ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތަކުގެ ފައިނަލް ޑްރާފްޓު އަންނަ މަހުގެ ތެރޭގައި އެޓާނީ ޖެރަލް (އޭޖީ)ގެ އޮފީހަށް ފޮނުވޭނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން، ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް އިލެކްޝަން ކޮމިޝަނުން ކުރާތާ ގިނަ ދުވަސްތަކެއް ވެއްޖެ ކަމަށެވެ. އަދި އިލެކްޝަން ކޮމިޝަނުން ގާނޫނަށް އިސްލާހުތައް ގެނައުމުގައި ސިޔާސީ ޕާޓީތަކުން ފާޅުކުރާ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް ރިއާޔަތްކުރާނެ ކަމަށް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިލެކްޝަން ކޮމިޝަނުން ގެންނަން ބޭނުންވާ އިސްލާހުތަކުގެ ތެރޭގައި ފޯމުތަކުގެ ސައްހައްކަން ސިޔާސީ ޕާޓީތަކުން ކަށަވަރުކުރުމާއި ޕާޓީތަކުގެ ލީޑާޝިޕްގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމާއި ސިޔާސީ ޕާޓީތައް ހިންގުމުގައި އިދާރީގޮތުން ހުރި ގޮންޖެހުންތައް ނައްތާލުން ހިމެނޭ ކަމަށެވެ.
ސިޔާސީ ޕާޓީތަކަށް ދައުލަތުންދޭ މާލީ އެހީ ބަހާނެގޮތްތަކާއި ޕާޓީތަކުގެ ދަރަންޏަށް ޒިންމާދާރުވުމާއި ޕާޓީތަކުގެ އޮޑިޓް ރިޕޯޓާއި އަހަރީ ރިޕޯޓް ހުށަހެޅުމާ ގުޅުންހުރި މުހިއްމު އިސްލާހުތަކެއްވެސް ހުށަހަޅުއްވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެނައުމަށް ކުރާ މަސައްކަތަކީ ވަކި ބަޔަކަށް ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތެއް ނޫންކަމަށެވެ. އެއީ ވަކި ބައެއްގެ ނުފޫޒު އޮވެގެން ކުރާ ކަމެއްވެސް ނޫންކަމަށް ޝަރީފު ވިދާޅުވިއެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެންނަން އިލެކްޝަން ކޮމިޝަނުން ބޭނުންވާ އިސްލާހުތަކުގެ ފައިނަލް ޑްރާފްޓް އަންނަ މަހުގެ ތެރޭގައި އޭޖީއަށް ފޮނުވޭނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އިސްލާހުތައް އަޅުގަނޑުމެން ސިޔާސީ ޕާޓީތަކާއެކު މަޝްވަރާކުރުމަށް ފަހުގައި އަލުން ރީ ޑްރާފްޓްކޮށް ޕާޓީތަކުން ހުށަހަޅާފަ ހުރި ބައެއް އިހްސާސްތަކަށް ބަލައި، ގާނޫނުގެ ތެރެއިން އަޅުގަނޑުމެންނަށް އެފަދަ ކަންތައްތައް އިސްލާހު ކުރެވޭނެ ކަހަލަގެ ކަންތައްތަކެއް ކަމަށް ވަންޏާމު އެކަންކަން އިސްލާހު ކުރުމަށްފަހު ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި، އަޅުގަނޑުމެން މި ގަސްތުކުރަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ފައިނަލް ޑްރާފްޓެއް ކޮމިޝަނުން ޕްރޮޕޯޒް ކުރާ އިސްލާހުތަކެއްގެ ގޮތުގައި ކޮމިޝަނުން ނިންމުމަށްފަހު އެޓާނީ ޖެނެރަލްގެ އޮފީހާ ހިސާބަށް ފޮނުވޭނެ ކަމަށް" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނު އިސްލާހުކުރުމަށް އީސީން ކުރަމުން އަންނަ މަސައްކަތަށް ސިޔާސީ ޕާޓީތަކުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި، ސިޔާސީ ޕާޓީތަކަށް ޝުކުރު އަދާކުރައްވައުފައެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް