މާލޭ ސިޓީ ކައުންސިލުން މާލޭގެ މަގުތައް ވިއްކައި ހުސްކޮށް، އެ ފައިސާ އިން ކެމްޕޭންކުރަމުންދާ ކަމަށާއި އެކަމަށް ފުރުސަތެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކުރައްވައި ރައީސް ވިދާޅުވީ ޓްރެފިކްގެ މައްސަލައާއި މަގުތަކުގެ މައްސަލައަކީ ލާމަރުކަޒީ ގާނޫނުން ސިޓީ ކައުންސިލަށް މަތިކޮށްފައި އޮތް ކަމެއް ކަމަށާއި މާލޭ ސިޓީ ކައުންސިލުން އެޑްވާންސަށް ފައިސާ ނަގައިގެން ޕާކިންއަށް ވިއްކަމުންދާ ކަމަށެވެ.

"ރާއްޖޭގެ ބޮޑެތި ފަޅުތަކާއި ބޮޑެތި ރަށްތައް އެބޭފުޅުން ވިއްކި ގޮތަށް މިއަދު އެ ހުރީ މާލޭގެ މަގުތައް ވިއްކައި ހުސްކޮށްފައި. މިކަން ބަދަލުކުރަން ޖެހޭނެ އަޅުގަނޑުމެން ދެން އަންނަ ދައުރެއްގައި. އެތަންތަން ނަގަން ޖެހޭނެ. އަޅުގަނޑުމެންގެ ސިޔާސަތަކީ މަގުތައް ހުސްކޮށް، ޕާކިންއަށް ވަކި ޕާކިން ސަރަހައްދުތަކެއް ކަނޑައެޅުން. މިހެންނެއް މާލޭގެ މަގު ވިއްކާފައި ލާރި ނަގައިގެން ކެމްޕޭން ކުރާކަށް ފުރުސަތެއް ނޯންނާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިޔާސީ ހަލަބޮލިކަމުގެ ނިކަމެތިކަން އެންމެ ބޮޑަށް ލިބުނު ބަޔަކީ މާލޭގެ ރައްޔިތުން ކަމަށާއި މާލޭގެ ހުރިހާ ކަމަކަށް އޭގެ ނުރަނގަޅު އަސަރު ކުރި ކަމަށެވެ. އަދި ބޯހިޔާވަހިކަމުގެ މައްސަލައާއެކު އާއިލާތަކަށް އޭގެ އަސަރުކުރި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމުގެ މައްސަލަ ބޮޑުވެފައި އޮތީ. މިހާތަނަށް މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދުމަށް އެންމެ ބޮޑު މަސައްކަތެއް ކުރި ސަރުކާރަކީ މި ސަރުކާރު. މާލޭގެ 19،000 ރައްޔިތުންނަށް މިއަދު އެވަނީ ބިން ކަނޑައި، އިން ވަކިކޮށް ގޯތީގެ ފަތްދީފައި. 13،000 ރައްޔިތުންނަށް ފުލެޓު ކަށަވަރުކުރެވިއްޖެ. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި މަސައްކަތްކޮށް ނިންމާލާނީ މާލޭގައި ބޯހިޔާވަހިކަމަށް ބޭނުންޖެހިފައި ތިބި އެންމެންނަށް އިރާދަކުރެއްވިއްޔާ އެކަމުގެ ހައްލު ހޯދައިދީފައި،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިއަށްއޮތް ދައުރުގައި ކުރާނެ އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް މަސައްކަތަކީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން ކަމަށާއި އެއަށްފަހު ޕާކިންއަށް ވިއްކާފައި ހުރި ގޮޅިތައް ނަގައި ހުސްކޮށް ފަސޭހައިން ހިނގާލާ އުޅެވޭ ތަނަކަށް މާލެ ބަދަލުކުރައްވާނެ ކަމަށެވެ.