ގޯއްޗާއި ފްލެޓް ލިބިގެން މިހާރު އޮތް ގޯތި ދޫކޮށްލަން ނުޖެހޭ ގޮތް ގާނޫނާއި ގަވާއިދު އިސްލާހު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނުގެ ތެރެއިން ފަރިދީ މަގުގައި ސްޓެޓިކް ކުރިމަތީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ނުހޯދުމުގެ ސަބަބުން މީހުން ދިރިއުޅެނީ 10 ފޫޓު ކޮޓަރިތަކުގައި ކަމަށެވެ. އެގޮތަށް އުޅޭ މީހުންނަށް ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން ގޯތި ނުވަތަ ފުލެޓު ލިބުނަސް، އެ މީހުންނަށް މާލެއިން ލިބިފައިވާ ކުޑަ ބިންކޮޅު އަތުލުމަކީ އިންސާފުވެރި ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.
"މައިންބަފައިން އަތުން ލިބުނު ތަންކޮޅު، ނުވަތަ ގޭތެރޭގައި ބަހާލައިގެން ކޮންމެ ކޮޓަރިއެއްގައި އުޅެމުންދަނިކޮށް އެ ކޮޓަރި ވެސް ދޫކޮށްލާފައި ދާން ޖެހުނީމަ، އަސްލު އެހާ ދުވަސް ކޮށްފައި 30، 40 އަހަރު ކޮށްފައި މި ލިބޭ ގެދޮރުގެ ފުރުސަތު އެންމެ އިންސާފުވެރި ގޮތަކަށް ލިބުނު ކަމަކަށް އިހުސާސެއް ނުވާނެ،" މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ހިޔާ މަޝްރޫއުގެ ދަށުން ފުލެޓު ލިބުނު މީހުންގެ ތެރެއިން 600 އަކަފޫޓް އަދި 700 އަކަފޫޓު ތަންކޮޅެއް ލިބިފައިވާ މީހުންގެ އަތުން އެތަންތައް އަތުލައިފައިނުވާ ކަމަށެވެ.
"އަޅުގަނޑު ބޭނުންވަނީ އެ ހުރިހާ ރައްޔިތުންނަށް ވެސް މިދެންނެވި ގޮތަށް ދޫކޮށްލަން ޖެހޭ ގޮތަށް އޮތް އޮތުމަށް ބަދަލު އައިސް، ދޫކޮށްލަން ނުޖެހޭ ގޮތް ވާން،" މުއިއްޒު ވިދާޅުވިއެވެ.
މާލޭ ރައްޔިތުންނަށް ދިމާވެފައިވާ އެ މައްސަލަ 2،000 ފުލެޓް ހެދިޔަސް ހައްލުނުވާނެ ކަމަށެވެ. އެހެންވެ އޭނާ ނިންމަވާފައިވަނީ ގުޅިފަޅު އަދި ގިރާވަޅު ޕްލޭނެއްގެ ދަށުން ތަރައްގީކުރެއްވުން ކަމަށެވެ.
މާލޭ ރައްޔިތުންނަށް ހާއްސްކޮށްގެން ކުރިއަށްގެންދިޔަ ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުން، މާލެއިން ލިބިފައިވާ ގޯތި ނުވަތަ ވާރުތަވާ ގޯތި ދޫކޮށްލަން ޖެހެއެވެ. އެގޮތަށް ގޯތި ދޫކޮށްލުމަށް ހައުސިން މިނިސްޓްރީން ވަނީ ފަސް އަހަރު ދުވަހުގެ މުއްދަތެއް ދީފައެވެ.