ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު މަސައްކަތްކުރުމަށް ގޮންޖެހުންތައް ހުރި ކަމަށް ވިދާޅުވެ މީޑިއާ ކޮމިޝަންގެ ރައީސް މުހައްމަދު ފަރުސަތު މިއަދު އިސްތިއުފާދެއްވައިފިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު އެ ކޮމިޝަނުގެ ރައީސް ކަމަށް އައްޔަންކުރި ފަރުސަތު މަގާމުން އިސްތިއުފާ ދެއްވައި މިއަދު ރައީސް މުހައްމަދު މުއިއްޒަށް ވަނީ ސިޓީއެއް ފޮނުއްވައިފައެވެ.

އެ ސިޓީގައި ފަރުސަތު ވިދާޅުވީ މީޑިއާ ކޮމިޝަނުގެ މަސައްކަތްތައް ފުރިހަމަކަމާ އެކު، އަދި ހުރިހާ މީޑިއާތަކަށް ހަމަހަމަކާއި އިންސާފުވެރިކަމާ އެކު ކަންކަން ރާވާއި ހިންގުމަށް ހައްލު ނުކުރެވޭ ގޮންޖެހުންތަކެއް ހުރުމުގެ ސަބަބުން މިއަދުން ފެށިގެން އެ ކޮމިޝަނުގެ ރައީސް ކަމާއި މެމްބަރު ކަމުގެ މަގާމުން އިސްތިއުފާ ދޭން ނިންމާފައިވާ ކަމަށެވެ.

ފަރުސަތު ވިދާޅުވީ ރާއްޖެ ފުރިހަމަ ޑިމޮކްރަސީގެ ނިޒާމަކަށް ފުރޮޅެމުންދާ ދަނޑިވަޅެއްގައި މީޑިއާތަކަކީ އިލްމީ ގޮތުންނާއި ފައިސާގެ ތަނަވަސްކަމުގެ ގޮތުންނާއި "މެޗުއަރިޓީ"ގެ ގޮތުން މިނިވަން މާހައުލެއްގައި އާންމުންގެ ހައްގުތައް ކަށަވަރުކުރުމުގައި ޒިންމާދާރު ބަޔަކަށް ވުމަކީ އޭނާގެ އުއްމީދެއް ކަމަށެވެ.

ފަރުސަތު ވިދާޅުވީ ގާނޫނުން ކޮމިޝަނާއި މެމްބަރުންގެ މައްޗަށް މަގު ދައްކާފައި ވަނީ ދިވެހި މީޑިއާގެ މިންގަނޑުތަކާއި އަހްލާގީ ގަވާއިދު ދަމަހައްޓައި، ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ވާޖިބުތައް އަދާކުރުން ކަމަށެވެ. މީޑިއާ ކޮމިޝަނުގެ އިތުބާރާއި ގާނޫނުގެ ރޫހާއި މަގުސަދު ދެމެހެއްޓުމުގެ ބިންގަލަކީ އެއީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފަރުސަތު ވަނީ މޯލްޑިވްސް މީޑިއާ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފައެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގައި ހަތް މެމްބަރުން ތިއްބަވައެވެ. އެއީ މަޖިލީހުން ކަނޑައަޅާ ތިން މެމްބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ހަތަރު މެމްބަރުންނެވެ. ފަރުސަތަކީ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ.

ފަރުސަތަކީ މަޖިލީހުން ކަނޑައެޅި މެންބަރެކެވެ. އަދި ކޮމިޝަނުގެ ރައީސަށް ވާނެ މެންބަރު ވެސް ކަނޑައަޅަނީ ކޮމިޝަނަށް އައްޔަންކޮށްފައިވާ މެންބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުންނެވެ.

އެ ކޮމިޝަނަށް މަޖިލީހުން އައްޔަންކޮށްފައިވާ އަނެއް ދެ ބޭފުޅުންނަކީ ސޮފާ ޝަފީގާއި އައިމިނަތު ސަރާހަތު އިއްޒަތެވެ.

އެ ކޮމިޝަން އުފެއްދި އިރު މީޑިއާތަކުން ހޮވާ މެމްބަރު ކަމަށް ކުރިމަތިލެއްވީ އެންމެ ހަތަރު ބޭފުޅުން ކަމަށް ވުމުން އެ ބޭފުޅުން ކޮމިޝަނަށް ވަޑައިގަތީ އިންތިހާބަކާ ނުލައެވެ. އެއީ އަބްދުލްއަޒީޒް އިބްރާހީމާއި ޒަމްއަތު އަހުމަދު ވަހީދާއި ސިމާހާ ނަސީމާއި ހުސައިން ސަގީފެވެ. އެ ކޮމިޝަނުގެ ނައިބު ރައީސަކީ ޒަމްއަތެވެ.