ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި އެމަނިކުފާނު ސެލްފީ ނެގި އަދަދަށް ވެސް ވާދަވެރިންނަށް ވޯޓު ނުލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕޭން ނިންމާލުމަށް މާލޭ އުސްފަސްގަނޑުގައި މިއަދު ހަވީރު ބޭއްވި އެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވާދަވެރިން އިއްޔެއިން ފެށިގެން ކެމްޕެއިން ކުރުން ހުއްޓާލާފައިވާ ކަމަށާއި ކެމްޕެއިން ކުރަމުން އަންނަ ހަމައެކަނި ބަޔަކީ އެމްޑީޕީއާ ގުޅިފައިވާ ކޯލިޝަނުން ކަމަށެވެ. އަދި މި ކެމްޕޭނުގައި އެ މަނިކުފާނު ނެންގެވި ސެލްފީގެ އަދަދުން އެކަނިވެސް އިދިކޮޅު ކެންޑިޑޭޓް ބަލިވާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ގާނޫނުއަސާސީން ރައްޔިތަކަށް ލިބިދޭ އެންމެ ބޮޑު ހައްގަކީ ވޯޓު ދިނުމުގެ ހައްގު ކަމަށާއި އެ ހައްގު ބޭނުންކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއި އަމާނާތްތެރިކަމާއެކުގައި ކަމަށެވެ. އަދި އެ ނިންމުން ވާންވާނީ މުޅި ގައުމަށާއި ދިރިއުޅޭ ރަށަށާއި އަމިއްލަ ނަފުސަށް ފައިދާވާ ނިންމުމަކަށް ކަމަށް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުގައި، 2013 އިން 2018 ވަނަ އަހަރާ ދޭތެރޭގައި އުޅެމުން ދިޔައީ ބިރުވެރިކަމާއި ނާމާންކަމާއި ހަމަނުޖެހުމުގެ ތެރޭގައިކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، 2018 ވަނަ އަހަރު ރައްޔިތުން ނުކުމެ އެ ވެރިކަން ބަދަލުކުރީ ތަރައްގީއާއި ހަމަޖެހުން ބޭނުންވާތީ ކަމަށެވެ. އެގޮތުން ރިޔާސީ ކެމްޕެއިން ނިންމާލާއިރު، މި ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭކަމުގެ ހިތްހަމަޖެހުން އެބަ އޮތް ކަމަށް ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓަކު ވާދަކުރައްވާއިރު ރައީސް ސޯލިހު ވަނީ ކެމްޕެއިނަށް ރާއްޖޭގެ 170 ރަށަކަށް ވަޑައިގެންފައެވެ.