ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭ ގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.
ފުލުހުން އެގޮތަށް އިންޒާރު ދީފައި މިވަނީ، އިދިކޮޅު ޕްރޮގްރެސިވް ކޮންގުރެސް ކޯލިޝަންގެ ފަރާތުން މާލޭގައި މިއަދު މުޒާހަރާއެއް ބާއްވަން ނިންމާފައި ވަނިކޮށް ނެރުނު ނޫސް ބަޔާނެއްގަ އެވެ.
ފުލުހުން ބުނީ، ރާއްޖޭގައި ކޮވިޑު ފެތުރުން ކޮންޓްރޯލްކޮށް އާންމު ސިއްހަތު ރައްކާތެރިކުރުމަށް މިމަހުގެ 13 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން، މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށްވުރެ ގިނަ މީހުން މަގުމައްޗަށާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓާލުމަށް އަންގާފައިވާ ކަމަށެވެ.
ނަމަވެސް އެޗްޕީއޭގެ އެންގުންތަކާ ހިލާފަށް އަދި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނާ ވެސް ހިލާފަށް މިއަދު މާލޭގެ އެކި ސަރަހައްދުތަކުގައި އެއްވުންތަކެއް ބޭއްވުމަށް ރާވަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުންޏެވެ.
"މިފަދަ ގާނޫނާއި ގަވައިދާ ހިލާފު އެއްވުންތައް ބޭއްވުމަށް މި ސާވިސް އިން ފުރުސަތު ނުދޭނެ ވާހަކަ ދަންނަވަމެވެ. އަދި ހުރިހާ ބޭފުޅުން ވެސް އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުކުރައްވައި ގާނޫނީ ތަރަހައިގެ ތެރެއިން އަމަލުތައް ބެހެއްޓެވުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން އިލްތިމާސްކުރާ ހާލު، އެޗްޕީއޭގެ އެންގުންތަކާ ހިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަމެވެ،" ފުލުހުންގެ ބަޔާނުގައިވެ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު