މަނީލޯންޑާ ކުރުމުގެ ކުށުގައި ފަސް މިލިޔަން ޑޮލަރުން ޖޫރިމަނާކޮށް، ފަސަ އަހަރަށް ކުރި ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ޝަރިއަތްތަކާބެހޭގޮތުން ދޮގު މައުލޫމާތު ފަތުރާ މީޑިއާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގެ އިންޒާރު އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ދީފިއެވެ.
ގާނޫނީ ވަކީލުންގެ ޓީމުން މި އިންޒާރު ދިނީ، ހައިކޯޓުގައި މިދިޔަ ބުދަ ދުވަހު، ބޭއްވި ރައީސް ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ މަޖިލީހުގައި އެމަނިކުފާނު އިތުރުފުޅު ހެއްދެވިކަމަށް ދޭހަވާ ފަދަ ގޮތަކަށް ޕީއެސްއެމުން ހަބަރު ފަތުރާފައިވާ ކަމަށް ބުނެ ވަކީލުން މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެބަޔާނުގައި ބުނެފައިވަނީ، ވޮޑަމުލާއާ ބެހޭގުން ރައީސް ޔާމީން ހައިކޯޓުގައި އިތުރުފުޅު ހައްދަވައިފައިވާ ކަމަށް ދޭހަވާ ގޮތަށް ޕީއެސްއެމްއިން ހަބަރު ފަތުރާފައިވާ ކަމަށެވެ.
ނަމަވެސް މި މައްސަލައިގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ރައީސް ޔާމީން އިތުރުފުޅު ހައްދަވާފައި ނުވާ ކަމަށާއި، ވޮޑަމުލާ ކިޔާ ރަށެއް އޮންނަކަން އެ މަނިކުފާނަށް ފުރަތަމަ ފަހަރަށް އެނގިވަޑައިގެންނެވީ މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ދިޔައިރު ކަމަށް ކުރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދަންނަވާފައިވި، ނަމަވެސް، އެއީ އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ނޫން ކަމަށްވެސް ބުނެފައިވެއެވެ.
"ބުދަ ދުވަހު ހައިކޯޓުގައި އެ ރަށާ ގުޅޭގޮތުން އެ މަނިކުފާނު ހާމަކުރެއްވި މައުލޫމާތަކީ އެ ރަށުގެ މައުލޫމާތު އެނގުނު ފަހުން އެ ރަށުގެ ކަންކަން ހިނގާފައިވާ ގޮތުގެ މައުލޫމާތު އެކިއެކި ފަރާތްތަކުން އަޅުގަނޑުމެން ހޯދި މައުލޫމާތު އެ މަނިކުފާނާ އަޅުގަނޑުމެން ހިއްސާކުރުމުން އެމަނިކުފާނަށް މިހާރު (ހައިކޯޓުގެ އަޑުއެހުންތައް ފެށުނު ފަހުން) ލިބިވަޑައިގެންފައިވާ މައުލޫމާތު ތަކެކެވެ."
އެގޮތުން އެ ރަށް ކުއްޔަށްދީފައިވާ ފަރާތަކީ އަދީބުގެ ގާތް ރައްޓެހިންތަކެއް ކަން މިހާރު އެނގިފައިވާ ކަމަށާއި، އޭރު އެރަށް ދޭން ބޭނުންވެގެން އޭރު އަދީބު ރައީސް ޔާމީން އަރިހުގައި ދެންނެވި ކަމަކަށް ހައިކޯޓުގައި އެމަނިކުފާނު ވިދާޅުވެފައި ނުވާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
ބަޔާނުގައި އިތުރަށް ބުނެފައިވަނީ ހަބަރާއި ކަރަންޓް އެފެއާޒް ޕްރޮގްރާމްތައް ގެނެސްދިނުމުގައި ވަކި ފަރާތަކަށް ބުރަވުމެއްނެތި، ހަމަހަމަކަމާއެކު ގެނެސްދިނުމަށް އިސްކަންދީ، ތެދު މައުލޫމާތު ފެތުރުމަށް މަސައްކަތްކުރުމާއި، ހަބަރާއި ފެކްޗުއަލް ޕްރޮގްރާމުތަކުގައި އެކި ފަރާތްތަކުން ހޯދާ ކޮންޓެންޓް ހިމެނުމުގައި އެ ފަރާތަކުން ދެއްކި ވާހަކައިގެ މަފުހޫމު ނުގެއްލޭ ގޮތަށް ބްރޯޑްކާސްޓްކުރުމަކީ، ބްރޯޑްކާސްޓްކުރުމުގެ ގާނޫނު ގެ ދަށުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް ގެ ދަށުން ކޮންމެ ބްރޯޑްކާސްޓަރަކުވެސް ހިފަހައްޓަން ޖެހޭ ހަމައެއް ކަމަށެވެ.
ޕަބްލިކް ސާވިސް މީޑިއާއަކީ ދައުލަތުގެ މީޑިއާއަކަށް ވެހުރެ މި ދެންނެވުނު އުސޫލުތައް މުގުރާލައި ކަނޑައެޅިގެން ދޮގު ވާހަކަ ފެތުރުމަކީ ބްރޯޑްކާސްޓްކުރުމާއި، މީޑިއާގައި ހަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑުތަކާ ކަނޑައެޅިގެން ހިލާފު އަމަލެއް ކަމަށާއި، މި މައްސަލައިގެ ޝަރީއަތްތައް ފެށުނީއްސުރެ ޕީއެސްއެމްއަކީ މި މައްސަލައިގެ އަޑުއެހުންތަކުގައި ކަން ހިނގާ ގޮތުގެ އަސްލު ގެނެސްދިނުމުގެ ބަދަލުގައި، ރައީސް ޔާމީނާ މެދު ރައްޔިތުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފެދޭ ގޮތަށް ހަބަރު ފަތުރާ ފަރާތެއްކަން ވެސް ވަކީލުންގެ މި ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.
"ވީމާ، ބްރޯޑްކާސްޓްކުރުމާއި މީޑިއާގައި ހަބަރު ފެތުރުމުގެ ސުލޫކީ މިންގަނޑުތަކާ ހިލާފަށް އަޅުގަނޑުމެންގެ މުވައްކިލު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅޭ ގޮތުން ދޮގު މައުލޫމާތު ފަތުރައި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅައިނުލައި ދޫކޮށްލެވޭނެ ކަންކަން ނޫންކަމާއި، އެފަދަ ކަންކަމާ ދެކޮޅަށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގައި ޕަބްލިކް ސާވިސް މީޑިއާއާއި އަދި އެފަދައިން އަމަލުކުރާ އެހެން މީޑިއާތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަން،" ކަމަށް ވަކީލުންގެ ބަޔާނުގައި ބުނެފައި ވެއެވެ.
ރާއްޖޭގެ މީޑިއާތައް
ރާއްޖޭގެ މީޑިއާތައް
ރާއްޖޭގެ މީޑިއާތައް