ރައްޔިތުންގެ މަޖިލީހަށް ހުށަޅާ ގަރާރަށް ބަހުސް ކުރުުމުގެ ކުރިން އެ ގަރާރެއް މަޖިލީހަށް ބަލައިގަނޭތޯ ވޯޓަށް އަހައި ގަރާރު މަޖިލީހަށް ބަލައިގަތުމަށްފަހު އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދު، މަޖިލީހުގެ އާއްމު ކޮމިޓީން ބަދަލުކޮށްފިއެވެ.

މި ގޮތަށް މަޖިލިސް ގަވައިދުގެ 191 ވަނަ މާއްދާ އިސްލާހު ކުރަން ހުށަހެޅުއްވީ، އަމިއްލަ މެންބަރެއްގެ ގޮތުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.

ގަވާއިދުގެ 191 ވަނަ މާއްދާގައި މިހާރު އޮންނަނީ، މަޖިލީހުގައި ގަރާރުގެ މައްޗަށް ވެސް ހިނގާނެ އުސޫލަކީ އާއްމު ގޮތެއްގައި ބިލުގެ މައްޗަށް ހިނގާ އުސޫލު ކަމަށެވެ. ނަމަވެސް މަޖިލީހުން ގަރާރު ފާސް ވުމުން، ބިލު ތަސްދީގު ކުރަން އޮންނަ އުސޫލުން ގަރާރު ތަސްދީގު ކުރަން ފޮނުވަން ނުޖެހޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

އެގޮތުގެމަތިން ގަރާރުތަކާ މެދު މިހާތަނަށް އަމަލު ކުރަމުން އައީ މެންބަރަކު ގަރާރެއް ހުށަހެޅުމުން، އެ ގަރާރުގެ ފުރަމަ ކިޔުން އިއްވައި، އެ ގަރާރުގެ އިބްތިދާއީ ބަހުސް ކުރިއަށް ގެންދަން ހުޅުވައިލާ ގޮތަށެވެ. އެއަށްފަހު މަޖިލީހަށް ބިލު ބަލައިގަންނަ އުސޫލުން ގަރާރު ވެސް މަޖިލީހަށް ބަލައިގަނެ ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް އަންނަނީ ފޮނުވަމުންނެވެ.

ނަމަވެސް ގަވާއިދަށް ގެންނަން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، މަޖިލީހަށް ގަރާރު ބަލައިގަންނަން ވޯޓަށް އަހާނީ ގަރާރުގެ އިބްތިދާއީ ބަހުސް ފެށުމުގެ ކުރިން ކަމަށެވެ. ގަރާރު މަޖިލީހަށް ބަލައި ނުގެންފިނަމަ އިތުރު ބަހުސެއް ނޯންނާނެ ކަމަށާއި ގަރާރު ބާތިލުވީ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

އެ ގޮތަށް މަޖިިސް ގަވައިދު ބަދަލު ކުރުމުން ކުއްލި މައްސަލަތައް ގޮތަށް، މަޖިލީހަށް ހުށަހަޅާ ގަރާރަކަށް ބަހުސް ކުރުމަށް މަޖިލީހުގައި އެއިރަކު އޮންނަ މެޖޯރިޓީއަކުން ބޭނުންވެއްޖެ ނަމަ، ބަހުސަކާ ނުލައި ގަރާރު މަޖިލިސް ތަޅުމުން ބޭރުކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މިއީ ވަރަށް ރަނގަޅު އިސްލާހެއް ކަަމަށް ވިދާޅުވެ، މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި މި އިސްލާހު މަޖިލީހުގެ ގަވާއިދަށް ގެންނަން ފާސްކުރަން ހުށަހެޅުއްވީ، ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ދީދީއެވެ. ތާއީދު ކުރެއްވީ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.