ދައުލަތުގެ އާމްދަނީއަށް 496،300،302 މިލިޔަން ރުފިޔާ އިތުރު ކުރެވޭނެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެެވެ.

މި ބަލަކީ އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ބިލުގެ ފުރަތަމަ ކިޔުން ވަނީ އިއްވައިފައެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުއްވީ ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދެވެ.

މި ބިލުގެ ބޭނުމަކީ ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބު ކުރުމުގައި ޓެކްސް ދައްކާ ފަރާތުން ދައްކަން ޖެހޭ އިންޓްރެސްޓް އުނިކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާ ކުރުމަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމެވެ.

ބިލުގައި ބުނެފައިވަނީ އިންޓްރެސްޓް ކެޕޭސިޓީގެ ގޮތުގައި ބަލާނީ، ޓެކްސް ހިސާބުކުރާ މުއްދަތުގައި އެ ފަރާތުގެ ޓެކްް-އެބިޓްޑާގެ 25 ޕަސެންޓް ކަމަށެވެ. މިހާރު އަމަލުކުރަމުންދާ އާމްދަނީން ޓެކްސް ނެގުމާ ބެހޭ ގާނޫނުގައި ހިމެނޭ ބައެއް ބައިތައް އުނިކުރުމަށް ވެސް ބިލުގައި ހިމަނާފައިވެއެވެ.

މި ބިލު ތަންފީޒު ކުރަން ފެށުމުން ދައުލަތުގެ އާމްދަނީ އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ އިރު، ބިލު ތަންފީޒު ކުރުމަށް ހުށަހަޅާފައި ވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. މި ބަދަލާ އެކު އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 496،300،302 ރުފިޔާ ލިބޭނެ ކަމަށް ބިލުގައި އަންދާޒާ ކޮށްފައިވެއެވެ.