2022 ވަނަ އަހަރު ޝަރުއީ ދާއިރާގައި ހިނގައި ދިޔަ މުހިއްމު ކަންކަމުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މިދިޔަ އާދިއްތަ ދުވަހު އިއްވި ޖަލު ހުކުމް ހިމެނެއެވެ. އެ ހުކުމަކީ ޔާމީންގެ ސިޔާސީ ކުރިމަގާއި ގުޅިފައިވާ ހުކުމެކެވެ.
2019 ވަނަ އަހަރު ޔާމީނަށް އިއްވި ފަސް އަހަރުގެ ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރުމުން ޔާމީން ވަނީ ސިޔާސީ މައިދާނުގައި އިހުނަށްވުރެ ވަރުގަދަކޮށް އުޅުއްވަން ފައްޓަވައިފައެވެ. 2023 ވަނަ އަހަރަށް ޕީޕީއެމް ރިޔާސީ ޕްރައިމަރީ ޓިކެޓް އެ މަނިކުފާނަށް ވަނީ މިދިޔަ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު އަރުވައިފައެވެ. އެއިރު ވެސް އެ މަނިކުފާނުގެ މައްޗަށް ކުރާ މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާތައް ކޯޓުގައި ކުރިއަށްދެއެވެ.
ވ. އާރަށުގައި ރިސޯޓެއް ތަރައްގީކުރަން އެރަށް ވިއްކައިގެން ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރައްވައިގެން ހިންގެވި ހިޔާނާތުގެ މައްސަލަތަކުގައި 11 އަހަރަށް ޔާމީން ޖަލަށްލުމަށް ކުރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ. ދައުލަތުން ޔާމީންގެ މައްޗަށް ކުރި ދައުވާއަކީ ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ޔާމީން ކުރެއްވި އުއްމީދު އެ ހުކުމާއި އެކު މިވަނީ ވިއްސިވިހާލިވެފައެވެ.
އިންތިހާބަކަށް ކުރިމަތިލާ މީހުންގެ ކިބައިގައި ފުރިހަމަވާން ޖެހޭ ޝަރުތުތަކެއް ގާނޫނުއަސާސީގައި، ނުވަތަ ގާނޫނެއްގައި، ނުވަތަ ގަވާއިދެއްގައި ކަނޑައަޅައިފައިވާނަމަ، އެ އިންތިހާބަކަށް ކުރިމަތިލާ ކޮންމެ މީހެއްގެ ކިބައިގައި އެ ޝަރުތުތައް ފުރިހަމަވާން ޖެހެއެވެ. ޖިނާއީ މައްސަލައެއްގައި އެއް އަހަރަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދާތީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލުމަށް ގާނޫނު އަސާސީގައި އޮންނަ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް ޔާމީންގެ ކިބައިން ކުރިމިނަލް ކޯޓުގެ ހުކުމާއެކު ވަނީ އުނިވެފައެވެ.
ކުރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް އަދިވެސް އެ މަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ވަރަށް ހަނި ފުރުސަތެއް އެބައޮތެވެ. ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައިވަނީ ކުރިމިނަލް ކޯޓުގެ އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވެފައިވަނީ ޔާމީންގެ މައްސަލަ ނިންމެވުމުގައި މައްސަލަ ބެއްލެވި ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ގާނޫނީ ބޮޑެތި ގޯސްތަކެއް ހައްދަވާފައިވާ ކަމަށެވެ. އިސްތިއުނާފީ ކޯޓަކުން އެ ގޯސްތަކަށް ނަޒަރު ހިންގައިފިނަމަ، ޔާމީން މައުސޫމް މީހެއްގެ ގޮތުގައި އެނބުރި ރައްޔިތުން ކައިރިއަށް ވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވެފައިވެއެވެ.
ޑރ. ޖަމީލް ވިދާޅުވެފައިވަނީ ޔާމީންގެ ދިފާއުގައި ހުށަހަޅި ހެކިތަކާއި އެ މަނިކުފާނުގެ ދިފާއުގައި ގާނޫނީ ޓީމުން ކުރި މަސައްކަތް ހުރިހާ ރައްޔިތުން ދިޔައީ ބަލަމުން ކަމަށެވެ. އަދި ވިދާޅުވީ ކުށެއް ސާބިތު ނުވާނަމަ، ކޮންމެ މީހަކީ ވެސް މައުސޫމް މީހެއް ކަމުގައި ދެކުމަކީ ޝަރީއަތް ކުރުމުގެ އަސާސެއް ކަމަށާއި ދައުވާ ލިބޭ ފަރާތުގެ އެ މައުސޫމުކަން ނަގާލުމަކީ ނުވަތަ ކުށް ސާބިތު ކުރުމުގެ ބުރަ އޮންނަނީ ދައުވާ ކުރާ ފަރާތަށް ކަމަށެވެ.
"ދައުލަތަކަށް ހަމަ ހެއްކެއްވެސް، ހަމަ އެންމެ ހެއްކެއް ހުށަހެޅިފައެއް ނުވޭ. ކޮބާތޯ މަގާމުގެ ބޭނުން ހިއްޕަވައިގެން ރައީސް ޔާމީން ހިންގެވި އަމަލަކީ، އަދި އެ އަމަލަށް ޔާމީނު ނުފޫޒު ފޯރުވި ގޮތަކީ ކޮބައިތޯ. އެންމެ ހެއްކެއްވެސް ދައުލަތަށް ހުށަހެޅިފައި ނުވާކަން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފެނިގެން ގޮސްފަ މިވަނީ،" އޭނާ ވިދާޅުވިއެވެ.
ޑރ. ޖަމީލްގެ އެ ފާހަގަކުރައްވާ ނުކުތާތަކަށާއި ހައި ކޯޓަށް ހުށަހަޅާ އެހެން އިސްތިއުނާފީ ނުކުތާތަކަށް ރިއާޔަތް ކުރުމަށްފަހު ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ހައި ކޯޓުން ހުކުމްކޮށްފިނަމަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޔާމީނަށް ގާނޫނީ ހުރަހެއް ކުރިމައްޗެއް ނުވާނެއެވެ. އެކަމަކު ހައި ކޯޓުގެ އެ ހުކުމް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފިނަމަ 2023ގެ ފުރުސަތު އަނެއްކާ ވެސް ވާނެ ގޮތެއް ނޭނގެއެވެ.
ސުވާލަކީ ނުވަ މަސް ދުވަހުގެ ތެރޭގައި މަތީ މަރުހަލާގެ ދެ ކޯޓުން މައްސަލަ ބަލައި ނިމިދާނެ ހެއްޔެވެ. ރާއްޖޭގެ ޝަރުއީ ދާއިރާގެ ސްޕީޑަށް ބަލާއިރު އެއީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.
ކުރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ޖިނާއީ ބޮޑު މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ދިފާއުވާނެ ހެކި ހުރެ އެ ހެކި ހުށަހަނާޅައި ހުރެދާނެކަމަށް ސަބަބުވެރި އިންސާނެއްގެ ބުއްދި ގަބޫލުނުކުރާނެ ކަމަށެވެ. ހުކުމުގައި ބުނެފައިވަނީ ޔާމީން ދިފާއުގައި އެ ފާހަގަކުރައްވާ ގޮތަށް ގާނޫނާ އެއްގޮތަށް އާރަށުގެ މުއާމަލާތް ކުރިއަށްދިޔަނަމަ ދިފާއުވާން ހުރި ހެކިތައް ހުށަނާޅުއްވާ ނުހުންނަވާނެ ކަމަށެވެ. ހަނު ހުރުމަކީ ކުށެއްގެ ތުހުމަތުކުރެވޭ ކޮންމެ މީހަކަށް ލިބިގެންވާ ހައްގެއް ކަމުގައިވިޔަސް އެ ހައްގު ބޭނުން ކުރުމަކީ ކުށެއް ކުރިކަމުގެ ހެއްކެއް ނޫން ކަމަށް ޔާމީން ދެކެވަޑައިގަތަސް މާތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުން ހުރީ ހަނު ހުރުމަކީ ކުށުގެ ތުހުމަތުވާ މީހާއާ ދެކޮޅަށް ބޭނުން ކުރެވިދާނެ ހެއްކެއްގެ ގޮތުގައި ކަމަށް ކުރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިއެވެ.
ހުކުމުގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ތުހުމަތު ކުރެވިގެން ކުރާ ތަހުގީގުތަކުގައި ހަނު ހުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ މީހަކާ ކުރެވޭ ތުހުމަތަށް އިތުރަށް ބުރަދެވިގެން ދިޔުން ކަމަށާއި އެގޮތަށް ހައި ކޯޓުގެ ނިންމުމެއްވެސް ވާ ކަމަށެވެ. ފާއިތުވި ފަސް އަހަރުގެ ޔާމީންގެ މާލީ ބަޔާންތަކުގައި ޑޮލަރުގެ މުއާމަލާތެއް ކުރިކަން ފާހަގަކުރައްވާފައި ނެތް ކަމަށާއި ޕީޕީއެމްގެ ތިން އަހަރުގެ މާލީ އޮޑިޓް ރިޕޯޓުގައި ވެސް ސިޔާސީ ކަމަކަށް ޔާމީން މެދުވެރިކޮށް ފައިސާ ލިބުނުކަން ބަޔާން ކުރައްވާފައި ނެތްކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ހުކުމުގައި ބުނެފައިވަނީ ޔާމީން ދިރުއުޅުއްވާ ގޭގެ ސިޓިން ރޫމުގައި 15 މިލިއަން ރުފިޔާ ގުނައިގެން ޔޫސުފް ނައީމުއާ ހަވާލުކުރި މުއާމަލާތަކީ ގާނޫނާ ހިލާފު ނޫން މުއާމަލާތެއް ނަމަ އެކަން މާލީ ބަޔާނުގައި ފާހަގަ ނުކުރަންވީ ސަބަބެއް ނެތް ކަމަށެވެ. ޔޫސުފް ނައީމް 15 މިލިއަން ރުފިޔާ ބޭންކު އެކައުންޓަކަށް ޖަމާކުރިކަމުގެ ހެއްކެއް ވެސް ނެތްކަމަށް ހުކުމުގައި ބުނެފައިވެއެވެ.
އާރަށުގެ މައްސަލައިގައި ޔާމީނަށް ކުރާ ދައުވާތަކުން ދިފާއު ވާން ހެކި ހުރިނަމަވެސް އެ މަނިކުފާނު ހަނު ހުރުމަކީ ދައުލަތުން ކުރި ދައުވާއަށް ބާރުދޭ ގަރީނާއެއްގެ ގޮތުގައި ބެލެވިދާނެކަމަށް ވެސް ހުކުމުގައި ބުނެފައިއެވެ.