ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރި މީހުން، ފުލުހުންގެ ތަހުގީގަށް ދިން ބަޔާންތައް ލީކުކޮށްލައިފިއެވެ.

ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ކުޅުދުއްފުށި ދެކުނު ދާއިރާއަށް ވާދަކުރައްވާ އަލީ ވަހީދު، ޖިންސީ ގޯނާކުރި ކަމަށް އެމީހުން ތުހުމަތުކޮށްފައިވަނީ އޭނާ މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އިރު، ކޮވިޑް 19ގެ ދުވަސްވަރުއެވެ.

ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރި މީހުންގެ ބަޔާންތައް އެކްސްގައި ލީކު ކޮށްލާފައިވަނީ "ހަސަން ކުރުސީ"ގެ އެކައުންޓުންނެވެ. އެ އެކައުންޓުން މިހާތަނަށް ތިން މީހެއްގެ ބަޔާން ލީކުކޮށްލާފައިވާ އިރު، އެއީ ސައްހަ ބަޔާންތަކެއް ކަމަށް އޭގެ ތެރެއިން އެކަކު ވަނީ "ވަން"އަށް ކަށަވަރުކޮށްދީފައެވެ.

އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށްފައިވަނީ ޓޫރިޒަމް މިނިސްޓްރީގެ އެކި މަގާމުތަކުގައި އޭރު މަސައްކަތްކުރަމުންދިޔަ އަންހެން މުވައްޒަފުންތަކެކެވެ. އޭގެ ތެރޭގައި ސިވިލް ސާވިސް އާއި ސިޔާސީ މަގާމުތަކުގައި މަސައްކަތްކުރެއްވި މުވައްޒަފުން ވެސް ހިމެނެއެވެ.

ބަޔާންތަކުގައި އެމީހުން ވަނީ ވަރަށް ނުރައްކާތެރި ވާހަކަތަކެއް ހިއްސާކޮށްފައެވެ. އެގޮތުން ކޮވިޑް 19ގެ ދުވަސްވަރުގައި މަސައްކަތުގައި ކަމަށްބުނެ ރިސޯޓުތަކާއި ސަފާރީތައް އަދި ގެސްޓްހައުސްތަކަށް ގެންގޮސް، ޖިންސީ ގޯނާކުރި ކަމަށް ވަނީ ބުނެފައެވެ.

އޭގެ ތެރެއިން އޭރު ސިޔާސީ މަގާމެއްގައި މަސައްކަތްކުރެއްވި މުވައްޒަފަކު ބަޔާންދީފައިވާ ގޮތުގައި، އޭނާއަށް ޖިންސީ ގޯނާކޮށްފައިވަނީ ރިސޯޓަކަށް ގެންގޮސްއެވެ. އެގޮތުން އެ ރިސޯޓަށް ގެންގޮސް، މަސައްކަތެއްގައި ކަމަށްބުނެ އަލީ ވަހީދުގެ ކޮޓަރިއަށް ވައްދައި ގަދަކަމުން ބަރަހަނާ ކުރިވިއެވެ. އަދި އެއަށްފަހު ގަދަކަމުން ޖިންސީ ގުނަވަންތަކުގައި އަތްލައި ޖިންސީ ގޯނާކުރި ކުރަމުންދިޔަ އިރު، އެކަން ނުކުރުމަށް ރޮއެ އާދޭސްކޮށް، ސަލާމަތްވުމަށް އެތައް މަސައްކަތެއް ކޮށްފައިވާނެ ކަމަށް އޭނާ ދިން ބަޔާނުގައިވެއެވެ. އޭގެ އިތުރުން ބަދު އަހުލާގީ އަމަލު ހިންގުމަށް އެއްބަސްވެއްޖެ ނަމަ، ޑެޕިއުޓީ މިނިސްޓަރުކަމުގެ މަގާމު ދިނުމަށް ވެސް ހުށަހެޅި ކަމަށް އޭނާ ބުނެފައިވެއެވެ.

އޭގެ އިތުރުން ޓޫރިޒަމް މިނިސްޓްރީގެ ސިވިލް ސާވިސް ވަޒީފާއެއް އަދާކުރަމުންދިޔަ މުވައްޒަފަކު ބަޔާންދެމުން އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ގަދަކަމުން އަލީ ވަހީދު ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށްފައެވެ. ކޮވިޑުގެ މަސައްކަތްތަކުގައި މިނިސްޓްރީގެ އިތުރު މުވައްޒަފުންތަކަކާއެކު މާގިރި ހޮޓަލުގައި އުޅުނު ދުވަސްވަރު، އެ ހޮޓެލްގައި އަލީ ވަހީދު އުޅުއްވި ކޮޓަރިއަށް ގެންގޮސް ނުރުހުމުގައި ގަދަކަމުން ބަރަހަނާކޮށް ޖިންސީ ގުނަވަންތަކުގައި އަތްލައި، ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް އޭނާ ވަނީ ބަޔާންދީފައެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުކަމުން ވަކިކުރީ އޭނާގެ މައްޗަށް އޭރު ތުހުމަތު ކުރެވުނު ޖިންސީ ގޯނާ އާއި ރޭޕްގެ ތުހުމަތުތަކުގެ ސަބަބުންނެވެ. އެ މައްސަލައިގައި އޭނާއަށް ދައުވާވެސް ކުރިއެވެ. ނަމަވެސް ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތް ގޮތަށް އެނބުރި ރާއްޖެ ވަޑައިގަތީ ދައުވާތައް އަނބުރާ ގެންދިޔަ ފަހުން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އޭރު ވެސް އަލީ ވަހީދު އެ ތުހުމަތުތައް ދޮގުކުރައްވަމުން ގެންދެވި ގޮތަށް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވެސް އޭނާ ވަނީ އެކަން ދޮގުކުރައްވައިފައެވެ. މިއަދު ކުރެއްވި ޕޯސްޓުގައި އަލީ ވަހީދު ވިދާޅުވީ ސިޔާސީ ގޮތުން ކާޅަށް ކޮށައި ކުދިކޮށް ކަތިލަން ކުރާ ޖަރީމާގެ ކުރިމަތީ ކުޑަކަކޫ ނުޖަހާނެ ކަމަށާއި ބުނި ބުންޏަށް ފްރޭމްކޮށް ދިން އަނިޔާއާ ލަކުނު އަދި ނުފިލާ ކަމަށެވެ.