އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީ ފޯރުކޮށްދިނުމާ ގުޅޭ އުސޫލު މިއަދު ގެޒެޓުކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އާންމުކުރި މި އުސޫލުގެ ދަށުން މިއަހަރު ދޫކުރާ ޖުމުލަ އަދަދަކީ ދައުލަތުގެ ބަޖެޓުގެ 0.1 އިންސައްތަ ކަމުގައިވާ 35,124,332 (35.1 މިލިއަން) ރުފިޔާއެވެ. މި ފައިސާ ދޫކުރާނީ އެއް ޕޭމަންޓެއްގެ ގޮތުގައެވެ.

އެހީ ލިބޭ ފަރާތްތައް ކަނޑައެޅުމުގައި ބެލުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި އެ މީޑިއާއެއް ހިންގަމުން އަންނަ މުއްދަތާއި، މުވައްޒަފުންގެ އަދަދާއި ތައުލީމީ ފެންވަރާއި ތަޖުރިބާ ހިމެނެއެވެ. ހަމައެހެންމެ އިދާރީ ނިޒާމު ރޭވިފައިވާ ގޮތާއި، ބިޒްނަސް ޕްލޭނާއި، ގެނެސްދެވޭ ކޮންޓެންޓުގެ ބާވަތްތަކަށް ވެސް މާކްސް ދެވެއެވެ.

މީގެ އިތުރުން، ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނުގެ ދަށުން ފާއިތުވި ދެ އަހަރު ތެރޭ ފިޔަވަޅު އެޅި ކަމެއް އާންމުކޮށްފައިވާ ނަމަ، ކޮންމެ ފިޔަވަޅަކަށް ތިން މާކްސް އެޕްލިކޭޝަނުން އުނިކުރެވޭނެ ކަމަށް ވެސް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އެއް ފަރާތަކުން ގިނަ މީޑިއާ ހިންގި ކަމުގައި ވިޔަސް ގްރާންޓަށް ހުށަހެޅޭނީ އެންމެ މީޑިއާއަކަށް ކަމަށާއި، ކޮންމެ މީޑިއާއަކަށް ވެސް ހުށަހެޅެނީ އެންމެ އެޕްލިކޭޝަނެއް ކަމަށް އުސޫލުގައި ކަނޑައެޅިފައިވެއެވެ. ކޮންމެ މީޑިއާއަކަށް ގިނަވެގެން ދެ މީޑިއަމް އިހުތިޔާރުކުރެވޭ އިރު، އެއް ބާވަތެއްގެ ދެ މީޑިއަމް ހިމެނުމުގެ ފުރުސަތެއް އުސޫލުގެ ދަށުން ނޯންނާނެއެވެ.

މީޑިއާ ކޮމިޝަނުން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ އެހީއަށް އެދުމުގެ މަރުހަލާ ކުރިއަށް ގެންދިއުމަށް ބޭނުންވާ އޮންލައިން ޕޯޓަލަށް ގެންނަން ޖެހޭ ބަދަލުތައް ކޮމިޝަނުން މިހާރު ގެންނަމުންދާ ކަމަށާއި، އެ މަސައްކަތް ނިމުމާއެކު މީޑިއާތަކަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލެވޭނެ ކަމަށެވެ.

އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ. އަދި މީޑިއާތަކަށް ހާއްސަކޮށްގެން މީޑިއާ ވިލެޖެއް ގާއިމުކޮށްދިނުމަކީވެސް ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ.