ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖް 2026 ގެ ގއ. އަތޮޅުގެ ސެމީ ފައިނަލް ފަހު ޖާގަތައް ގެމަނަފުއްޓާއި ވިލިނގިލިން ޔަގީންކުރި އިރު، ކ. އަތޮޅު ސެމީ ފައިނަލް ފަހު ޖާގަތައް ދިއްފުއްޓާއި ކާށިދޫން ހޯދައިފިއެވެ.
ގއ. އަތޮޅުން މިފަހަރު ހަތް ޓީމު ވާދަކުރަމުންދާ އިރު، އިއްޔެއާއި ރޭ ގްރޫޕް ސްޓޭޖު ފަހު މެޗުތަކަށް ނުކުތްއިރުވެސް ކަނޑުހުޅުދުއަށް އޮތީ ސެމީ ޔަގީންވެފައެވެ.
ކަނޑުހުޅުދުއަށް ގްރޫޕް އޭގެ އެއްވަނަ ލިބިފައިވާ އިރު، އެޓީމަށް ތިން މެޗުން ހަތް ޕޮއިންޓް ލިބިފައިވެއެވެ. ދެވަނައިގައި ގެމަނަފުށި ސެމީއަށް ދިޔައީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. އެ ގްރޫޕުން ކެޓީ ދާންދުއާއި ކޮލަމާފުއްޓެވެ.
ދާންދުއާއި ކޮލަމާފުށި ވާދަކުރި މެޗު 6-7 އިން ދާންދޫ ކާމިޔާބު ކުރި ނަމަވެސް، އެ ގްރޫޕުން ގެމަނަފުށި ސެމީއަށް ދިޔައީ 3-3 އިން ކަނޑުހުޅުދުއާ އެއްވަރު ކޮށްގެންނެވެ.
އެމެޗުގައި ކަނޑުހުޅުދޫން ފުރަތަމަ ލީޑުގައި އޮތް އިރު، އެޓީމުގެ އަހުމަދު ޖަވާދާއި އިސްމާއިލް އަންވަރު ގޯލް ޖެހިއެވެ. ޖަވާދު މެޗުގައި ދެ ގޯލް ޖެހި އިރު، މެޗު ބަދަލުވީ ފަހުކޮޅުގައެވެ. އެއީ ކަނޑުހުޅުދޫގެ ކެޕްޓަން މުހައްމަދު ޒައިން ނިޔާޒަށް ދެއްކި ރަތް ކާޑާ ހަމައިންނެވެ.
ގެމަނަފުށިން ފަހުވަގުތު މެޗު އެެއްވަރުކުރި އިރު، އެޓީމުގެ ގޯލްތައް ޖެހީ މުހައްމަދު އިރުޝާމް އަބްދުﷲ އާއި އަންސަދު ހަސަން އަދި ހުސައިން ތާއިމްއެވެ.
އެ އަތޮޅު އަނެއް ގްރޫޕްގެ ފަހުމެޗު ރޭ ފޯރިގަދަކޮށް ފެނިގެން ފެނިފައިވާ އިރު، ވިލިނގިލިން ސެމީ ޔަގީންކުރީ ނިލަންދޫ ކައިރިން 0-0 އިން އެއްވަރު ކޮށްލައިގެންނެވެ.
ދެއްވަދޫން ކުރިން އެ ގްރޫޕްގެ އެއްވަނަ ޔަގީން ކޮށްފައި އޮތް އިރު، ވިލިނގިއްޔާއި ނިލަންދުއަށް ލިބުނީ ދެމެޗުން ޕޮއިންޓެވެ. ދެޓީމުގެ ފަރަގަކީ އެންމެ ފައިދާ ގޯލެއްގެ ފަރަގެވެ. އެއީ ދެއްވަދޫ ކައިރިން ކޮޅަށް ވަން ގޯލްތަކުގެ ތަފާތެވެ.
ކ. އަތޮޅުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައްވެސް ރޭ ކުރިއަށް ގޮސްފައިވާ އިރު، ސެމީގެ ޓީމުތައް ޔަގީން ނުވެ އޮތީ ގްރޫޕް އޭއިންނެވެ.
އެ ގްރޫޕުން އެއްވަނައިގައި ރޭ ސެމީ ޔަގީންކުރީ ދިއްފުއްޓެވެ. އެއީ ތިން މެޗުން ހަތް ޕޮއިންޓާއެކުގައެވެ. ދެވަނައިގައި މުބާރާތުގެ ޗެމްޕިއަން ކާށިދޫން ސެމީ ޔަގީންކުރީ ތިން މެޗުން ފަސް ޕޮއިންޓާއެކުގައެވެ. ގުޅިއަށް ޖުމުލަ ތިން ޕޮއިންޓް ލިބުނު އިރު، ގުރައިދޫ ނިންމާލީ ޕޮއިންޓަކުންނެވެ.
ދިއްފުށިން 6-5 އިން ރޭ ގުރައިދޫ ބަލިކުރި އިރު، އެމެޗުގައި ދިއްފުށީގެ ޒައިން ޒަފަރާއި އަހުމަދު މާޒިން، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލް ޖެހިއެވެ. އޭގެ އިތުރުން އިބްރާހީމް ޝިނާޒް ގޯލެއް ޖެހި އިރު، އަނެއް ގޯލަކީ ގުރައިދޫގެ މުހައްމަދު މުއްސަފް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
ގުރައިދޫގެ ގޯލްތައް މެޗުގައި ޖެހީ މުހައްމަދު އަޒްހަމް އަހުމަދު ވަދީއާއި މުހައްމަދު ޝަޔަން ޝިފާއު، މުހައްމަދު މާއިލް އަރީފްގެ އިތުރުން އާލިމް އަބްދުލް ގައްޔޫމެވެ. އޭގެ އިތުރުން ދިއްފުށީގެ އިބްރާހީމް މުއިއްޒު އަތުން ބައިކޮޅަށް ގޯލެއް ވެނެވެ.
މުބާރާތުގެ ޗެމްޕިއަން ކާށިދޫން ރޭ ގުޅި ކައިރިން 3-0 އިން މޮޅުވި އިރު، އެމެޗުގައި ގޯލްތައް ޖެހީ އަހުމަދު މަޖީދާއި އަޖުލާން އަބްދުލް ހަންނާނެވެ. މަޖީދު މެޗުގައި ދެ ގޯލް ޖެހިއެވެ.
ކ. އަތޮޅު ގްރޫޕް ބީގެ އެއްވަނަ ގާފަރުން ހޯދީ ރޭ އެ ގްރޫޕްގެ ދެވަނަ، މާފުށި ކައިރިން 4-0 އިން މޮޅުވެގެންނެވެ. އެމެޗުގައި ގާފަރުގެ ނާއިހް މުފީދު ދެ ގޯލް ޖެހި އިރު، ދެން ގޯލްތައް ޖެހީ ޝަނާން ރަޝާދާއި ސާމިން މުހައްމަދު ނަސީރެވެ.
ހިއުންޑާއި ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަތޮޅު ބުރުގެ އިތުރު މެޗުތައް މިއަދު ހަވީރާއި މިރޭވެސް ކުރިއަށްދާނެއެވެ. މިފަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" އިން މަސައްކަތް ކުރަމުން އަންނަ އިރު، މުބާރާތުގެ އެންމެ ފަހުގެ ހަބަރުތައް "ވަން" އިން ގެނެސްދޭނެއެވެ.
މުޙައްމަދު ޝަމްޢޫން
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް