އިންތިގާލީ މަރުހަލާގެ ތެރޭގައި މި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ރާއްޖެއިން ފުރުން މަނާކުރަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ގާނޫނީ ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމުކުރުމާއެކު އިންތިގާލީ މަރުހަލާގައި ސަމާލުކަން ދޭން ޖެހޭ ބޮޑު ދެ ކަމެއް ހިމެނޭ ކަމަށާއި ނިމިގެންދިޔަ ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒަށް ރައްޔިތުން ވޯޓުދީފައިވަނީ އަޅުވެތިކުރުމާއި ވައްކަމާ ދެކޮޅަށްކަން ހަނދާންކުރަންވާނެ ކަމަށެވެ.
އިންތިގާލީ މަރުހަލާގައި އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ދެ ކަމެއްގެ ގޮތުގައި ޖަމީލު ފާހަގަކުރެއްވި ދެ ކަމުގެ ތެރެއިން އެއް ކަމަކީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަނާ ގުޅޭ ލިޔެކިޔުންތަކަށް ބަދަލު ގެނައުން ނުވަތަ އެ ތަކެތި ނައްތާލުމުގެ ފުރުސަތު ނުދިނުމަށެވެ. އަދި ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ ބޭރު ސިފައިންނާ ގުޅޭ އެއްބަސްވުންތަކާއި ކަނޑު ވިއްކުމާ ގުޅޭ ލިޔުންތައް ބެލެހެއްޓުމެވެ.
ޖަމީލު ވިދާޅުވީ އެ ދެ ކަމުގައި ޒިންމާ އުފުލަން ޖެހޭ ސްޓްލެކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކު (މޫކޭ) އާއި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ފަދަ ސަރުކާރުގެ އިސް ބައެއް ބޭފުޅުން ފުރުން މަނާކުރަން ޖެހޭ ކަމަށެވެ.
އިދިކޮޅު ފަރާތްތަކުން ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންދިޔަ ނަމަވެސް، އެ ތުހުމަތުތައް މި ސަރުކާރުން ގެންދަނީ ދޮގުކުރަމުންނެވެ. އަދި ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭ ކަމަށް ދައްކަމުންދާ ވާހަކައަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރިޔާސީ ކެމްޕޭންގެ ތެރޭގައި ރައްދުދެއްވައިފައެވެ.
ރައީސް ވިދާޅުވެފައިވަނީ މިލިޓަރީ މަސައްކަތެއް ކުރުމަށް ބޭރުގެ އެއްވެސް ގައުމެއް ސިފައިން ރާއްޖޭގައި ނެތް ކަމަށާއި އުތުރު ތިލަފަޅު މަޝްރޫއު ހިމެނޭގޮތަށް އިންޑިއާއާއެކު ހަދާފައިވާ އެއްބަސްވުންތަކަކީ ކުރީ ސަރުކާރުން ވެފައިވާ އެއްބަސްވުންތަކެއް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު