ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމުގެ ސަބަބުން ރާއްޖޭގެ ތަރައްގީގެ އިސްކަންދޭ ދާއިރާތަކުގައި އެކަންކަން ބޭނުން ކުރެވޭނެ ގޮތްތަކާ މެދު ފުންކޮށް މަޝްވަރާ ކުރެވި، ވިޔަފާރީގެ އަމަލީ ފުރުސަތުތަކަށް މަގުފަހިވާނެ ކަމަށް އިނޮކޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗައިނާ-މޯލްޑިވްސް އިންވެސްޓްމަންޓް ކޯޕަރޭޝަން ފޯރަމް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ވިޔަފާރީގެ ދާއިރާއިން ދެ ގައުމުގެ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމަށް އެ ފޯރަމަކީ މުހިންމު ފޯރަމެއް ކަމަށެވެ.

މި ފޯރަމުގެ ސަބަބުން ރާއްޖެއަށް ކުރިއެރުން ލިބޭނެ ދާއިރާތައް ދެނެގަނެ، އެ ކަންކަމަށް އިސްކަންދީގެން މަސައްކަތް ކުރަން ފުރުސަތު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މި ފޯރަމްއިން ދެ ގައުމުގެ މެދުގައި ވިޔަފާރީގެ ގުޅުންތައް ބަދަހިކޮށް، އެއްބާރުލުން އިތުރު ކުރުމަށް ދެ ގައުމުން ވެސް ބޭނުންވާ މިންވަރު ރަމްޒުކޮށްދޭ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެ އާއި ޗައިނާގެ އިގުތިސޯދުގެ މެދުގައި ބޮޑެތި ތަފާތުތަކެއް ހުރި ނަމަވެސް، ދެ ގައުމު ގުޅިގެން ފައިދާވާނެ އަމަލީ މަސައްކަތްތަކެއް ކުރުމުގެ ފުރުސަތު އެބަ އޮތް ކަމަށާއި މިއީ ދެ ގައުމުގެ އިގުތިސޯދީ އެއްބާރުލުމުގެ އާ މަރުހަލާއަކަށް އެޅުނު ވަރުގަދަ ބިންގަލެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މޯލްޑިވްސް އެކްސްޕޯ 2026 އާއެކު މި ފޯރަމް ކުރިއަށް ގެންދިއުމަކީ މި މަސައްކަތަށް ލިބޭ އިތުރު ބާރެއް ކަމަށާއި މޯލްޑިވްސް އެކްސްޕޯގެ ސަބަބުން ޗައިނާގެ ކުންފުނިތަކުގެ އުފެއްދުންތަކާއި ޓެކްނޮލޮޖީ އަދި ގާބިލުކަން ދައްކާލުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ޒައާމަތުގައި، 2024 ވަނަ އަހަރު ދެ ގައުމުގެ ގުޅުން ވަނީ އާ އުސްމިންތަކަކަށް ގެންދެވިފައި ކަމަށެވެ.

މީގެއިތުރުން، މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހު އަމަލު ކުރަން ފެށި މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އިގުތިސޯދީ ރޮނގުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މިހާރުގެ އަމާޒަކީ އެ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ފުރުސަތުތަކުގެ ބޭނުން ހިފައިގެން ދެ ގައުމުގެ މެދުގައި ކުރެވޭ ވިޔަފާރީގެ މިންވަރު މިހާރަށްވުރެ ފުޅާކުރުން ކަމަށެވެ.