ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއެކު ކުރެވުނު މަޝްވަރާތަކުން ޔަގީންކަން ލިބިވަޑައިގެންނެވީ ކުރިއަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިގެންދާނެ މަންޒަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިގޮތަށް ވިދާޅުވީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒު ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުވަޒީރުގެ ގެކޮޅުގައި އޮތް ރަސްމިއްޔާތެއްގައި ދެ ބޭފުޅުން ގުޅިގެން ދެއްވި ބަޔާނުގައެވެ.

ރައީސް ވިދާޅުވީ ދެގައުމުގެ ދުވަސްވީ ގާތްގުޅުމުގެ ސަބަބުން ވަރަށް ގިނަ ކަންކަމާ ވަރަށް ވެސް ފުޅާ ދާއިރާއެއްގައި ވަރަށް ދިގުކޮށް މަޝްވަރާ ކުރެވުނު ކަމަށެވެ. އެކަމުގެ ސަބަބުން ދެ ގައުމުގެ ގުޅުން ބަދަހިވެ އިތުރަށް ކުރިއަރާނެކަމުގެ ޔަގީންކަން ލިބިވަޑައިގެންނެވި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މަޝްވަރާތައް ނިންވައިލެއްވުމުން އަޅުގަނޑަށް އިހުސާސްކުރެވުނު އެއް ކަމަކީ ދެ ބޭފުޅުންގެ ވިޝަން އެއްގޮތްކަމާއި ދެގައުމުގެ ގުޅުން އާ ހަރުފަތަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަގީންކަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މަޝްވަރާތަކުން ދެގައުމަށް ފައިދާ ކުރަނިވި އަދި ދެގައުމުގެ ރައްޔިތުންނަށް ފައިދާވާނެ ގިނަ ކަންކަން މަގުފަހިވެގެންދާނެ ކަމަށެވެ.

އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން ބަދަހި ކުރުމާ ގުޅޭ މަޝްވަރާތައް ކުރެވުނު ކަމަށާއި އޭގެ ތެރޭގައި ވިޔަފާރި އާއި ސިއްހީ ދާއިރާގެ އިތުރުން ތައުލީމީ ދާއިރާ އަދި ޓޫރިޒަމާއި މަޝްވެރިކަމާއި ޒުވާނުން ބިނާ ކުރުމާއި ދިފާއީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭ ކަންކަމާ މަޝްވަރާ ކުރެވުނު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.