އެމްއެމްއޭ

ޓޫރިޒަމް ދާއިރާގެ 80 ޕަސެންޓް ވިޔަފާރިތަކުން މުވައްޒަފުންގެ މުސާރަ ކުޑަކުރި: ދިރާސާ

ކޮވިޑް-19އާ ގުޅިގެން ޓޫރިޒަމް ދާއިރާގެ 80 ޕަސެންޓް ވިޔަފާރިތަކުން އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަކުރި ކަމަށް މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހެދި ދިރާސާއަކުން ދައްކައިފި އެވެ.

އެމްއެމްއޭ އިން ކޮންމެ ކުއާޓާއެއްގައި އެކުލަވައިލައި އާންމު ކުރަމުން އަންނަ ދިރާސާގެ ތެރެއިން މިއަހަރުގެ ދެވަނަ ކުއާޓަރުގެ ކުއާޓާލީ ބިޒްނަސް ސާވޭ ރިޕޯޓުގައި ބުނެފައިވާ ގޮތުން، ޓޫރިޒަމް ދާއިރާގެ އެމްޕްލޮއިމަންޓް އިންޑެކްސް ނުވަތަ ވަޒީފާ އަދާކުރާ މިންވަރު ވަނީ މައިނަސް 74 އަށް ވެއްޓިފަ އެވެ. ވަޒީފާގެ ގިންތިއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވަނީ ސިނާއަތުގައި މަސައްކަތްކުރާ 26 ޕަސެންޓް ރިސޯޓްތަކުންނެވެ.

ރިޕޯޓްގައި ބުނެފައިވަނީ މުވައްޒަފުންނަށް ދޭ މުސާރަ އާއި މަސައްކަތުގެ ހަރަދުތައް ވެސް 75 ޕޮއިންޓުން މައިންސް 80 އަށް ވެއްޓިފައިވާ ކަމަށެވެ. އަދި މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވަނީ 20 ޕަސެންޓް ރިސޯޓްތަކުން ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުން، ކޮވިޑުގެ ސަބަބުން މާލީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތަށެވެ. ސާވޭގައި ބައިވެރިވެފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުގެ ތެރެއިން ތިންބައި ކުޅަ ދެބައި ވިޔަފާރިތަކުން އަންދާޒާކުރާ ގޮތުގައި އަހަރުގެ ތިންވަނަ ކުއާޓަރުގައި މާލީ ހާލަތު އިތުރަށް ގޯސްވެގެންދާނެ އެވެ.

ކޮވިޑާ ގުޅިގެން އެޅި ފުރަބަންދުގެ ފިޔަވަޅުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން އިމާރާތްކުރުމާއި ހޯލްސޭލް/ ރީޓެއިލް ސިނާއަތަށް ވެސް މިއަހަރުގެ ފުރަތަމަ ކުއާޓަރާ އަޅައިބަލާއިރު ވިޔަފާރި ދަށް ނުވާ ވަރަށް ދަށަށް ގޮސްފައިވާކަން ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ބުނެފައިވެ އެވެ.

ފަތުރުވެރިކަމާއި އިމާރާތް ކުރުމާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން 93 ކުންފުންޏަކުން ބައިވެރިވެގެން ހެދި އެ ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ބުނެފައިވާ ގޮތުން، ކޮވިޑުގެ ބަލިމަޑުކަމަށް އަންނާނެ ބަދަލުތައް އަންދާޒާ ކުރުމަކީ ވަރަށް ދަތިކަމެއް ކަމުން އެކަމުގެ ސަބަބުން އިގްތިސާދަށް ކުރިމަތިވާނެ ނޭދެވޭ އަސަރުތައް އަންދާޒާ ކުރަން ދައްޗެވެ. އެ ސަބަބުތަކާ ހެދި މިއަހަރުގެ ތިން ވަނަ ކުއާޓަރުގައި ވިޔަފާރިތަކުގެ ކުރިމަގު ބަނަކަމުގައި އެފަރާތްތަކުން ފާހަގަކުރެ އެވެ.

އަހަރުގެ ތިންވަނަ ކުއާޓަރުގައި ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ސާވޭގައި ބައިވެރިވި ވިޔަފާރިތަކުން ވަނީ ފާހަގަކޮށްފަ އެވެ.

ވަކިން ހާއްސަކޮށް ފަތުރުވެރިކަމުގެ ސިނާއަތާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތަކުން، ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކޮށްފައިވާއިރު އަހަރުގެ ތިންވަނަ ކުއާޓަރުގައި ވެސް ސާވޭގައި ބައިވެރިވި މި ސިނާއަތްތަކުގެ ވިޔަފާރިތަކުގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ ވިޔަފާރިތަކަށް ކްރެޑިޓްގެ ގޮތުގައި ފައިސާ ހޯދުމަށް ދަތިވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.