ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ ބިޔަ މަޝްރޫއުގެ އެއްބަސްވުން ރައްޔިތުންގެ މަޖިލީހާ ހިއްސާކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މިއަދު ވިދާޅުވީ، މިފަދަ މަޝްރޫއުތަކަށް ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، އެއްބަސްވުމާއި ގުޅޭ ހުރިހާ ކަމެއް މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް ފޮނުއްވާނެ ކަމަށެވެ. އަދި މިކަންކަން ކުރިއަށްދާނީ ވަރަށް ދެފުށް ފެންނަ، ޒިންމާދާރު ގޮތެއްގައި ނިޒާމުގެ ތެރެއިން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ ދަށުން ބިދޭސީންނަށް ޕްރޮޕަޓީ ދޫކުރާނެ އުސޫލުތަކަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ، ވަކި އެއް ގައުމެއްގެ ނަސްލަކަށް ނިސްބަތްވާ މީހުންނަށް އެންމެ ގިނަވެގެން ދޫކުރެވޭނީ 25 އިންސައްތަ ކަމަށެވެ. އަދި އިސްރާއީލުގެ ރައްޔިތުންނަށް މި މަޝްރޫއުގެ ތެރެއިން އެއްވެސް ޕްރޮޕަޓީއެއް ގަނެ، ވިއްކައި އަދި ކުއްޔަށް ހޯދުން ފަދަ އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަށް ގާނޫނުގެ ތެރެއިން ބަންދުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، "އަދި އަމުދުން އިސްރާއީލްގެ މީހުންނަކަށް ނުތިބެވޭނެ. އިނގޭތޯ. އިސްރާއީލްގެ ޕާސްޕޯޓް އެކަންޏެއް ނޫން، އަޅުގަނޑުމެން އެކަން ބެލޭނެ އެއްގޮތުން، ބެލެން ހުންނަ ނިޒާމްތައް އެބަހުރި." ކަމަށެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ސަބަބުން ބިދޭސީންނަށް ދިވެހި ރައްޔިތުކަން ނުލިބޭނެކަން ގާނޫނުތަކުގައި ސާފުކޮށް ބަޔާންކޮށްފައިވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ބިދޭސީންނަށް ލިމިޓްތަކެއް ކަނޑައެޅި ނަމަވެސް، ދިވެހިންނަށް ޕްރޮޕަޓީ ގަތުމުގައި އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، 1000 އަކަފޫޓުގެ ޕްރޮޕަޓީއެއް ގާތްގަނޑަކަށް ހަ ލައްކަ ޑޮލަރަށް ލިބެން ހުންނާނެ ކަމަށާއި، މިއީ ރާއްޖޭގެ މެދުފަންތިއާއި އެއަށްވުރެ މަތީ ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ގަނެވޭނެ އަގެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދިވެހިންނަށް ހުރިހާ ޕްރޮޕަޓީއެއް ގަނެ، ސަރުކާރަށް ވިއްކާލުމުގެ ފުރުސަތުވެސް އޮންނާނެކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވުމާއެކު، މިފަދަ އިންވެސްޓްމަންޓެއްގެ ސަބަބުން ދީނީ ކަންކަމަށް ބަދަލު ނާންނާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، "އިސްލާމްދީން ނޫން ދީނެއް ރާއްޖޭގަ ޕްރެކްޓިސްއެއް ނުކުރެވޭނެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއް." ކަމަށެވެ. މި ހުރިހާ ކަމެއް ކުރިއަށް އޮތް ތަނުގައި މަޖިލީހަށް ހުށަހަޅާ ބިލުންނާއި އެއްބަސްވުންތަކުން ސާފުކޮށް ފެންނަން ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.