ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލައިގެ ހުކުމް އިއްވާ ތާރީހު އަވަސްކުރުމުން އެ މައްސަލަ ރައްޔިތުން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައި ދިނުމަށް ޕީޕީއެމުން އެދިއްޖެއެވެ.

ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޝިޔާމް މިއަދު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީގައި ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް އެކުލަވައިލި ތާވަލަށް ބޮޑު ބަދަލެއް ގެނެސް އެ މައްސަލައިގައި މިއަހަރުގެ ޖޫން މަހު ހުކުމްކުރާ ގޮތަށް ސަރުކާރުގެ ނުފޫޒުން ނިންމާފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ ކުރިމިނަލް ކޯޓުން މީގެ ކުރިން އެކުލަވައިލި ތާވަލުގައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު ހުކުމްކުރާ ގޮތަށް ކަމަށެވެ. ތާވަލަށް އެގޮތަށް ބަދަލު ގެނެސްފައިވާއިރު ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފުގެ ޝަރީއަތް ކޮވިޑު ހާލަތު ގޯސްވަމުންދާތީ ފަސްކޮށްފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ކޯޓުތަކުގައި ކުރާ ޝަރީއަތްތަކަކީ ހުރިހާ ފަރާތްތަކަށް ވެސް އަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު ކުރެވޭ ޝަރީއަތްތަކަށް ވާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރު ފެނިގެންދަނީ ސަރުކާރުން ކޯޓުތަކުގެ ތެރެއަށް އަތްބާނައި، ރައީސް ޔާމީންގެ ހައްގުތަކަށް އަރައިގަނެ ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަމުގެ ހައްގު ނިގުޅައިގަންނަމުންދާ މަންޒަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މަހުލޫފްގެ ކޮރަޕްޝަނުގެ މައްސަލަ ކުރިއަށް ނުގެންގޮސް ރައީސް ޔާމީންގެ މައްޗަށް ސިޔާސީ ދައުވާ އުފުލައި، ޝަރީއަތަށް އަތް ބާނައި އަދި ސަރުކާރުން ޖޭއެސްސީ ހައިޖެކްކޮށްގެން އުޅޭ މައްސަަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބަލައިދިނުމަށް އެދޭ ކަމަށް ސިޓީގައިވެއެވެ.

އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އިއްވުން އަންނަ ޖޫން މަހުގެ 30 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ވަނީ ބުނެފައެވެ.

އެކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ބުނީ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ކުރާ ދެ ދައުވާއެއްގެ ހުކުމްކުރާ ޝަރީއަތް ކުރިމިނަލް ކޯޓުން އަވަސްކުރީ ސަރުކާރުގެ ނުފޫޒުގެ ސަބަބުން ކަމަށެވެ.

ދެ ފަރާތެއްގެ ދެމެދުގައި ހިނގަމުންދާ މައްސަލައެއް ކުރިއަށް ގެންދިއުމަށް އެކުލަވައިލެވޭ ތާރީހުތަކަށް، އެ ދެ ފަރާތާ މަޝްވަރާކުރުމެއް ނެތި ބަދަލު ގެނައުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހިލާފު ކަމެއް ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.