ސައުދި އަރަބިއްޔާއިން ރާއްޖެއަށް ދޫކޮށްފައިވާ 1،000 ހައްޖު ކޯޓާ 2،000 އަށް އިތުރު ކުރުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ޅ. ނައިފަރަށް މިއަދު ވަޑައިގެން އެ ރަށުގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ސައުދީއާ ވަރަށް ގާތް ބޭފުޅެއް ކަމަށާއި ސަލްމާން މިސްކިތް ބިނާކޮށްދެއްވީ އެ ގާތްކަމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑު މި ވަނީކީ ވައުދެއް ނޫން، ނަމަވެސް އަޅުގަނޑު އެ ކަމަށް މަސައްކަތް ކުރާނަން، ހައްޖު ކޯޓާ 2،000 އަށް އިތުރުކުރުމަށް މަސައްކަތް ކުރާނަން، އެއަށްވުރެވެސް އިތުރު ކުރުމަށް ދަންނަވައިގެން މަސައްކަތް ކުރާނަން،" މުއިއްޒު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހައްޖު ކޯޓާއަށް 1،000 ޖާގަ އޮތުމުގެ ސަބަބުން ތަނަވަސްކަން ހުރި މީހުންވެސް އަދި ހައްޖުގެ އަޅުކަމަށް ދާން ބޭނުންވާ އެހެން މީހުންވެސް އަހަރުތަކެއް މަޑުކުރަންޖެހޭ ކަމަށެވެ.
މި ސަރުކާރުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ގައުމާއި ރައްޔިތުންނަށް ވެފައިވާ ފައިދާއެއް ނެތްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، ސަރުކާރުން އެކި ގައުމުތަކާއެކު ހަދައިފައިވާ އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ މިނިވަންކަން އެހެން ގައުމެއްގެ އަތްމައްޗަށް ދޫވެފައިވާ ކަމަށެވެ. އަދި ނައިފަރަށް ވަޑައިގަތުމުން ފެނުނީ ސަރުކާރުން ރައްޔިތުންނާމެދު އަމަލުކުރަންޖެހޭ ހަމަހަމަަ އަދުލުވެރިކަން ނެތް މަންޒަރު ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ނައިފަރުގައި ދިރިއުޅޭ ރައްޔިތުންނަށް އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމު ބޭނުންވާތީ އޭނާގެ ވެރިކަމެއްގައި އެ ނިޒާމު އަޕްގްރޭޑް ކޮށްދެއްވާނެ ކަމަށެވެ. އަދި އެރަށުގެ ހައުސިން ޔުނިޓުގެ ކަރަންޓު ވިއުގާ އަޕްގުރޭޑް ކޮށްދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު