މި ދުވަސްވަރު މާރާމާރީތައް އިތުރުވަމުންދާ އިރުވެސް ފުލުހުންގެ ހިދުމަތަށް ކޮމިޝަނަރަކު އައްޔަނުކޮށްފައި ނުވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މާރާމާރީތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ އަމާންކަން ގެއްލިގެން ދިޔުމަކީ އެ ޕާޓީން ކަންބޮޑުވާ ކަމެއް ކަމަށެވެ. ދިރިއުޅޭ ހިޔާވަހީގެ ރައްކާތެރިކަން އަދި މަގުތަކުގެ އަމާންކަން ގައުމުގައި ގާއިމު ނުކުރެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމްޑީޕީން ބުންޏެވެ.

"މިއަދާ ހަމައަށްވެސް ގައުމުގެ އަމަން ބެލަހެއްޓުމުގެ ޒިންމާ މަތިކޮށްފައިވާ ފުލުހުންގެ ހިދުމަތަށް އިސްވެރިޔަކު އައްޔަނުކޮށްފައި ނުވާކަން ޕާޓީ އިން ފާހަގަކުރަމެވެ. މިއީ ފުލުހުންގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރަން އޮތް ހުރަހެކެވެ. ކޮމިޝަނަރަކު އައްޔަނު ކުރުން ޕޮލިސް ބޯޑު މެދުވެރިކޮށް އަވަސްކުރުމަށް ސަރުކާރަށް ޕާޓީއިން ގޮވާލަމެވެ،" އެމްޑީޕީން ބުންޏެވެ.

މީގެ ކުރިން ވެސް ޕީޕީއެމް/ޕީއެންސީން ވެރިކަމުގައި ނިޒާމު ބައްޓަންކުރީ އެމްޑީޕީ އަސާސްތަކާ ނުކިއްސަރުކޮށް ކަމަށާއި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރަނީ އަބުރުވެރި ދިރިއުޅުމަކަށް ގެދޮރުގެ ހުރުމަތް ކޮންމެ ރައްޔިތަކަށް ކަށަވަރުކޮށްދޭން ޖެހޭނެ ކަމަށެވެ. ރައްޔިތުންނަށް އެއްވެސް ފިކުރު ބޮޑުވުމެއް ނެތި ދިރިއުޅުމުގެ އުފާ ލިބެންވާނެ ކަމަށް އެމްޑީޕީން ބުންޏެވެ.

މިހާރު ފެންނަމުންދާ މަންޒަރުތައް ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި ވެސް ފެނިގެން ދިޔަ ކަމަށް އެމްޑީޕީން ބުންޏެވެ. އެގޮތުން ގެދޮރުގެ ރައްކާތެރިކަމާއި އަމިއްލަ ނަފުސުގެ ރައްކާތެރިކަން ކަށަވަރު ނުކުރެވޭ ހިސާބަށް ކަންކަން އެއިރު ވެސް ދިޔަ ކަމަށް އެމްޑީޕީން ބުންޏެވެ.

"މި ޕާޓީއަށް ފެންނަ ފެނުމުގައި، މި ސަރުކާރުގެ އަމަލުތައްވެސް މިހިރީ އެ މަގުން،" އެމްޑީޕީން ބުންޏެވެ.

ނިމިގެންދިޔަ އެމްޑީޕީ ސަރުކާރުގެ ފަސް އަހަރަކީ ފާއިތުވި 15 އަހަރުގެ ތެރޭގައި އެންމެ ކުށްމަދު ފަސް އަހަރުކަން ފާހަގަކޮށް އެމްޑީޕީން ބުނީ ދައުލަޔުގެ އެންމެ އިސް ޒިންމާއަކީ ގައުމުގެ އަމާންކަން ނެގެހެއްޓުން ކަމަށެވެ. އެހެންކަމުން ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދީ ބިރުވެރިކަމެއް ނެތި އުޅެވޭނެ މުޖުތަމައެއް ބިނާކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލާ ކަމަށް އެމްޑީޕީން ބުންޏެވެ.

އެމްޑީޕީން އެފަދަ ބަޔާނެއް ނެރެފައިވަނީ މިވަނީ މިފަހުން އައްޑޫ ސިޓީގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީތަކެއް ހިންގާފައި ވަނިކޮށެވެ. އޭގެ ތެރެއިން މާރާމާރީއެއްގެ ޒަހަމްވި މީހެއްގެ ހާލު ސީރިއަސްވުމުގެ ސަބަބުން މާލެ ގެނެސް ދަނީ ފަރުވާ ދެމުންނެވެ. އަދި ވަނީ 20 އަހަރުގެ ޒުވާނެއްގެ ގަޔަަށް ވަޅި ހަރައި ޒަހަމްކޮށްލައިފައެވެ. އޭނާއަށް ހަމަލާދީފައިވަނީ ގޭގައި ހުއްޓައެވެ.

މީގެ އިތުރުން މާލޭގައިވެސް ވަނީ މިފަހުން މާރާމާރީތަކެއް ހިންގައިފައެވެ. އެ މައްސަލަތަކުގައިވެސް ބަޔަކުވަނީ ހައްޔަރުކޮށްފައެވެ.