ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެމްޑީޕީ އަދި ޕީޕީއެމް/ޕީއެންސީން، ދެވަނަ ބުރަށް ކެޕްމޭން ކުރުމާ އެއްވަރަށް ދިޔައީ އެހެން ސިޔާސީ ޕާޓީތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ކުރަމުންނެވެ. ނޫސްވެރިންގެ އެންމެ ބޮޑު ސަމާލުކަމެއް ދިން އެއް ކަމަކަށް ވެގެން ދިޔައީ ވެސް އެ މަޝްވަރާތެކެވެ. މަޝްވަރާގެ ބައްދަލުވުން ބާއްވާ ތަންތަނަށް ނޫސްވެރިން ދިޔައީ، ކޯލިޝަން ހެދުމަށް އެއްބަސްވިތޯ އެހުމަށާއި ކޯލިޝަން އެއްބަސްވުމުގެ ޝަރުތުތަކުގެ މައުލޫމާތު ސާފު ކުރުމަށެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް ޕާޓީތަކުގެ އެއްވެސް ބޭފުޅަކު ޖަވާބެއް ދީފައެއް ނުވެއެވެ. ފަހުން މައުލޫމާތު ހާމަކުރާނެކަން ފިޔަވައި އިތުރު ވާހަކައެއް ދެއްކީ މަދު ސިޔާސީ ބޭފުޅުންނެވެ.

ޕީޕީއެމް/ޕީއެންސީން ވަނީ ކޯލިޝަން ހެދުމުގެ މަޝްވަރާ، ޖުމްހޫރީ ޕާޓީ، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)، ދަ ޑިމޮކްރޭޓްސް އަދި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމާނާއެކު ކޮށްފައެވެ. އޭގެ ތެރެއިން ކޯލިޝަން އެއްބަސްވުމަކަށް އާދެވުނީ އެމްއެންޕީއާއެކު އެކަންޏެވެ. ދެން ތިބި ފަރާތްތަކާއެކު ކޯލިޝަން ހެދުމުގެ މަޝްވަރާތައް ފެއިލްވީ ކީއްވެގެންކަން އެ ޕާޓީތަކުން އަދި ޕީޕީއެމް/ޕީއެންސީން ވެސް ބުނެދީފައެއް ނުވެ އެވެ. ބެލެވޭ ގޮތުގައި ކޯލިޝަން މަޝްވަރާތައް ފެއިލްވީ ޕީޕީއެމް/ޕީއެންސީގެ ބަސްމަގު ހުރި ގޮތުގެ ސަބަބުންނެވެ. އެ ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި އަދި މިހާރު ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެފައިވަނީ ކޯލިޝަން ހަދަން ވާނީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. އެހެންކަމުން ބައެއް ނުލިބޭ ގޮތަށް އެ ޕާޓީތަކުން ކޯލިޝަން ހަދަން އެއްބަސް ނުވީ ކަމަށް ބެލެވިދާނެއެވެ. ސަބަބަކީ ކޯލިޝަން ހަދަނީ ސަރުކާރުން ބައެއް ހޯދުމުގެ ނިޔަތުގައި ނުވަތަ މަޖިލިސް އިންތިހާބުގައި ވަކި ދާއިރާތަކަށް "އެކްސްކްލޫސިވް ޓިކެޓް" ލިބޭ ގޮތަށެވެ.

އެމްއެންޕީއާއެކު ޕީޕީއެމް/ޕީއެންސީން ކޯލިޝަން ހެދި ކަމަށް މައުލޫމާތު ދީފައިވަނީ ޝަރުތެއް ނެތި ގައުމަށްޓަކައެވެ. އެކަމަކު އެންމެ ބޮޑު ސުވާލު އުފެދިގެން އަންނަނީ ވެސް މި ކޯލިޝަނާ މެދުގައެވެ. އެ ކޯލިޝަނަކީ އެ މާނަކުރާ ގޮތަށް ޝަރުތެއް ނެތި ހެދި ކޯލިޝަނެއް ކަމަށް މިހާރު ވަނީ ސުވާލު އުފެދިފައެވެ. އެ ސުވާލު އުފެދުނީ އަބްދުއްރަހީމް އަދި އެމްއެންޕީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ދެއްކެވި ވާހަކަތަކެއްގެ ސަބަބުންނެވެ.

އަބްދުއްރަހީމް ވިދާޅުވީ ކޯލިޝަން ހެދުމަށް އެއްބަސްވެވޭނީ އެއްވެސް ޝަރުތެއް ނެތި ކަމަށެވެ. ސަރުކާރުން ވެސް ބައެއް ނުލިބޭ ގޮތަށް ކަމަށެވެ. ޝަރުތެއް ނެތި ކަމަށް އެ ބުނާ ޖުމުލައިގެ މާނައިގައި މިއަންނަ އަހަރު ބާއްވާ މަޖިލިސް އިންތިހާބަށް ވެސް އެއްވެސް ޑީލެއް ނުހެދުމެވެ. އަދުރޭ ވިދާޅުވީ ކޯލިޝަން ސަރުކާރުތަކުގެ ތަޖުރިބާ ދިވެހި ރައްޔިތުންނަށް ކުރެވިފައިވާ ކަމަށާއި އެ މަންފާއެއް ރައްޔިތުންނަކަށް ނުލިބުނު ކަމަށެވެ. އަދި ރައްޔިތުންނަށް މަންފާ ލިބެން އޮތީ ޕީޕީއެމް/ޕީއެންސީގެ ސަރުކާރެއްގައިކަން ރައްޔިތުންނަށް އެނގޭ ކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުން ބޭނުމެއް ނޫން އެހެން ކޯލިޝަން ސަރުކާރެއް،" އަދުރޭ ވިދާޅުވިއެވެ.

މިއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭންގެ ތެރެއިން އަަބްދުއްރަހީމް ދެއްކެވި ވާހަކަތަކެވެ.

އެ ވާހަކަތަކުން އެނގޭ ގޮތުގައި ޕީޕީއެމް/ޕީއެންސީން ތިބީ ކޯލިޝަން ހަދާ ގޮތަކަށް ނޫނެވެ. އެކަމަކު ފެނިގެން ދިޔައީ އެމްއެންޕީއާއެކު ކުއްލިއަކަށް ކޯލިޝަން ހަދައިގެން ގުޅިގެން ކެމްޕޭން ކުރި މަންޒަރެވެ.

އެމްއެންޕީން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ އެމްއެންޕީން، ޕީޕީއެމް/ޕީއެންސީއާ އެކު ހެދި ކޯލިޝަން އެއްބަސްވުމުގައި ތިން ޕާޓީން އެކުގައި އިންތިހާބުތަކުގައި ވާދަކުރުމާ ބެހޭ ގޮތުން މާއްދާއެއް ހިމަނާފައިވާނެ ކަމަށެވެ.

"އެއީ ހުރިހާ އިންތިހާބެއްގައި ވެސް ތިން ޕާޓީން ކެނޑިޑޭޓުން ވާދަކުރާނަމަ، ތިން ޕާޓީގެ އާއްމު މެންބަރުންގެ މެދުގައި (އެ އިންތިހާބީ ދާއިރާއެއްގެ) ޕްރައިމަރީއެއް ބާއްވައި، ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތުން އެ އިންތިހާބުގައި ވާދަކުރުން. އަދި ޕްރައިމަރީ ކާމިޔާބު ކުރާ ފަރާތަކަށް ތިން ޕާޓީގެ އާއްމު މެންބަރުންނާއި ލީޑަޝިޕުން އެއްބާރުލުން ދިނުން،" ނާޒިމް ވިދާޅުވިއެވެ.

ކޯލިޝަން އެއްބަސްވުމުގައި ހިމަނާފައިވާ އިތުރު ކަންކަން ކައުންސިލް މެންބަރުންނަށް އެނގުމަކީ މުހިންމު ކަމެއް ކަމަށާއި އެ އެއްބަސްވުން ވަރަށް އަވަހަށް އެމްއެންޕީގެ ކައުންސިލް މެންބަރުންނާ ހިއްސާކުރައްވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. ނާޒިމް އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގައި މުއިއްޒަށް ހަތް ޕަސަންޓު ވޯޓު ލިބުނީ އެމްއެންޕީއާއެކު ކޯލިޝަން ހެދުމުގެ ސަބަބުން ކަމަށެވެ. އެހެންކަމުން މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށާއި ސަރުކާރު ހިންގުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމްގެ އެ ވާހަކަތަކާ ގުޅިގެން ނޫސްވެރިން އަބްދުއްރަހީމްއާ ސުވާލުކުރުމުން ސީދާ ޖަވާބެއް ދެއްވާފައެއްނުވެއެވެ. އޭނާ ވިދާޅުވީ އެމްއެންޕީއާއެކު އެއްބަސްވުމެއް ހަދައިފައިވާ ކަމަށާއި އެ ޕާޓީއާއެކު ކުރިއަށްދާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެމްއެންޕީގެ އެއްބަސްވުމުގެ ކަންކަން ހުންނާނީ އެ ޕާޓީއާއެކު ކުރިއަށް ދެވޭ ގޮތަށް ކަމަށެވެ.

"އެމްއެންޕީ ތި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑުމެންނާ އެ ބޭފުޅުންނާ އެއްބަސްވި ރޭ ވެސް އެ ބޭފުޅުން ވިދާޅުވި ތިމަންނަމެން މިއައީ އެއްވެސް ޝަރުތެއް ނެތިއޭ. އެއްވެސް ޝަރުތެއް ނެތޭ، އެއްވެސް އެއްޗެއް ބޭނުންވެގެން ނޫނޭ މިއައީ. ދެން އަޅުގަނޑުމެން ތެރޭގައި އޮތް އަންޑަސްޓޭޑިންއެއް އޮތިއްޔާ އޮތީ. ޕްރައިމަރީއެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާނީ ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމަށްފަހު،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އެ ވާހަތަކުން އުފެދޭ ސުވާލަކީ ޝަރުތެއް ނެތްކަމަށްވަންޏާ ނާޒިމް އެފަދަ ވާހަކައެއް ވިދާޅުވާނެތޯއެވެ. އަދި އެ ވިދާޅުވީ "އެމްއެންޕީއާއެކު ކުރިއަށް ދެވޭ ގޮތަށް" އެ ބަހުގެ ތަފުސީލު ވެސް އަބްދުއްރަހީމް ދެއްވައިފައެއް ނުވެއެވެ.

އެހެންކަމުން މި ކޯލިޝަން އެއްބަސްވުމުގައި އެ ޕާޓީތަކުގެ އާންމު މެމްބަރުންނަށާއި އާންމު ރައްޔިތުންނަށް ނޭނގޭ ކަންތައްތަކެއް ހިމެނޭ ކަމަށް ބެލުމުގެ ފުރުސަތު އެބަލިބެ އެވެ.

ދަ ޑިމޮކްރެޓްސްގެ ވަގުތީ ޗެއާޕާސަން، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއާއެކު ކުރިއަށް ގެންދިޔަ ކޯލިޝަން މަޝްވަރާތައް ފެއިލްވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ދެ ޕާޓީން ވެސް ބުނެފައިވަނީ ދަ ޑިމޮކްރެޓްސްގެ ފަރާތުން ހުށަހެޅި ބައެއް ކަންކަމަށް ޕީޕީއެމް/ޕީއެންސީން އެއްބަސްނުވުމެވެ. ޑިމޮކްރެޓްސްގެ ފަރާތުން ކޯލިޝަން ޝަރުތެއްގެ ގޮތުގައި ހުށަހަޅާފައިވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިން ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައްޔިތުންގެ ހިޔާލު ހޯދުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

"ޕީޕީއެމަށް ވެސް ވާނީ ހުށަހެޅުން ހުށަހަޅާފަ. ނިޒާމީ ވޯޓަކަށް ދިއުމުގެ ހުށަހެޅުން. އަޅުގަނޑުމެން މި ހުށަހަޅާ ގޮތަކީ 25 ސެޕްޓެމްބަރުގައި، އެއީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކުރިއަށް ނިޒާމީ ވޯޓެއް ނަގަން. އެއީ ފެންނަ ނުފެންނަ ވޯޓެއް ނަގަން. އެއްބަސްވުމެއްގައި ސޮއިކޮށްގެން ދާން ޕީޕީއެމުން ބޭނުމެއް ނުވޭ" އޭނާ ވިދާޅުވިއެވެ.

ހަސަން ލަތީފުގެ އެ ވާހަކަތަކަށްފަހު އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ޑިމޮކްރެޓްސްއަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ދަ ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހަދަން ބޭނުންނުވާ ކަމަށެވެ. ދަ ޑިމޮކްރެޓްސްއާ ގުޅިގެން ރައްޔިތުން ބޭނުންވާ ފަދަ ވެރިކަމެއް ނުކުރެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ނަމަވެސް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުމާއެކު ޑިމޮކްރެޓްސްއާމެދު އޮތް ހިތްހަމަނުޖެހުން ވަނީ ނެތިގެން ގޮސްފައެވެ. އެކަން ސާފުވަނީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ހަސަން ލަތީފު އަދި އަބްދުއްރަހީމްގެ ވާހަކަތަކުންނެވެ. މުއިއްޒު ވިދާޅުވީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވުނީ ދަ ޑިމޮކްރެޓްސްގެ ވެސް މަސައްކަތުން ކަމަށާއި އެ ޕާޓީގެ ބައެއް މީހުން ސަރުކާރު ހިންގުމުގައި ބައިވެރިކުރާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ ގައުމީ ސަރުކާރެއް ނުވަތަ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލާނެ ގޮތް ޑިމޮކްރެޓްސްގެ ފަރާތުން ވަރަށް ރަނގަޅަށް ކިޔައިދީފައިވާ ކަމަށެވެ.

"އެ ބޭފުޅުންނަކީ ކުރީގައި ވެސް ސަރުކާރު ހިންގެވި ބޭފުޅުން ވީމާ އެ ސަރުކާރުން ކުރި ތަޖުރިބާ އަޅުގަނޑުމެންނާ ހިއްސާ ކުރެއްވީ. ދިމާވެފައި ހުރި މައްސަލަތަކާ. އެއާ އެކީ އޭގެ އަލީގައި ކުރިއަށް ދިއުމުގައި ހިޔާލު ހުރި ގޮތް ހިއްސާ ކުރެއްވި،" އަދުރޭ ވިދާޅުވި އެވެ

ޑިމޮކްރެޓްސްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހަސަން ލަތީފު ވިދާޅުވީ މުއިއްޒުގެ ސަރުކާރެއްގައި ޑިމޮކްރެޓްސްއަށް މަގާމުތަކެއް ލިބޭނެ ކަމަށެވެ. ޑިމޮކްރެޓުންގެ އުންމީދަކީ މުއިއްޒުގެ ސަރުކާރަށް މަޝްވަރާއާއި ލަފާ ދިނުމުގެ އިތުރުން އެ ސަރުކާރު ހިންގުމުގައިވެސް ބައިވެރިވުން ކަމަށެވެ.

"(އުއްމީދަކީ) ސަރުކާރު ހިންގުމުގައި، އޭގެ މާނައަކީ ސަރުކާރުގެ މަގާމުތަކުގައި ޑިމޮކްރެޓުންގެ މެންބަރުންވެސް ތިއްބެވުން،" ހަސަން ލަތީފު ވިދާޅުވިއެވެ.

އެފަހުން ރައްޔިތުން މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް އެގޮތަށް ވާހަކަފުޅުދައްކަވައިފައެވެ.

ރިޔާސީ އިންތިހާބުގައި ދެވަނަ ބުރުގައި ޑިމޮކްރެޓްސްގެ ފަރާތުން ރަސްމީ ގޮތެއްގައި މުއިއްޒަށް ތާއީދުކޮށް ކެމްޕޭނު ކޮށްދީފައެއްނުވެއެވެ. ނަމަވެސް ރަސްމީކޮށް ކޯލިޝަން ހަދައި ކެމްޕޭނުގައި ބައިވެރިވި އެމްއެންޕީއާއެކު ޝަރުތެއް ނެތި އެއްބަސްވުމެއް ހެދުމަށްފަހު، ޑިމޮކްރެޓްސްއަށް ސަރުކާރުގެ ހިއްސާއެއް ދޭން މިޖެހުނީ ކީއްވެގެންތޯއެވެ. ދަ ޑިމޮކްރެޓްސްއިން ބޭނުންވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނޫން ގޮތެއް ހޯދުމަށެވެ. އެ ޕާޓީގެ ޕީޖީގެ ލީޑަރު އަލީ އާޒިމް ވިދާޅުވީ، ރައީސް ސޯލިހުގެ ވެރިކަން ބަދަލުކުރުމަށްފަހު ދެން މަސައްކަތް ކުރައްވަން ޖެހޭނީ މުއިއްޒު، ރައީސުލްޖުމްހޫރިއްޔާގެ މަގާމުން ބޭލުމަށް ކަމަށެވެ. ކަން މިހެން އޮތްވާ ރިޔާސީ އިންތިހާބަށްފަހު ދަ ޑިމޮކްރެޓްސްއާމެދު "ހިތްސާފުވި" ގޮތެއް އެނގޭ މައުލޫމާތެއް އަދި އެއްވެސް ފަރާތަކުން ހާމައެއް ނުކުރެއެވެ.

ދަ ޑިމޮކްރެޓްސްއާއެކު ކޯލިޝަން ހަދައިފިނަމަ އެއްބަސްވުން ހާމަކުރަން ޖެހޭނެ ކަމަށް ހަސަން ލަތީފު ވިދާޅުވިޔަސް، އެ ޕާޓީގެ މީހުންނަށް މުއިއްޒުގެ ސަރުކާރެއްގައި މަގާމުތަކަށް އާދެވުމުގެ "ޑީލް" އަކީ ކޮބައިކަން ހާމަކުރައްވާފައެއް ނުވެއެވެ. އެމްއެންޕީއަށް ނުދިން ހައިސިއްޔަތެއް ޑިމޮކްރެޓްސްއަށް ދޭން މަޖުބޫރުވީ ކޮން ސަބަބަކާތޯ ސުވާލު އުފެދެއެވެ. ސާފުވާ ކަމަކީ ސިއްރު ޑީލްތަކެއް އެމްއެންޕީ އަދި ދަ ޑިމޮކްރެޓްސްއާއެކު ވެސް ހިނގައިފި ކަމެވެ. އެކަމުގެ ތަފުސީލު ހާމަކުރަން އެއްވެސް ބަޔަކު ބޭނުންނުވާ ކަމެވެ.

ކޮންމެއަކަސް، ސިޔާސީ ޕާޓީތަކަކީ، ދައުލަތުން ފައިސާގެ އެހީ ދޭ ބައެކެވެ. އެއީ ރައްޔިތުންގެ ފައިސާ އެވެ. އެންމެންގެ ފައިސާ އެވެ. އެ ފައިސާ ދެނީ ހަރުދަނާ ޑިމޮކްރެސީއަކަށް ދިވެހީން މި ކުރާ ދަތުރަށް އެހީވުމަށެވެ. އެހެން ކަމުން، ސިޔާސީ ޕާޓީ ތަކަށް ސަރުކާރު ތެރެއިން ބައި އަޅާ ގޮތަށް ޑީލްތަކެއް ހަދާ ނަމަ، އެ ކަން ސާފުވާން ޖެހޭނެ އެވެ. އެކަން ސާފުވާން ވާނީ ހަމައެކަނި އެ ޕާޓީގެ މެންބަރުންނަކަށް ނޫނެވެ. އާންމުކޮށް ހުރިހާ ރައްޔިތުންނަށް ވެސް ސާފުވާން ވާނެ އެވެ. ޕާޓީ ސިސްޓަމަކީ ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ހުރިހާ ރައްޔިތުންގެ ޖީބުން ހިންގާ ނިޒާމަކަށް ވާތީ އެވެ.