ގިނަ އަދަދެއްގެ އަންހެނުންނަށް ޖިންސީ ފުރައްސާރަކޮށްފައިވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށްކުރަމުން އައި ތުހުމަތުތަކުގެ މައްސަލަ އަލުން ބެލުމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމަށް ސަރުކާރަށް ނިސްބަތްވާ ޕީއެންސީ/ޕީޕީއެމުން ގޮވާލައިފިއެވެ.

ޕްރޮގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނިއުސް ކޮންފަރެންސްވައި އެ ކޯލިޝަނުގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ، އަލީ ވަހީދަށް ކުރި ދައުވާތަށް މީގެކުރިން ޕީޖީ އަނބުރާ ގެނަސްފައިވީ ނަމަވެސް، އެ މައްސަލައިގައި އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތްތަކުގެ ބަޔާންތައް ލީކުވެފައިވާ އިރު، ކަންބޮޑުވާ ގިނަ ކަންތައްތަކެއް ފާހަގަވާ ކަމަށެވެ. އެހެންކަމުން އަލީ ވަހީދުގެ މައްޗަށް އަލުން ދައުވާކުރުމަށް އޭނާ ވަނީ ގޮވާލައްވައިފައެވެ.

ހީނާ ވިދާޅުވީ، އަލީވަހީދުގެ މައްޗަށް ކޯޓުގައި އޭރު މައްސަލަ ކުރިއަށް ދަނިކޮށް ކުއްލިއަކަށް އޭނާ ރާއްޖެ ދޫކުރައްވައި ވަޑައިގަތީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީއައިޕީ ލޯންޖު ބޭނުން ކުރައްވައިގެން ކަމަށެވެ. އެހެންކަމުން މައްސަލަ އޮއްބައިލުމަށް އެއިރުގެ ސަރުކާރުން އަލީ ވަހީދު ފުރުވައިލީ ކަމަށް އޭނާ ތުހުމަތު ކުރެއްވިއވެ.

އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ބޭއްވެވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ވެރިން ކޮމްޕްރޮމައިޒްވާނެ މައުލޫމާތު ހުރި ކަމަށާއި ވަރަށް އަވަހަށް އެ މައުލޫމާތު ހާމަކުރައްވާނެ ކަމަށް އޭރު އަލީ ވަހީދު ވިދާޅުވިކަން ފާހަގަކުރައްވައި، ހީނާ ވިދާޅުވީ އޭގެ ފަހުން މުޅި މައްސަލަ މަޑުޖެހުނު ކަމަށެވެ. އަދި ފަހުން އެވާހަކައަކީ "ސްމޯކް ސްކްރީނެއް" ކަމަށް ވިދާޅުވެ، އަލީ ވަހީދުގެ ވާހަކަ މުޅިން ބަދަލުކުރެއްވި ކަމަށްވެސް ވިދާޅުވިއެވެ.

އެއަށްފަހު އަލީ ވަހީދަށް ކުރި ދައުވާ ޕީޖީ އަނބުރާ ގެންދިއުމުން އަލީ ވަހިދު ރާއްޖެ ވަޑައިގެން އެމްޑީޕީ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އިރު، ލީކުވި ބަޔާންތަކުގައި ހުރި ކަންބޮޑުވުންތަކާ މެދު، އެމްޑީޕީގެ ލީޑާޝިޕުން އެއްޗެއް ބުނެފައި ނުވަނީ ލީޑާޝިޕް ކޮމްޕްރޮމައިޒްވާ ފަދަ ކަންތައްތަކެއް އަލީ ވަހީދުގެ އަތްޕުޅުގައި ހުރީތޯ ހީނާ ވަނީ ސުވާލު ކުރައްވައިފައެވެ.

"ސުވާލު އުފައްދަން ބޭނުންވަނީ ހަމަ އެމްޑީޕީގެ ލީޑާޝިޕް ކޮމްޕްރޮމައިޒްވާ ފަދަ ކަންތައްތަކެއް އަލީ ވަހީދުގެ އަތްޕުޅުގައި ހުރީތޯ، ނުވަތަ މިކަމުގައި އެބޭފުޅުން ބަހެއް ވިދާޅުނުވަނީ ހަމަ އަލީ ވަހީދުގެ މިކަންތައްތަކަކީ ޕާޓީގެ އުސޫލާ އެއްގޮތް ކަންތައްތަކެއްތޯއޭ؟،"