ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ ރަސްމާލެ މަޝްރޫއާ ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ފަތުރަމުންދަނީ ބިރުވެރިކަން އުފެއްދުމަށް ދައްކާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި، އެ ތަނުން އިސްރާއީލުގެ ރައްޔިތުންނަށް ޖާގަ ނުލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިހެން ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްގީކުރާ އެޕާޓްމަންޓްތައް ގަންނާނީ ޔަހޫދީން ކަމަށާއި، އެ ތަން ވެގެންދާނީ ޔަހޫދީން ވަޒަންވެރިވާ ތަނަކަށް ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
ރައީސް ވިދާޅުވި ގޮތުގައި އެއީ އަމަލީ ގޮތުން އެއްވެސް ވަރަކަށް ވާނެ ކަމެއް ނޫނެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެ މަނިކުފާނު ފާހަގަކުރެއްވީ، މިހާރުވެސް އެ ތަނުން ޕްރޮޕަޓީ ގަންނަން ޝައުގުވެރިކަން ފާޅުކުރަމުންދާ މީހުންނަކީ ގަލްފުގެ ގައުމުތަކާއި މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ މީހުން ކަމަށް ވުމެވެ.
"ދިވެހި ރައްޔިތުންނާއި އަރަބިންނޭ އަޅުގަނޑު ދަންނަވާނީ މިތަނުގައި ތިބޭނީ. އަރަބި އިސްލާމުން،" ރައީސް ވިދާޅުވިއެވެ.
އިސްރާއީލުގެ ޕާސްޕޯޓު މަނާކުރުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އިސްރާއީލުގެ ރައްޔިތުންނަށް ރަސްމާލެއިން އެއްވެސް ތަނެއް ހޯދުން ގާނޫނީ ގޮތުން މަނާވާނެ ކަމަށެވެ. އަދި މި ސަރުކާރުން އެފަދަ ކަމަކަށް އެއްވެސް ފުރުސަތެއް ނުދޭނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވިއެވެ.
އިދިކޮޅު ފަރާތްތަކުން މިފަދަ ވާހަކަތައް ދައްކަނީ ސިޔާސީ ބޭނުމެއްގައި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދުމަށް ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ. އަދި ބުއްދިއަށް ގަބޫލުނުކުރެވޭ މިންވަރަށް ސިޔާސީ މީހުން ދަށު ދަރަޖައަކަށް ދިއުމަކީ އެ ފަރާތްތަކުން އަމިއްލަ ނަފްސާމެދު ވިސްނަންޖެހޭ ކަމެއް ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން ފަށާފައިވާ ގައުމިއްޔަތު މަޝްރޫއުގެ ދަށުން ދިވެހިންގެ އައިޑެންޓިޓީއާއި އާދަކާދަތައް ހިމާޔަތްކުރާނެއެވެ. އަދި ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތައް ހިންގާއިރުވެސް އެ ކަންކަން ހިމާޔަތްކުރެވޭނެކަން ކަށަވަރުކުރައްވާނެ ކަމަށާއި، ގާނޫނު މަޖިލީހަށް ފޮނުވާއިރު އެކަންކަން ފެންނަން އޮންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް