ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓުތަކާއި ބައިނަލްއަގްވާމީ ޖަމްއިއްޔާތަކުގެ އިމްތިޔާޒުތަކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގަނެ އިތުރަށް ދިރާސާ ކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވައިފިއެވެ.
މަޖިލީހުން އެގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވި 43 މެމްބަރުންގެ ވޯޓުންނެވެ.
ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި މި ބިލުގެ އިބްތިދާއީ ބަހުސް މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.
ބިލު ހުށަހެޅުއްވި މެމްބަރު ދާއޫދު ވިދާޅުވީ މި ބިލަކީ ދިވެހިރާއްޖޭގައި ގާއިމްކުރާ ޑިޕްލޮމެޓިކް މިޝަންތަކާއި ކޮންސިއުލާ ޕޯސްޓްތަކާއި ޔުނައިޓެޑް ނޭޝަންސްގެ ސްޕެޝަލައިޒްޑް އެޖެންސީތަކާ ގުޅުން ހުރި އެހެނިހެން ފަރާތްތަކަށް، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން، ހަރުދަަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން، ދިވެހިރާއްޖޭގައި ލިބިގެންވާ އިމްތިޔާޒުތައް ކަނޑައަޅައި ބަޔާން ކުރުމަށް މުހިންމު ބިލެއް ކަމަށެވެ. ހަމައެހެންމެ އެ އިމްތިޔާޒުތަކުގެ ދާއިރާ އާއި އެ އިމްތިޔާޒުތައް ލިބިދެވޭނެ ގޮތުގެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމަކީ މި ބުލުގެ މަގުސަދެއް ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ބިލަށް ވާހަކަދެއްކެވި ޕީއެންސީ މެންބަރުން ވިދާޅުވީ މި ބިލަކީ ރާއްޖޭގެ ހާރިޖީ ސިޔާސަތު ހަރުދަނާ ކުރުމަށް މުހިންމު ބިލެއް ކަމަށެވެ. ރާއްޖޭގައި ހުންނަ މިޝަންތަކަށް ރާއްޖެއާ މެދު އޮންނަ އިތުބާރު ވެސް މި ބިލުގެ ސަބަބުން އިތުރަށް ފުރިހަމަ ވެގެންދާނެކަމަށް މެމްބަރުން ފާހަގަކުރެއްވިއެވެ.
ބިލުގައި ހިމަނާފައިވާ މުހިންމު ކަންކަމުގެ ތެރޭގައި، ކޮންސިއުލާ ގުޅުންތައް ހިންގުމާއި ގުޅުން ހުރި ތަފްސީލުތައް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި ކޮންސިއުލާ އޮފިސަރުން ނުވަތަ މުވައްޒަފުން ކުރާ މަސައްކަތާއި މުވައްޒަފުންގެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ބިލު މާނަކުރާ ގޮތުގެ ތަފްސީލުތައް ހިމެނެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް