ކުރިއަށް އޮތް ތަނުގައި ތަރައްގީގެ ބައިވެރިން ހިޔާރުުކުރާ އިރު ބަލާނެ މިންގަނޑަކީ ނުވަތަ ސްޓޭންޑާޑަކީ ޗައިނާއިން ރާއްޖޭގައި ކޮށްފައިވާ އިންވެސްޓްމެންޓްތައް ކަމަށް ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

"ޗައިނާ-މޯލްޑިވްސް އިންވެސްޓްމެންޓް ކޯޕަރޭޝަން ފޯރަމް" ފެށުމަށް މިއަދު ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ރައީސް ވިދާޅުވީ ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންގޮސްފައިވާ ތަރައްގީގެ މަޝްރޫއުތަކާ އެކު ރާއްޖޭގެ އުމްރާނީ ތަރައްގީ ކުރިއަރައި، ކަނެކްޓިވިޓީ އާއި އަސާސީ ހިދުމަތްތައް ގާއިމްކުރެވިފައިވާ ކަމަށެވެ.

ރާއްޖޭން އިންވެސްޓްމެންޓްތައް ހޯދުމުގައި ބަލަނީ ހަމައެކަނި އޭގެއިން ފުރަތަމަ ލިބޭ ފައިސާއަށް ނޫން ކަމަށާއި އޭގެ ބަދަލުގައި، އެ އިންވެސްޓްމެންޓުން އުފެދޭ ސިނާއަތާއި ތަރައްގީ ކުރެވޭ ހުނަަރުތަކާއި ވަޒީފާތަކާއި ފުރުސަތުތަކަށް ވެސް ބަލާ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކުރިއަށް އޮތް ތަނުގައި ތަރައްގީގެ ބައިވެރިން ހިޔާރުުކުރާއިރު އަޅުގަނޑުމެން ބަލާނީ މި ސްޑޭންޑާޑަށް. ދެމެހެއްޓެނިވި އިގުތިސޯދީ އަގާއި އާންމު ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދޭ ތަރައްގީ އާއި ކުރިއެރުމުގެ މައްޗަށް.،" ރައީސް ވިދާޅުވިއެވެ.

ރާއްޖެ އާއި ޗައިނާއާ ދެމެދު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ޖެނުއަރީ 1، 2025 ގައި އަމަލުކުރަން ފެށުމަކީ ދެ ގައުމުގެ އިގުތިސޯދީ ގުޅުމުގައި ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި މިއީ ދުނިޔޭގެ އެންމެ ބޮޑު އެއް މާކެޓާ ގުޅި، ވާދަކުރުމަށް ދިވެހި ވިޔަފާރިތަކަށް ލިބިގެންދިޔަ ވަރުގަދަ ބާރެއް ކަމަށް ވެސް ވިދާޅުވިއެވެ.

"މި އެއްބަސްވުމުގެ ކުރީކޮޅުގެ ނަތީޖާތަކަކީ ވަރަށް އުންމީދީ ނަތީޖާތަކެއް، 2025 ޖަނަވަރީ މަހުން ފެށިގެން 2026 އޯގަސްޓް މަހުގެ ނިޔަލަށް، ރާއްޖެއިން ވަނީ ޗައިނާއިން ގާތްގަނޑަކަށް 440 މިލިއަން އެމެރިކާ ޑޮލަރުގެ މުދާ އެތެރެކޮށްފައި،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އަމާޒަކީ ހަމައެކަނި ވިޔަފާރީގެ މިންވަރު އިތުރުކުރުން ނޫން ކަމަށާއި އެކަމަކު އަމާޒަކަށް ވާންވާނީ ވިޔަފާރީގެ ގުޅުންތައް ބަދަހިކުރުމާއި އިގުތިސޯދީ އެއްބާރުލުމުގެ ފައިދާ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ސެޕްޓެމްބަރު މަހުގެ ނިޔަލަށް، އަލިޕޭ އަދި ވީޗެޓް ޕޭ މެދުވެރިކޮށް ރާއްޖޭގައި 73،000 އަށްވުރެ ގިނަ މުއާމަލާތް ހިންގާފައިވާ ކަމަށާއި އޭގެ ޖުމްލަ އަގު ގާތްގަނޑަކަށް 11 މިލިއަން އެމެރިކާ ޑޮލަރަށް އަރާ ކަމަށެވެ.

"މިއީ ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންނަށް ފަސޭހަކަމާ އެކު ފައިސާ ދެއްކޭ އަދި ދިވެހި ވިޔަފާރިވެރިންނަށް އޭގެ ސަބަބުން ފައިދާ ކުރާ އިންތިޒާމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އަލިބާބާ ފަދަ ޑިޖިޓަލް ޕްލެޓްފޯމުތަކުގެ ސަބަބުން ވެސް، ރާއްޖޭގެ އުފެއްދުންތައް ފޯރުކޮށްދޭ ފަރާތްތަކަށް ޗައިނާ އާއި އެހެނިހެން ގައުމުތަކުގެ ކަސްޓަމަރުންނާ ހަމައަށް ވާސިލުވުމުގެ އާ މަގުތައް ފަހިވެގެންދާ ކަމަށެވެ.