ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީކުރާ ރަސްމާލެ މަޝްރޫއުން އިސްރާއީލުގެ ރައްޔިތުންނަށް އެއްވެސް ތަނެއް ނުގަނެވޭނެ ކަމަށާއި، ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކަށް ބަލާއިރު އެ ތަނުގައި ގިނައިން ދިރިއުޅޭނީ ދިވެހިންނާއި އަރަބި އިސްލާމުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ "ދަ ފަލްސް" ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް މިހެން ވިދާޅުވީ، ރަސްމާލެއިން ދިގު މުއްދަތަށް ވިއްކާ އެޕާޓްމަންޓްތައް ގަންނާނީ ޔަހޫދީން ކަމަށާއި، އެ ތަން ވެގެންދާނީ ޔަހޫދީން ވަޒަންވެރިވާ ތަނަކަށް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.
އެ ވާހަކަތައް ދޮގުކުރައްވައި ރައީސް ވިދާޅުވީ، އެއީ އަމަލީ ގޮތުން ވާނެ ކަމެއް ނޫން ކަމަށެވެ. އަދި މިހާރުވެސް އެ ތަނުން ޕްރޮޕަޓީ ގަންނަން ޝައުގުވެރިކަން ފާޅުކުރަމުންދާ މީހުންނަކީ ގަލްފުގެ ގައުމުތަކާއި މެދުއިރުމަތީގެ އަރަބި ގައުމުތަކުގެ މީހުން ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
"ދިވެހި ރައްޔިތުންނާއި އަރަބިންނޭ އަޅުގަނޑު ދަންނަވާނީ މިތަނުގައި ތިބޭނީ. އަރަބި އިސްލާމުން. އެނގޭތޯ؟ އެހެންވީމާ އެއްވެސް ފުރުސަތެއް އެކަމަކަށް ނެތް،" ރައީސް ވިދާޅުވިއެވެ.
ރަސްމާލެއިން އިސްރާއީލުގެ ރައްޔިތުންނަށް ޖާގަ ނޯންނާނެކަން ކަށަވަރުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ގާނޫނުގެ ތެރެއިން އެ ފަރާތްތަކަށް އެ ތަނުން އެއްވެސް ތަނެއް ހޯދުން މަނާވާނެ ކަމަށެވެ. އަދި އެއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށާއި، މި ސަރުކާރުން އެފަދަ ކަމަކަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވިއެވެ.
ސިޔާސީ ބޭނުމަށް ބުއްދިއަށް ގަބޫލުނުކުރެވޭ ފަދަ ވާހަކަތައް ދައްކައިގެން ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދަން އިދިކޮޅު ފަރާތްތަކުން މަސައްކަތްކުރާ ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ. އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ސަރުކާރުން ފަށާފައިވާ ގައުމިއްޔަތު މަޝްރޫއަކީ ދިވެހިންގެ އައިޑެންޓިޓީއާއި އާދަކާދަތައް ހިމާޔަތްކުރުމަށް ފެށި މަޝްރޫއެކެވެ. އެގޮތުން ސްކޫލްތަކުގައި ގައުމިއްޔަތު ކިޔަވައިދިނުމާއި، އިސްރާއީލު ޕާސްޕޯޓު މަނާކުރުމުގެ މަސައްކަތަކީވެސް އެ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ކަންކަން ކަމަށް ވިދާޅުވިއެވެ.
ރަސްމާލެ މަޝްރޫއު ކުރިއަށްގެންދާނީ ދިވެހިންގެ އާދަކާދަތަކާއި ގަބޫލުކުރުންތައް ހިމާޔަތްކުރެވޭނެ ގޮތަށް ކަމަށާއި، އެ ކަންކަން ފުރިހަމަކުރުމަށް ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން އެކަން ސާފުވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ކޮމެންޓް