ރައީސް މުހައްމަދު މުއިއްޒު ސިޔާސީ ދާއިރާގައި ކުރައްވާ މަސައްކަތްތަކާއި ބައިނަލްއަގުވާމީ މައިދާނުގައި ގައުމުތަކާ އެކު އޮންނަ ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ މަސައްކަތްތަކުގެ އަގުވަޒަންކޮށް ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުގެ ފަރާތުން އެމަނިކުފާނަށް އޮނަރަރީ ޑޮކްޓަރޭޓެއް މިއަދު އަރުވައިފިއެވެ.

ރައީސަށް މި ޝަރަފު އަރުވާފައިވަނީ ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒު ޝަރީފްގެ ދައުވަތަކަށް އެ ގައުމަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގެ ތެރެއިން މިއަދު ބޮޑުވަޒީރުގެ ގެކޮޅުގައި އޮތް ރަސްމިއްޔާތެއްގައެވެ.

ރައީސް މުއިއްޒަށް މި އޮނަރަރީ ޑޮކްޓަރޭޓް އެރުއްވީ، އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އޮފް އިސްލާމްއާބާދުގެ ނައިބު ރައީސް ޕްރޮފެސަރު ޑރ. ނަދީމް އަހްމަދު ޝެއިހެވެ.

ޕާކިސްތާނުގެ ޔުނިވާސިޓީއަކުން ރައީސް މުއިއްޒަށް އޮނޮރަރީ ޑޮކްޓަރޭޓްކަން އަރުވަނީ ---

އެ ޝަރަފާ ހަވާލުވެވަޑައިގެން ރައީސް މުއިއްޒު ވިދާޅުވީ، ޕާކިސްތާނުގެ އިސްލާމިކް ޔުނިވާސިޓީން އެ ޝަރަފު އެ މަނިކުފާނަށް އެރުވުމަކީ ލިބުނު ޝަރަފެއް ކަމަށެވެ.

މީގެ ކުރިން އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާ (އައިއައިޔޫއެމް) އިންވެސް ރައީސް މުއިއްޒަށް ވަނީ އޮނަރަރީ ޑޮކްޓަރޭޓެއް އަރުވައިފައެވެ. އެ ޔުނިވާސިޓީން ރައީސަށް ޑޮކްޓަރޭޓްކަން އެރުވީ އިސްލާމިކް ލީޑާޝިޕް އަދި މަދަނީ ޑިވެލޮޕްމަންޓުގެ ދާއިރާއިންނެވެ.

ރައީސް މުއިއްޒު ވަނީ، ލީޑްސް ޔުނިވާސިޓީން އިންޖިނިއަރިންގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ހާސިލްކުރައްވައިފައެވެ.