ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުން އަލީ ވަހީދު އިސްތިއުފާ ދެއްވަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިރޭ އެންގެވި އިރު، އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ގޯނާ ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާކަން "ވަން" އަށް ކަށަވަރުވެއްޖެ އެވެ.

"ވަން" އަށް ކަށަވަރުވެފައިވާ ގޮތުގައި، އަލީ ވަހީދު ޖިންސީ ގޯނާ ކުރިކަމުގެ ޝަކުވާ ޓޫރިޒަމް މިނިސްޓްރީގެ ގިނަ މުވައްޒަފުންތަކެއް ވަނީ އުފުލައިފަ އެވެ. އޭގެ ތެރެއިން ބައެއް މުވައްޒަފުން މިއަދުގެ ވަގުތެއްގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ އާވެސް ބައްދަލުކުރި ކަމަށް ވަނީ އެނގިފަ އެވެ.

ރައީސް ސޯލިހު އެ މުވައްޒަފުންނާ ބައްދަލުކުރެއްވީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށް ވަނީ އެނގިފަ އެވެ.

އަލީ ވަހީދުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވެ އެކަން ހުށަހަޅާފައިވާ ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންގެ އަދަދު ނުވަޔަކަށް އަރާ ކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ދޭއިރު، އަނެއްބައި މަސްދަރުތަކުން ބުނަނީ ހަތް މުވައްޒަފުން ކަމަށެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުންނަށް އޮފީސް މާހައުލުގެ ބޭރުން ވެސް އަލީ ވަހީދުގެ ފުށުން ޖިންސީ ގޯނާގެ އަމަލުތަކާ ކުރިމަތިލާން ޖެހުނު ކަމަށް މައުލޫމާތު ލިބެ އެވެ.

މި މައްސަލައިގައި ޖެންޑާ މިނިސްޓްރީން މިރޭ ބުނީ "‎‏ޓުއަރިޒަމް މިނިސްޓްރީގައި މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެ ފަދަ އަހުލާގީ މައްސަލަތަކެއް ހިނގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާތީ އެކަން މިވަގުތު ގެންދަނީ ބަލަމުން" ކަމަށެވެ. ތަކުރާރުކޮށް ސުވާލު ކުރުމުންވެސް މި ކަމާ ގުޅޭ އިތުރު ތަފްސީލެއް އެ މިިނިސްޓްރީގެ މީޑިއާ އޮފިޝަލު ނުދެއްވި އެވެ. ހުށަހެޅިފައިވަނީ ޖިންސީ ގޯނާގެ މައްސަލައެއްތޯ އެހުމުން އެޔަށްވެސް ޖަވާބެއް ނުދެއްވި އެވެ.

ފުލުހުންގެ މީޑިއާއިން މިރޭ ބުނީ މިނިސްޓަރު އަލީ ވަހީދު އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލަ މިރޭ ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ވަން އަށް އެނގިފައިވާ ގޮތުގައި، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުން ވަނީ ރައީސް ސޯލިހާ ބައްދަލުކޮށް ޖިންސީ ގޯނާގެ މި މައްސަލަތަކުގެ ވާހަކަތައް އެމަނިކުފާނުގެ ސަމާލުކަމަށް ގެނެސްފައެވެ. އަދި ޖެންޑާ މިނިސްޓަރާ އެ މުވައްޒަފުން ބައްދަލުކުރުމުން އެ މިނިސްޓްރީންވެސް ވަނީ އެކަން ރައީސް ސޯލިހުގެ ސަމާލުކަމަށް ގެނެސްފައެވެ.

މުވައްޒަފުންގެ ތުހުމަތުތައް ވަރަށް ވެސް ސީރިއަސް ކަމަށް ވަން އާ މިރޭ ވާހަކަދެއްކި މަސްދަރަކުން ބުނެއެވެ. އަދި މި ބައްދަލުވުމުގައި މުވައްޒަފުން ދެއްކި ވާހަކަތައް އަޑު އެއްސެވުމަށްފަހު ރައީސް ސޯލިހަށް ކީރިތިކުރެއްވުނު ކަމަށްވެސް ބުންޏެވެ.

ވަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މައްސަލަތައް މުވައްޒަފުންނަށް ކުރިމަތިވާތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަލީ ވަހީދާ އެކު ދަތުރެއްގައި ރިސޯޓަކަށް ގޮސް ހުއްޓައި ޖިންސީ ފުރައްސާރައިގެ މައްސަލަ ކުރިަމތިވުމުން ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފަކު މޫދަށް ފުންމައިލި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް ވަން އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ. އަދި މީގެ އިތުރުން ވެސް އެކި ތަންތަނުގައި ގިނަ އަދަދެއްގެ މުވައްޒަފުންނަށް އަލީ ވަހީދުގެ ފުށުން އެކި ކަހަލަ ޖިންސީ ގޯނާ ކުރިމަތިވަމުންދާ ކަމަށް ވެސް ވަން އަށް މައުލޫމާތު ދިން މަސްދަރުން ބުންޏެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަލީ ވަހީދު އެ މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތާ އެކު މަގާމުން އިސްތިއުފާ ދެއްވަން ރައީސް ސޯލިހު އޭނާއަށް އެންގެވި އިރު، މީގެ މަސްތަކެއް ކުރީން އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ސީރިއަސް އެހެން މައްސަލަތަކެއް ވެސް ވަނީ ފެންމަތިވެފަ އެވެ. އެފަހަރު ލީކުވި އޯޑިއޯތަކެއްގައި އަލީ ވަހީދު ވަނީ ކެބިނެޓުގެ އެހެން ބައެއް ވަޒީރުންނަށް ރައްދުވާ ގޮތަށް ވަރަށް ބޭއަދަބީ ބަސްތައް ބޭނުންކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އާއި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ހިމެނިވަޑައިގަންނަވަ އެވެ. ނަހުލާއާ ގުޅޭ ގޮތުން ދައްކަވާފައި ހުރީ ޖިންސީ ފުރައްސާރަޔަށް ބެލެވޭ ފަދަ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އޭރު މިނިސްޓަރު ނަހުލާވެސް ވަނީ އެ މައްސަލަ ބައްލަވައިދެއްވުން އެދި ރައީސް ސޯލިހަށް ހުށަހަޅުއްވައިފަ އެވެ.

އަލީ ވަހީދު ވަނީ، މަގާމުން އިސްތިއުފާދެއްވަމުން ވަދާއީ މެސެޖެއް މިރޭ ކުރައްވައިފަ އެވެ. އެ މެސެޖުގައި އަލީ ވަހީދު ވިދާޅުވީ، ގައުމަށް ހިދުމަތް ކުރެއްވުނީތީ ފަހުރުވެރިވަޑައިގަންނަވާ ކަމަށާއި ތެދު ހާމަވާނެ ވަގުތު އަންނާނެ ކަމަށެވެ.