސަޕޯޓް ނެޓްވޯކް ގާއިމުކޮށް، އެ މީހަކު ވަށައިގެންވާ ވެއްޓަކީވެސް އެމީހަކު ބަލައިގަންނަން ތައްޔާރަށް ހުރި ވެއްޓަކަށް ހެދުން