އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ހައްސަ ޖަލްސާއެއް މާދަމާ ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލިސް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އޮންނާނީ 1:30 ގައި ކަމަށެވެ. އެއީ އަންނަ އަހަަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމަށް ބާއްވާ ޖަލްސާއެއް ކަމަށްވެސް ވިދާޅުވިއެވެ.

ގާނޫނުގައިވާ ގޮތުން ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު، އަހަރު ނިމުމުގެ ދެ މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހެއެވެ. ބަޖެޓު ފާސްކުރާނީ، މުޅި މަޖިލީހާއި ކޮމިޓީ މަރުހަލާގައި ބަހުސް ކުރުމަށްފަހު މަޖިލީހުން ބަޖެޓަށް ގެންނަ އިސްލާހުތަކާއެކުގައެވެ.

އަންނަ އަހަރުން ފެށިގެން 2029 ވަނަ އަހަރަށް ލަފާކުރާ މެދުރާސްތާގެ ބަޖެޓު ތައްޔާރު ކުރުމުގެ މަަސައްކަތް ފިނޭންސް މިނިސްޓްރީން އަންނަނީ ކުރަމުންނެވެ.

ބޭސްލައިން ބަޖެޓަކީ، އިދާރާތަކުން މިހާރު ކުރިއަށްގެންދާ ނުވަތަ ހިންގަމުންދާ ހަރަކާތްތަކާއި މަޝްރޫއުތައް މިހާރު ކުރިއަށްގެންދާ ފެންވަރު ނުވަތަ ސްކޯޕުގައި ކުރިއަށް ގެންދިއުމަށްޓަކައި ހިނގާނެ ކަމަށް ލަފާކުރެވޭ ހަރަދުތަކުގެ މައްޗަށް އެކުލަވާލެވޭ ބަޖެޓެކެވެ.