ހަބަރުތައް ކަވަރުކޮށް އިވެންޓުތަކުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގެ ޕްލެޓްފޯމުތަކުގައި ފުރައްސާރަކޮށް، ބިރުދައްކައި އިންޒާރުދޭ މައްސަލަ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން ކުށްވެރިކޮށްފިއެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި މިކަން ކުށްވެރިކޮށްފައިވަނީ، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އީގަލް ހިލްސް ކުންފުނިން ރަސްމާލޭގައި ހިންގާ މަޝްރޫއާ ގުޅޭ މައުލޫމާތު ދިނުމަށް ނޫސްވެރިންތަކެއް ދުބާއީއަށް ގެންގޮސްފައިވާތީ، ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އެ ނޫސްވެރިންނަށް ނިސްބަތްކޮށް ފުރައްސާރަކޮށް އިންޒާރުދެމުންދާ މައްސަލައާ ގުޅިގެންނެވެ.
އެމްއެމްބީސީގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ނޫސްވެރިންނަށް އަމާޒުކޮށް ސޯޝަލް މީޑިއާގައި އިންޒާރުދިނުމާއި، ފުރައްސާރަކުރުމާއި ބިރުދެއްކުމުގެ މައްސަލަތަކާ ގުޅޭ ކަންބޮޑުވުންތައް އެ ކޮމިޝަންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ. ވަކިން ހާއްސަކޮށް، ހުތުރު ބަހުރުވައިން ފުރައްސާރަކޮށް، ފުރާނައަށް ނުރައްކާވާ ފަދަ އިންޒާރުތައް ދީގެން ހިންގާ ޒިންމާދާރުކަން ކުޑަ އަމަލުތައް ކުށްވެރިކުރާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އަދި ޑިމޮކްރަސީގެ ހަތަރުވަނަ ބާރުގެ ގޮތުގައި ބެލެވޭ މީޑިއާގައި ހިމެނޭ ނޫސްވެރިންނަށް ގަނާކޮށް، ބިރުދެއްކުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
މީގެ އިތުރުން، ހަބަރުތައް ގެނެސްދޭއިރު މީޑިއާތަކުން ސަމާލުކަން ދޭންޖެހޭ އުސޫލުތަކުގެ މައްޗަށްވެސް އެ ކޮމިޝަނުން ވަނީ އަލިއަޅުވާލައިފައެވެ. އެގޮތުން ބްރޯޑްކާސްޓަރުންނާއި، މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި، ނޫސްވެރިންގެ ސުލޫކީ މިންގަނޑުގެ 10 ވަނަ މާއްދާގެ (ނ) ގެ ދަށުން، މީހެއްގެ އަބުރާއި އިއްޒަތަށް އުނިކަން އަންނަ ފަދަ ނުވަތަ މުޖުތަމައުގައި ބޭނުންކުރުން އެކަށީގެން ނުވާ ހަޑިހުތުރު ބަސްތަކާއި އަމަލުތައް އަދި އިޝާރާތްތައް ހިމެނޭ އެއްވެސް އެއްޗެއް ޝާއިއުކޮށް ފޮނުވުމަކީ ނުވަތަ ދެއްކުމަކީ މަނާކަމެއްކަން އެމްއެމްބީސީން ހަނދާންކޮށްދީފައިވެއެވެ.
އެހެންކަމުން، ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށް ހިތުމަށާއި، ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގު ބޭނުންކުރުމުގައި ހުރިހާ ފަރާތްތަކުންވެސް ޒާތީ ތައައްސުބުން އެއްކިބާވެ، ޒިންމާދާރުކަމާއެކު އަމަލުތައް ބެހެއްޓުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.
ސޯޝަލް މީޑިއާގައި ނޫސްވެރިންނަށް ފުރައްސާރަކޮށް ބިރު ދެއްކި މައްސަލަ ތަހުގީގުކޮށް، އެ ނޫސްވެރިންނަށް ފުލުހުންގެ ރައްކާތެރިކަން ހަމަޖައްސައިދިނުމަށް ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން (އެމްޖޭއޭ) އިން އިއްޔެ ވަނީ ފުލުހުންގެ ހިދުމަތުގައި އެދިފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން
ކޮމެންޓް