އިދިކޮޅުން ވިއްކާ ފިތުނައިގައި ރައްޔިތުން ނުޖެހުމަށް އިލްތިމާސްކުރައްވާ ކަމަށާއި އިންޑިއާ އިން ދެ ހެލިކޮޕްޓަރު ގެނެސްފައިވަނީ މި ސަރުކާރުން ނޫން ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން މިރޭ ސޯސަން ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ޕީޕީއެމް، ޕީއެންސީއަކީ އެއްވެސް ބަޔަކު އެމީހުންނާ ގުޅިގެން ވެރިކަމެއް ކުރަން ދާނެ ބައެއް ނޫން ކަމަށާއި އިދިކޮޅުން ދަނީ ފިތުނަ ދޮލަނގަށް ލައިގެން އެ ވިއްކޭތޯ މަސައްކަތްކުރަމުން ކަމަށެވެ. އަދި އެ ފިތުނައިގެ ތެރެއިން އެންމެ ބޮޑަށް ދައްކާ ވާހަކައަކީ އިންޑިއާގެ ވާހަކަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އިންޑިއާ އިން މި ރާއްޖެއަށް ދެ ހެލިކޮޕްޓަރު ގެނެސް، މި ސަރުކާރުން ގެނައި ކަމަށް ވިދާޅުވެ ތުހުމަތުކުރައްވަމުން ގެންދަވާ ދެ ހެލިކޮޕްޓަރު ވާހަކަ ސާފުކޮށް ދައްކާލަމާތޯ. ދިވެހިރާއްޖެއަށް ފުރަތަމަ ހެލިކޮޕްޓަރެއް ގެނައީ 2011 ވަނަ އަހަރު، އެ ހެލިކޮޕްޓަރު ގެނައީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ރައީސް ނަޝީދު ހުންނެވި އިރު. ދެވަނަ ހެލިކޮޕްޓަރެއް ގެނައީ 2016 ވަނަ އަހަރު، ރައީސުލްޖުމްހޫރިއްޔާކަމުގައި ހުންނެވީ ރައީސް ޔާމީން. މި ދެ ހެލިކޮޕްޓަރެއް މިތަނުގައި އަޅައިގެން ތިއްބައި، މި ދެ ހެލިކޮޕްޓަރުން ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނަކަށް ހިދުމަތްދެމުން ދަނިކޮށް، 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އެ ދެ ހެލިކޮޕްޓަރު ގެނައުމާއި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަކާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި އޭގައި އަޅާފައި އޮތް ސޮޔެއް އަޅާފައި އޮތީ ކުރީގެ ސަރުކާރުތަކުން ކަމަށެވެ. އަދި އައްޑޫ ސިޓީގައި ފުލުހުންނަށް ތަމްރީނުދޭ މަރުކަޒަކީ ވެސް އިންޑިއާގެ މިލިޓަރީ މަރުކަޒެއް ކަމަށް ވާހަކަތައް ފަތުރަމުންދިޔަކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
"ހިތްޕުޅަށް ގެންނަވާ، އެ ވާހަކަދައްކަމުން ގެންދިޔައިރު އިންޑިއާ އިން އައްޑު އަތޮޅުގައި އެ ބިނާއެއް ހަދަން ފަށާފައި އޮތީ ރައީސްކަމުގައި މުހައްމަދު ވަހީދު ހަސަން މަނިކު ހުންނަވަނިކޮށް. އޭރުގެ ހޯމް މިނިސްޓަރަކީ ޑރ. ޖަމީލު. އަޅުގަނޑުމެންނާ ބެހޭކަމެއް ނޫން. އެކަން އެގޮތަށް ހިންގަމުން ގެންދަނިކޮށް، އައްޑު އަތޮޅުގައި އެ އިމާރާތް ނަގައި ބޮޑުވަމުންދަނިކޮށް، ފިތުނަ ދޮލަނގަށް ލައިގެން ނުކުމެވަޑައިގެން ބޭފުޅުން ވިދާޅުވީ އެއީ އިންޑިއާ މީހުން ތިބޭނެ މަރުކަޒެކޭ. އިންޑިއާ ސިފައިންނަށް ހަދާ ތަނެކޭ، އެއީ ރާއްޖެ ހިފަން ހިންގާ ރޭވުމެކޭ. އަޅުގަނޑުމެން ކިޔަމުން ދިޔައިން ތިވަރަށް ދޮގު ނުހައްދަވާށޭ،" މިނިސްޓަރު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ އުތުރު ތިލަފަޅުގައި ވެސް ހަދަނީ އިންޑިއާގެ މަރުކަޒެއް ކަމަށް ބުނަމުންދާ އިރު، އެއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހުންނަވައިގެން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ސޮއި އަޅުއްވާފައި އޮތް ޑިފެންސް އެކްޝަން ޕްލޭނެއް ކަމަށެވެ. އަދި އެ އެއްބަސްވުން އިތުރަށް ދިރާސާކޮށްފައި، އެ އެއްބަސްވުމުގައި ހުރި ބައެއް ކަންތައްތައް އުނިކޮށްފައި، މިހާރު ބިނާކުރަމުން އެ ގެންދަނީ އެތަނަކީ ދިވެހިރާއްޖޭގެ ފުރިހަމަ ބާރު ހިނގާ ތަނެއްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"އޭގައި އެބައޮތް ސާފު އިބާރާތުން އެއްބަސްވެ ސޮއި އަޅާފައި، ތިމަން މަނިކުފާނު ބޭނުންފުޅުވެއޭ އުތުރު ތިލަފަޅުގައި ދިވެހިރާއްޖޭގެ ކޯސްޓްގާޑަށް މަރުކަޒެއް ހަދަން. އަދި އޭރު އެ ލިޔުއްވި ލިޔުއްވުމުގައި އަޅުއްވާފައި އޮތް ސޮއިގައި އެތަނުގައި އެއާޕޯޓެއް އަޅައި، އެތަނުގައި އެކިއެކި ކަންކަން ކުރައްވާ ވާހަކައަށް ދަންދެން ލިޔެފައި އޮތް. އެހެންވީމާ މި ކަންތައްގަނޑު ފަށައިގެން މިއުޅެނީ އަޅުގަނޑުމެންނެއް ނޫން، މިފަހަރު އިންތިހާބުގައި ވާދަކުރައްވައި ކޮންމެވެސް ވަރަކަށް ވޯޓު ހޯއްދެވި ރާއްޖޭގެ ކުރީގެ ޑިފެންސް މިނިސްޓަރަކު، ނާޒިމް އޭގައި ސޮއިކުރައްވާފައި އޮތީ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ޝާހިދު އިތުރަށް ވިދާޅުވީ ދިވެހިރާއްޖޭގެ މިނިވަންކަން ނަގާލަން ރޭވި ބަޔަކީ ޕީޕީއެމް ކަމަށާއި ރާއްޖޭގެ ބިން ކަނޑައި، އަތޮޅުތަކާއި ރަށްތައް ބޭރު މީހުންނަށް މިލްކުވާނެ ގޮތަށް ވިއްކާލަން ގާނޫނުއަސާސީ ބަދަލުކުރި މީހުންނަކީ އެއީ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ރައީސް ސޯލިހު ހަވާލުވެވަޑައިގެން ފުރަތަމަ ކުރެއްވި މަސައްކަތްޕުޅަކީ ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހު އުވައިލެއްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ދިވެހިރާއްޖެއިން އެންމެ ވެލިފުކެއްވެސް ބޭރު މީހަކަށް ނުދާނެ ގޮތަކަށް ހައްދަވައިދެއްވީ މި އިންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު. އެވަރުގެ ވާހަކައެއް އަޅުގަނޑުމެން މި ދައްކަނީ. ފިތުނަ ދޮލަނގަށް ލައިގެން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެ. ފިތުނައިގައި ޖެހިވަޑައިނުގަންނަވާތި. މި ދިވެހިރާއްޖޭގެ އެންމެ ވެލިފުކެއް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަލިއްޔުލްއަމްރުގެ މަގާމުގައި ހުންނަވައިގެން ބޭރު ފަރާތަކަށް ދާނެ ހަމަ އެންމެ ގޮތެއްވެސް ނެތް." މިނިސްޓަރު ވިދާޅުވިއެވެ.