ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ހދ. އަތޮޅުގެ ގްރޫޕް ސްޓޭޖު މެޗުތައް ނިމި ކުއާޓާ ފައިނަލަށް ތައްޔާރުވެއްޖެއެވެ.
ހުޅުމާލޭ ރެހެންދި ފުޓްސަލް ދަނޑުތަކުގައި މުބާރާތުގެ މެޗުތައް ފޯރިއާއެކު ކުރިއަށްދާ އިރު، މިއަހަރު ހއ. އަތޮޅުން ވަނީ 12 ޓީމަކުން ބައިވެރިވެފައެވެ. އެހެންކަމުން އެ އަތޮޅުގެ އަތޮޅު ބުރު ކުރިއަށް ދިޔައީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. ތިން ގްރޫޕުގެ ތެރެއިން އެންމެ މޮޅު 8 ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ އިރު، އަތޮޅު ޗެމްޕިއަންކަން ޔަގީންކުރާނީ ސެމީ ފައިނަލްގެ ދެމެޗަށްފަހު ފައިނަލް މެޗެއް ކުޅެގެންނެވެ.
ރޭ ހއ އަތޮޅުގެ ގްރޫޕް ސްޓޭޖު ކުޅުނު ނިމިފައިވާ އިރު، ގްރޫޕް އެކެއްގެ އެއްވަނަ ހޯދީ މާރަންދުއެވެ. އެ ގްރޫޕްގެ ދެވަނަ ފިއްލަދޫ ހޯދި އިރު، ތިންވަނަ ޓީމު އިހަވަންދޫ އިހަވަންދުއަށް ކުއާޓާގެ ފުރުސަތެއް ނުލިބެއެވެ.
އެ އަތޮޅުގެ ގްރޫޕް ސްޓޭޖު ފަހު މެޗުތަކަށް ބަލާ އިރު، ގްރޫޕް އެކެއްގައި ފިއްލަދޫން ރޭ ވަނީ 2-0 އިން މުރައިދޫ ބަލިކޮށްފައެވެ. އަދި މާރަންދުއާއި އިހަވަންދޫ ކުޅުނު މެޗު އެއްވަރުވީ 1-1 އިންނެވެ.
މުރައިދޫ ކޮޅަށް ފިއްލަދޫގެ އަލީ އަފްރާހް ގޯލު ޖެހި އިރު، އަނެއް ގޯލަީ ހަމްޒަތު ހަސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މާރަންދުއާއި އިހަވަންދޫ މެޗު އެއްވަރުވި އިރު، އެ މެޗުގައި މާރަންދޫގެ ގޯލު ޖެހީ ހުމައިދު ހުސައިނެވެ. އިހަވަންދޫގެ ގޯލު ޖެހީ މުހައްމަދު މުނައްވަރެވެ.
ގްރޫޕް ދޭއްގެ އެއްވަނަ ޓީމަކީ އުތީމެވެ. ދެވަނަ ބާރަށުން ހޯދި އިރު، ތިންވަނަ ޓީމު ތުރާކުނުވެސް ވަނީ ކުއާޓާއަށް ދަތުރު ކޮށްފައެވެ. އެ ގްރޫޕްގައި ރޭ ބާރަށް ކައިރިން 1-0 އިން ތުރާކުނު މޮޅުވި އިރު، އެމެޗުގައި ތުރާކުނަށް ގޯލު ޖަހައިދިނީ އަހުމަދު ހުޝާމެވެ. އެ މޮޅާއެކުވެސް ތުރާކުނަށް ދެވަނަ ނުލިބުނީ ފައިދާ ގޯލުގެ ފަރަގުންނެވެ.
ރޭ އެ ގްރޫޕްގައި އުތީމުން ވަނީ އެއްވަނަ ހޯދަން ބޮޑު ތަފާތަކުން ކެލާ ބަލިކޮށްފައެވެ. އެއީ 5-0 ގެ ނަތީޖާއަކުންނެވެ. ގޯލުތައް ޖެހީ ތަހާ މުހައްމަދާއި އަހުމަދު އައިހަމް، މުހައްމަދު މަޒީން އަދި މުހައްމަދު ނަބީލެވެ. ތަހާ މެޗުގައި ދެ ގޯލު ޖެހިއެވެ.
ހއ. އަތޮޅު ގްރޫޕް ތިނަކުން ވަށަފަރާއި ދިއްދޫ ދެ މެޗުން ހަ ޕޮއިންޓާއެކު ކުއާޓާ ޔަގީންކުރި އިރު، ޖެހި ގޯލުގެ ތަފާތުން ކުރި ހޯދައި، ގްރޫޕް އެއްވަނަ ހޯދީ ވަށަފަރެވެ. އެއީ ރޭ އެޓީމުން ކުޅުނު މެޗުގައި 8-0 އިން ތަކަންދޫ ބަލިކުރުމާވެސް އެކުގައެވެ. އެ ގްރޫޕްގެ ތިންވަނަ ޓީމު، ހޯރަފުއްޓަށްވެސް ކުއާޓާގެ ފުރުސަތު ލިބުނީ ދެމެޗުން ހަ ޕޮއިންޓް ލިބިގެންނެވެ.
ވަށަފަރުގެ ސާޖިދު ރަޝީދާއި އިބްރާހީމް ސަނޫން، އަބްދުﷲ ސިނާން، ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖަހައިދިން އިރު، އަނެއް ގޯލުތައް ޖެހީ އަހިމަދު ތޯއިފާއިން އީމާން ވަހީދެވެ.
ރޭ ހޯރަފުށިން ކުޅުނު މެޗުގައި އެޓީމު ވަނީ ދިއްދޫ ކައިރިން 7-2 އިން ބަލިވެފައެވެ. ދިއްދޫގެ ފާއިގު އަހުމަދު މެޗުގައި ހެޓްރިކް ފުރިހަމަ ކުރި އިރު، އެޓީމުގެ ހައިސަމް ރަޝީދު މެޗުގައި ދެ ގޯލު ޖެހިއެވެ. އަދި އަނެއް ގޯލުތައް ޖެހީ އިބްރާހީމް ނަވާފް ސައީދާއި މުހައްމަދު ޝަނާއު ނަސީރެވެ. ހޯރަފުށިން ރޭގެ މެޗުގައި ޖެހި ދެ ގޯލު ޖެހީ އާދަމް މާހިލްއާއި އިބްރާހީމް ބިޝާރެވެ.
- މާރަންދޫ - ހޯރަފުށި
- އުތީމު - އިހަވަންދޫ
- ފިއްލަދޫ - ދިއްދޫ
- ވަށަފަރު - ބާރަށް
ހއ. އަތޮޅުގެ ކުއާޓާ ފައިނަލް މެޗުތައް އޮންނާނީ މަމިހު 27 ވަނަ ދުވަހުގެ ރޭ ގައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ގއ. އަތޮޅު ބުރުގެ މެޗުތައްވެސް ރޭ ކުޅެފައިވާ އިރު، ރޭ ކޮނޑޭއިން ވަނީ ބޮޑު މޮޅެއް ހޯދައި، ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. މިފަހަރު ގއ. އަތޮޅުން ފަސް ޓީމު ބައިވެރިވެފައިވުމުން ފައިނަލް ކުޅޭނީ ލީގު ބުރަކަށް ފަހުއެވެ.
ރޭ ކޮނޑޭއިން އެޓީމުގެ ދެވަނަ މެޗުގައި ދާންދޫ ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި އަލީ ފާރިހް މުހައްމަދު ކޮނޑޭއަށް ހަތަރު ގޯލު ޖެހި އިރު، އެޓީމުގެ އަނެއް ގޯލުތައް ޖެހީ އަހުމަދު އަނަސްއެވެ. އަނަސް މެޗުގައި ދެ ގޯލު ޖެހިއެވެ. ދާންދޫގެ ގޯލު މެޗުގައި ޖެހީ އަހުމަދު ހުސައިނެވެ.
ރޭ ނިލަންދޫއާއި ގެމަނަފުށި ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، މިހާތަނަށް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓާއެކު ގެމަނަފުށި އޮތީ އެއްވަނައިގައެވެ. ނިލަންދޫއަށް ރޭ ލިބުނު ޕޮއިންޓާއެކު އެޓީމަށްވެސް އުންމީދު އާވިއިރު، މެޗުގައި ނިލަންދޫގެ ގޯލުތައް ޖެހީ މައުފޫޒް އާދަމާއި މުހައްމަދު ޒާހިލް އަހުމަދެވެ. މައުފޫޒު ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
އަނެއްކޮޅުން ގެމަނަފުށީގެ ހުސައިން ތާއިމްވެސް މެޗުގައި ދެ ގޯލު ޖެހި އިރު، އަނެއް ގޯލު ޖެހީ އަހުމަދު ޝާމްއެވެ.
މިފަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖްގައި 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅޭނެއެވެ. ފުޓްސަލް ކުޅުންތެރީންނަށް ރާއްޖޭގައި ތަނަވަސްކޮށްދޭ އެންމެ ރަނގަޅު ޕްލެޓްފޯމަކަށް މިހާރު ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ވެފައެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖްގެ މިދިޔަ ދެ އަހަރު އަދި މިއަހަރުގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް
ގޯލްޑަން ފުޓްސަލް ޗެލެންޖް